08 Nov 2025, 10:13
ސްކޭމް އިސްތިހާރުތަކުން މެޓާއަށް ބޮޑު އާމްދަނީއެއް ލިބޭކަން ހާމަވެއްޖެއެވެ.
ފޭސްބުކްއާއި އިންސްޓަގްރާމްގެ މައި ކުންފުނި، މެޓާގެ އަހަރީ އާމްދަނީގެ 10 އިންސައްތަ، ނުވަތަ ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު ލިބެނީ މަކަރާއި ހީލަތުގެ ސްކޭމްތަކާ ގުޅުންހުރި އިސްތިހާރުތަކުން ކަމަށް ރޮއިޓާސްގެ އާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. މި ރިޕޯޓް ބިނާކޮށްފައިވަނީ މެޓާގެ އެތެރޭގެ ލިޔެކިޔުންތަކެއްގެ މައްޗަށެވެ.
އެ ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ ސްކޭމް އިސްތިހާރުތަކުން ލިބޭނެކަމަށް މެޓާއިން އަމިއްލައަށް ވަނީ ލަފާކޮށްފައެވެ. އަދި ފާއިތުވި ތިން އަހަރުތެރޭގައި ގާނޫނާ ޚިލާފު ޖުވާ ކުޅުމާއި، އިންވެސްޓްމަންޓް ސްކީމްތަކާއި، މަނާކުރެވިފައިވާ ބޭސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކުރުންފަދަ ކަންކަމުން ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް މެޓާ ފޭލްވެފައިވާކަން ވެސް އެ ރިޕޯޓުން އެނގެއެވެ.
މިއީ ހަގީގަތެއް ނެތް އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކާކަމަށް ދައްކައިގެން އާންމުންގެ އަތުން ފައިސާ ހޯދުމަށް ކުރާ އިސްތިހާރުތަކެކެވެ.
މެޓާގައި ސްކޭމް އިސްތިހާރުތައް ދެނެގަތުމުގެ ނިޒާމެއް ގާއިމްކޮށްފައިވީ ނަމަވެސް، އެ ކުންފުނިން އިސްތިހާރުކުރާ ފަރާތެއްގެ އެކައުންޓެއް ހުއްޓުވަނީ އެއީ ސްކޭމެއްކަން 95 އިންސައްތަ ޔަގީންވުމުންނެވެ. އެއަށްވުރެ ކުޑަ ޝައްކެއް އޮތްނަމަ، އިސްތިހާރުގެ އަގު ބޮޑުކޮށްގެން އެފަދަ ފަރާތްތައް ހުއްޓުވަން މަސައްކަތްކުރެއެވެ. އެފަދަ ފަރާތްތަކުން އަގު ބޮޑުކޮށްފައިވީ ނަމަވެސް އިސްތިހާރު ކުރިއަށް ގެންދިއުމަކީ މެޓާގެ އާމްދަނީ އިތުރުވާ ކަމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ވިދާޅުވީ، ރޮއިޓާސްގެ ރިޕޯޓަކީ "މެޓާއިން ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތް އޮޅުވާލުމަށް ހަމައެކަނި ބައެއް ކަންކަން ނަގައިގެން" ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ސްކޭމް އިސްތިހާރުތަކާ ގުޅޭ ޝަކުވާތައް 58 އިންސައްތަ ދަށްކޮށް، 134 މިލިއަނަށް ވުރެ ގިނަ ސްކޭމް އިސްތިހާރު އެ ކުންފުނީގެ ޕްލެޓްފޯމްތަކުން ނަގާފައިވާ ކަމަށެވެ.
މިފަދަ ތުހުމަތުތަކަކީ މެޓާއަށް ކުރެވޭ އާ ތުހުމަތުތަކެއް ނޫނެވެ. މެޓާ ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އާމްދަނީގެ މައިގަނޑު މަސްދަރަކީ އިސްތިހާރެވެ. އެހެންވެ، ކުންފުނީގެ މާލީ ފައިދާއާއި، ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ދެމެދު އަބަދުވެސް ފުށުއެރުމެއް އޮވެއެވެ.
ދުވާލެއްގެ މައްޗަށް އެތައް މިލިއަން އިސްތިހާރު އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ދައްކާއިރު، އެތަކެތި ހުރިހާ ވަގުތެއްގައި އިންސާނުންނަށް މޮނިޓާކުރުމަކީ ނުވާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަންކަން ބެލެހެއްޓުމަށް ބަރޯސާވަނީ އޮޓޮމޭޓެޑް ނިޒާމްތަކަށެވެ. އަދި މި ނިޒާމްތަކުގެ އުނިކަން ބޭނުންކޮށްގެން ސްކޭމަރުން ދަނީ ފުރުސަތުގެ ބޭނުން ހިފަމުންނެވެ.
މީގެ ކުރިންވެސް، ނަފްރަތުގެ ވާހަކަތަކާއި، ސިޔާސީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ތުހުމަތު މެޓާއަށް ވަނީ ތަކުރާރުކޮށް ކުރެވިފައެވެ.