08 Nov 2025, 13:56
ރަށެއްގެ ފަޅު ތެރޭގައި ދާ ޖަހައިގެން ގިނަ އަދަދެއްގެ މަސް ހިފާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ, ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ފޭސްބުކްގައި 'އިބްރާހީމް ނަޖެޓްޒް'ގެ ނަމުގައިވާ އެކައުންޓަކުން ހިއްސާކުރި ވީޑިއޯއެއްގައި ރަށެއްގެ ފަޅުތެރޭގައި ބޮޑު ދާ އަޅައިގެން ގިނަ އަދަދެއްގެ މަސް ހިފާ މަންޒަރު ފެނެއެވެ. އެ ދޯނީގެ ވަތުތެރެއަށް ވެސް ގިނަ އަދަދެއްގެ ބޮޑެތި ފަރުމަސް އަޅައިފައި ވަނިކޮށް ފެނެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ދަލު މަސްވެރިކަން ހިމެނެއެވެ. މަސްވެރިކަން ކުރުން މަނާ ބަވާތްތަކުގެ ތެރޭގައި:
ބޮޑު ދަލުގެ (ޕާސް ސެއިން) މަސްވެރިކަން
- އޮޔާދާ ދަލުގެ (ގިލް ނެޓް) މަސްވެރިކަން
- ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން
- އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަންކުރުން
- ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން
'ސަން'އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ޓީމަކުން މިހާރު ބަލަމުންދާ ކަމަށެވެ. އެފަދަ މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވަނީ އަލަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް މަސްވެރިކަން ކުރުމަކީ މަނާ ކަމެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވިއެވެ.
"މިކަންކަމަށް ދިވެހި ހުރިހާ ރައްޔިތުން ވެސް އެވެއާ (އަހުލުވެރި) ވާނެ. އެންމެ ކުރިން ފެށިގެން ވެސް މިކަންކަމަކީ މަނާ ކަންކަން،" އޭނާ ވިދާޅުވިއެވެ.
އެ ޕޯސްޓަށް ކޮމެންޓުކުރި ގިނަ މީހުން ވަނީ އެއީ މަނާކަމެއް ނަމަވެސް މިހާތަނަށް ނުހުއްޓުވި އޮތް ކަމެއް ކަމަށް ބުނެފައެވެ. އަދި އެހާ ގިނަ އަދަދެއްގެ މަސް، ދާ ޖަހައިގެން ހިފުމަކީ އިސްރާފެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރިއެވެ.
ގާނޫނުގައިވާ ގޮތުގައި މިހާރުވެސް މިފަދަ އަމަލެއް ކޮށްފިނަމަ، ދެމިލިއަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.