ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔާފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން ސްރީލަންކާ މީހަކު ބަނގުރާ ފުޅިތަކަކާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހު ޑްރަގް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އުމުރުން 44 އަހަރުގެ ދިވެހި މީހަކާއި ސްރީލަންކާގެ 48 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ސްރީލަންކާ މީހެއްގެ އިތުރުން 25 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އަދި ދިވެހި މީހާ ހައްޔަރުކޮށްފައި ވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ އިރާކޮޅު، އޭނާ ދިރިއުޅޭ މ. ހަސްތީ ގޭގެ ފުރަތަމަ ފަންގިފިލާ އިން ކަމަށެވެ. އަދި އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން އަދި ބުނީ އޭނާ ދިރިއުޅުނުތަން ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ދިޔާ އެއްޗެއް ހުރި ކުޑަ ދެ ފުޅި އާއި ރެޑް ލޭބަލް ބްރޭންޑްގެ ހުސް ދެ ފުޅި އާއި ވޮސް ބްރޭންޑްގެ ހުސް ފުޅިއެއް ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އުމުރުން 48 އަހަރުގެ ސްރީލަންކާ މީހާއި 25 އަހަރުގެ ބަންގުލަދޭޝް މީހާ ހައްޔަރުކޮށްފައި ވަނީ "އިމްނާ" ގެސްޓްހައުސް ކޮޓަރިއެއްގެ ތެރޭ ބަޔަކު ބަނގުރާ ގެންގުޅޭ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގެސްޓުހައުސްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ ދެ މީހުން ތިބި ކޮޓަރީގެ ތެރޭ އޮތް ކަޅުކުލައިގެ ފޮށްޓެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރެޑް ލޭބަލް ބްރޭންޑްގެ ހަތަރު ފުޅި އާއި އެކޮޓަރީގައި ހުރި ކަބަޑެއްގެ މަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ އެ ދެ މީހުންނަކީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ދެމީހުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަދި ބުނީ 31 އަހަރުގެ ސްރީލަންކާ މީހާ ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހުގެރޭ 9:50 ހާއިރު ސޯސަންމަގު އަގޯރާ ކައިރީ އޭނާ ހުރި އިރު އޭނާގެ ޢަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި އޮތް ރަބަރު ކޮތަޅެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތާޒާ ކުޑަ ހަ ފުޅި ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ހ. މާވަޑިގޭގެ ކޮޓަރި ބަލައި ފާސްކުރި އިރު، އެ ކޮޓަރި ތެރޭ އޮތް ދަބަހެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފިންލޭންޑް ބްރޭންޑްގެ ފުޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު، ހެންވޭރު ބޯފޮޅި ކެފޭ ތެރޭގައި ބަނގުރާ ބޯންތިބި ކަމުގެ ތުހުމަތުގައި އިއްޔެ ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.