ހިސޯރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، އިސްރާއީލުން ހަމަލާތައް ދޭން ފެށުމުގެ ސަބަބުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ލަސް ކަމަށް އދ އިން ބުނެފިއެވެ.

އެ ޖަމިއްޔާއާއި އެހެނިހެން ގައުމުތަކުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލި ފަހުން ޣައްޒާއަށް 37،000 މެޓްރިކް ޓަނުގެ އެހީ ލިބިފައިވީ ނަމަވެސް އެ މިންވަރު އަދިވެސް މަދު ކަމަށް އދ އިން ބުނެއެވެ.

"އިންސާނީ އެހީތެރިކަން ލިބުމުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، މީހުންގެ ޒަރޫރީ ބޭނުންތައް އަދިވެސް އިންތިހާއަށް ބޮޑު. ހަނގުރާމަ ހުއްޓާލި ފަހުންވެސް އަދިވެސް ހުރި ހުރަސްތައް އެކަށީގެންވާ ވަރަށް އަވަހަށް ނައްތައެއް ނުލެވޭ،" އދ ގެ އިންސާނީ ހައްގުތަކާބެހޭ ޚިދުމަތް ދޭ އިދާރާ, އޯސީއެޗްއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދަނީ އަލް ކަރާރާއާއި ކަރެމް އަބޫ ސަލީމް ހުރަސް މެދުވެރިކޮށް ކަމަށެވެ.

ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަެވައިވާ ޣައްޒާގެ ހަ މަހުގެ ތުއްތު ކުއްޖެއް -- ފޮޓޯ/ ރޮއިޓާސް

އިސްރާއީލުން ޣައްޒާގެ އުތުރަށް ނުވަތަ މިސްރުން ޣައްޒާގެ ދެކުނަށް ސީދާ ވަދެވޭނެ ގޮތެއް ނެތް ކަމަށާއި އެންޖީއޯގެ މުވައްޒަފުންނަށް ވަނުމުގެ ހުއްދަ ނުދޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ހަނގުރާމަ ހުއްޓާލި ފަހުން ޣައްޒާގެ އެއް މިލިއަން މީހުންނަށް ކާބޯތަކެތީގެ ޕާރުސަލް ބަހާފައިވާ ކަމަށް މިދިޔަ ހަފުތާގެ ކުރީކޮޅު އދ އިން ބުންޏެވެ. އަދި ދުނިޔޭގެ ކާނާއާބެހޭ ޕްރޮގްރާމްއިން ފާހަގަކުރި ގޮތުގައި ޣައްޒާއަށް ވަންނަ ހުރިހާ ހުރަސް ޕޮއިންޓްތަކެއް ހުޅުވަން ޖެހޭ ކަމަށާއި އިސްރާއީލާއެކު އުތުރުގެ ހުރަސްތައް ބަންދުކޮށްފައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް އދ އިން ބުންޏެވެ.

އިސްރާއީލުން ކަނޑައަޅާފައިވާ ހުރަސްތަކުގެ ސަބަބުން މުޅި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެނިހެން މުހިންމު ތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

އިސްރާއީލުން ދެ އަހަރު ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެމީހުންގެ ގެދޮރާއި އަވަށްތައް މުޅިން ހަލާކުވެފައިވާތީ ގިނަ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ވެސް ނެތެވެ.