މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓުކުރި އެކްސިޑެންޓުތައް، މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވިއިރު، ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައް މަދުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި މި އަހަރު ވެސް އެ މުއައްސަސާއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 2374 އެކްސިޑެންޓެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 2487 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ.

މި އަހަރާއި މިދިޔަ އަހަރުގެ ފުރަތަމަ 10 މަހުގެ އެކްސިޑެންޓުތަކަށް ބަލާއިރު:

2024

  • ޖެނުއަރީ: 263

  • ފެބްރުއަރީ: 267
  • މާޗް: 301
  • އޭޕްރިލް: 219
  • މެއި: 226
  • ޖޫން: 214
  • ޖުލައި: 210
  • އޮގަސްޓު: 203
  • ސެޕްޓެމްބަރު: 188
  • އޮކްޓޫބަރު: 283

2025

  • ޖެނުއަރީ: 234

  • ފެބްރުއަރީ: 295
  • މާޗް: 260
  • އޭޕްރިލް: 213
  • މެއި: 273
  • ޖޫން: 256
  • ޖުލައި: 198
  • އޮގަސްޓް: 239
  • ސެޕްޓެމްބަރު: 280
  • އޮކްޓޫބަރު: 239

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް 2,886 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ވައްކަމުގެ 3122 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެެވެ.

ހުޅުމާލޭން މީހަކު ހައްޔަރުކުރުން: މި އަހަރުގެ ފުރަތަމަ 10 މަހު ވައްކަމުގެ 2،886 މައްސަލަ ރިޕޯޓުކުރި --

ފުލުހުންގެ ތަފާސްހިސާބުން މި އަހަރުގެ އިތުރުން، މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދުތައް ވެސް ފެނެއެވެ. އެއިން ދައްކާ ގޮތުގައި އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ.

މިދިޔަ 16 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައް

  • ވައްކަން: 95،064

  • މަސްތުވާތަކެތި: 41،316
  • ޓްރެފިކް އެކްސިޑެންޓް: 40،240
  • ގެއްލިގެން ހޯދާ ތަކެތި: 27،158
  • މާރާމާރީ: 20،966

ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ދަނީ ގެއްލެމުންނެވެ.

އެކްސިޑެންޓުތައް އިތުރުވާތީ، މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން އިއްޔެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ވެސް ފެށިއެވެ.