08 Nov 2025, 15:06
އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އަބަދުވެސް އަމަލު ކުރާނީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ، ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ހަތަރު ވަނަ ސައިކަލް ރިވިއު ސެޝަން ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އެ ރިވިއު ސެޝަންގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭއިން ހާސިލުކޮށްފައިވާ ކާމިޔާބީއާއި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރި ކަމަށެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ދިވެހި ސަރުކާރުން އަބަދުވެސް އަމަލުކުރާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ސެޝަންގައި 104 ގައުމަކުން ބައިވެރިވިއިރު، މިދިޔަ ސައިކަލްގައި ރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރާ މަސައްކަތް ފާހަގަކޮށް، އިނަލްއަގުވާމީ މުޖުތަމައުއިން ތައުރީފުކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނީ، ރިވިއު ސެޝަންގައި ބައިވެރިވި ހުރިހާ ގައުމަކުން ކުރިއަށް އޮތް ސައިކަލްގައި ރާއްޖެއިން ތަންފީޒުކުރުމަށްޓަކައި ރެކޮމެންޑޭޝަންތައް ހުށަހަޅާފައިވާ ކަމަށެވެ.
މިގޮތުން، ގައުމުތަކުން ހުށަހަޅާފައިވާ ގިނަ ރެކޮމެންޑޭޝަންތަކަކީ އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ތަރައްގީގެ ޕްލޭންތައް އެކުލަވާލުމަށް އެންމެންގެ ބައިވެރިވުމް ޔަގީންކުރުމާ ގުޅޭ ހުށަހެޅުންތައް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، އޭގެތެރެއިން ތަންފީޒު ކުރަން ޖެހޭނީ މި ގައުމުން ގަބޫލުކުރާ ކަންކަން ކަމަށެވެ.
އެ ރެކޮމެންޑޭޝަންތައް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އަންނަ މަހު 12އާ ހަމައަށް ރާއްޖެއަށް ފުރުސަތު ލިބޭނެއެވެ.
ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ގަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އަމަލުކުރެވެމުންދާ ގާނޫނުތަކަށާއި އިސްލާމީ އަސްލުތަކަށް ރިއާޔަތްކުރާނެބަންޑާރަ ނައިބުގެ އޮފީސް
ފާހަގަކުރެވޭ ގޮތުގައި، ޔުނިވާސަލް ޕީރިއޮޑިކް ރިވިއުއަކީ އދ.ގެ މެންބަރު ގަައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރަމުންދާ މިންވަރާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމަށް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ ރިވިއު ޕްރޮސެސްއެކެވެ.