ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މި އަހަރު 1,230 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފައި ވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ފުވައްމުލަކު ސްކޫލުގެ ޢަބްދުލް ޙަމީދު މާލަމުގައި ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

އެ ރަސްމިއްޔާތުގައި ކޯސްތަކުން އެންމެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ދީފައިވެއެވެ. އެގޮތުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ބުކް ޕްރައިޒް، ޗެއާމަންސް އެވޯޑު، މަދަރުސާގެ ސައީދު ހަނދާނީ އެވޯޑު އަދި ހުވަނދަގެ ވަޙީދު ހަނދާނީ އެވޯޑު ވެސް ދީފައިވެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގި ފުރަތަމަ ޑިގްރީގެ ކޯސްތަކުން އެއްވަނަ ހޯދި ޖުމްލަ 14 ދަރިވަރަކު މި ރަސްމިއްޔާތުގައި ޗެއާމަންސް އެވޯޑު ހާސިލްކޮށްފައިވެއެވެ.

އެ ކޮލެޖުން ފުރަތަމަ ޑިގްރީގެ ކޯސްތަކުން އެންމެ މަތީ ގްރޭޑް ޕޮއިންޓު އެވްރެޖު ހޯދައި، މަދަރުސާގެ ސަޢީދު ހަނދާނީ އެވޯޑް މިފަހަރު ހާސިލުކުރީ ބެޗްލާ އޮފް ޓީޗިން ގުރްއާން ކޯސް ނިންމި ފާޠިމަތު ޒަމްޢަތުއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ދަސްވެނިވި ދަރިވަރަކަށް އެވޯޑު ދެއްވުން---ފޮޓޯ: ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބުނީ މާސްޓާސް ޑިގްރީ ކޯސްތަކުން އެންމެ މަތީ ގްރޭޑް ޕޮއިންޓް އެވްރެޖު ހޯދައި، ހުވަނދަގެ ވަޙީދު ހަނދާނީ އެވޯޑު މިފަހަރު ހާސިލުކުރީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް ނިންމި އިބްރާހީމް ވިޝާހު ކަމަށެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ވައިސް ރެކްޓާ ޙުސައިން ސަޢީދާއި ޑރ. ފާޠިމަތު ރަޝީދު ވިދާޅުވީ، ކޮލެޖުގެ އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކޮލެޖުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަކީ އިލްމީ، ގާބިލު، އަޚުލާގު ރަނގަޅު ދަރިވަރުންތަކަކަށް ހެދުމަށް އެ ކޮލެޖުން އަބަދުވެސް މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު ޢަޙްމަދު ވަނީ ކުރިމަގަށް ބޭނުންވާ އިލްމީ، ގާބިލު ފަރާތްތަކެއް ބިނާކުރުމުގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައިފައެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުންހިފައި ގައުމަށް ފައިދާ ކުރަނިވި ޚިދުމަތްތަކެއް ކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ޒިކުރާ އިންޓަނޭޝަލް ކޮލެޖު

ދަސްވެނިވުމުގެ ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އެކަކު އަނެކަކަށް އަޅައިލުމާއި އެކަކު އަނެކެއްގެ އިހުސާސްތައް ދެނެގަނެ، އެއަށް އިޙުތިރާމުކޮށްގެން ވަޒީފާގެ މައިދާނުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ސެޓްފިކެޓް ލެވެލް އެކަކުން ފެށިގެން މާސްޓާސް ލެވެލްއާ ހަމައަށް ގިނަ ދާއިރާތަކަކުން ކޯސްތައް ހިންގަމުންދާ ކޮލެޖެކެވެ. އަދި މި ކޮލެޖަކީ އަތޮޅުތެރޭގައި މައިމަރުކަޒު ގާއިމުކޮށްގެން ހިންގާ ރާއްޖޭގެ ހަމައެކަނި ކޮލެޖުކަންވެސް ފާހަގަކޮށްލެވެއެވެ.