08 Nov 2025, 09:18
"ބެސްޓް ވިލަން..." މުޅި ތަނުގައި ހަރުލީ ރިމްޝާގެ އަތްތިލަބަޑީގެ އަޑެވެ. "އަޑިއަޑިން އީވްއަށް ޖެއްސުންކޮށްފަ، ބޭރުފުށުން ހަމަ ހީރޯއެއް.. ވާއު..."
********
އާކިލް ފާޑަކަށް ހިނިއައިސްފައި ރިމްޝާއަށް ބަލައިލިއެވެ.
"އީވް ނޫޅޭ ކާން ނުލިބިގެނެއް..." އާކިލް ދިން އެއްޗެހި އަނބުރާ އާކިލްގެ ކައިރިއަށް ޖައްސައިލަމުން ރިމްޝާ ބުނެލިއެވެ.
"އީވްއަށް ކެއާކުރަންޖެހޭ ދުވަހު ފިލައިގެން ގޮސް، މިއަދު އައިސް ކޮންމެހެން އީވްއަށް މާ ކެއާކުރާ މީހަކަށް ވެގެން އުޅޭނެކަމެއް ނެތް.." ރިމްޝާ ބުނެލިއެވެ.
އާކިލް އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. ރިމްޝާ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް އޭނާ ކޮފީ ބޯލަބޯލާ އިނީއެވެ. ރިމްޝާ ވަކީން ރުޅިގަދަވިއެވެ. އިވްލީން ނުހުއްޓުވިނަމަ، އޭނާ އާކިލްގެ މޫނަށް ކޮފީތަށި އުކައިލީހެވެ. އިވްލީން ރިމްޝާގެ އަތުގައި ހިފައިގެން ކެފޭއިން ބޭރަށް ނުކުތެވެ.
"ރިމޫ މިހާރު ހާދަ ރުޅިގަދައޭ..." އިވްލީން ހުރީ ކަންބޮޑުވެފައެވެ.
"އީވްއަށް ވެސް ބޮޑުކަމަކަށް ތިވީ އަހަރެން އޭނައާ ދިމާއަށް އެއްޗެއް ބުނެގެނެއްނު..." ރިމްޝާ ފުސްމޫނު ހަދައިލިއެވެ. "ބުނެބަލަ އޭނަ އީވްއަށް ދޯކާއެއް ނުދެއޭ... ނުބުނެވޭނެ!..."
"އެއީ މާޒީއޭ..." އިވްލީން މަސައްކަތްކުރީ ރިމްޝާ ހަމައަކަށް އަޅުވާށެވެ.
"އެއީއޭ މައްސަލައަކީ..." ރިމްޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"އޭރު އެހެން ހަދާފަ މިހާރު ކީއްކުރަންތަ އީވްގެ ފަހަތުން ނެއްޓެން ނޭނގިގެން އެ އުޅެނީ؟... އީވްގެ އެއްވެސް ކުށެއް ނެތިއޭ އޭނަ އީވް ދޫކޮށްލީ... ކީއްވެތަ އީވްއަށް އެކަން މައްސަލައަކަށް ނުވަނީ؟... އީވް އެ ހުރިހާ ކަމެއް ހަނދާން ނެތުނީތަ؟.." ރިމްޝާ ބުނެލިއެވެ.
"ރިމޫ..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ.
"އީވް މަޑުކުރޭ ބޭރުގަ... އަހަރެން މިދަނީ ކައުންޓަރަށް..." އިވްލީނަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ރިމްޝާ އެތެރެއަށް ވަނެވެ.
********
ކައުންޓަރު މަތީގައި އޮތް މިރާހްގެ ފޯނު ތަކުރާރުކޮށް ރިންގުވާ އަޑު އިވިއިވި ހުއްޓެވެ. އިވްލީން ބަދިގޭގައި އުޅެފައި ނުކުތްއިރު، މިރާހް ފެންނާކަށް ނެތެވެ. އިވްލީން ފޯނު ހިފައިގެން ކެފޭއިން ބޭރަށް ނުކުތެވެ. އޭރު މިރާހް އުޅުނީ ގުދަނަށް ފެންކޭސްތައް ވައްދާށެވެ.
"މަންމަ ވަރަށް ގިނަ ފަހަރު ގުޅައިފި..." މިރާހުގެ އަތަށް ފޯނު ދިންއިރު، އިވްލީން ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ.
"ކީކޭ މަންމާ!..." ދެފިކުރެއްގައި ހުރެފައި، މިރާހް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.
ފޯނުގެ އަނެއްކޮޅުން ވަރަށް ހަރުކަށި ރާގަކަށް އެއްޗެއް ބުނި އަޑު އިވްލީނަށް އިވުނެވެ. މިރާހް ކުޑަކޮށް ކަންބޮޑުވެފައި އިވްލީނަށް އަވަސް ނަޒަރެއް ދިނެވެ. ހަމަ އެހާ އަވަހަށް އޭނާ އެތަނުން ދުރަށް ދިޔުމަށް ހިނގައިގަތެވެ.
"މަސައްކަތުގައޭ މިއުޅެނީ މަންމާ!..." ޝަކުވާގެ ރާގަކަށް، އެހެނަސް މަޑުމައިތިރިކަމާއިއެކު މިރާހް ބުނެލިއެވެ.
"މަސައްކަތުގަ ނޫޅޭ އިރަކާ ދިމާވޭތަ؟... ބުނެފީމެއްނު ތިނޫން މަސައްކަތެއް ހޯދައިގެން ކުރާށޭ... އެސްޓިމޭޓް މަސައްކަތް ކުރަން ދިޔަނަމަވެސް ތިޔަށްވުރެ ލާރި ލިބުނީސް..." މިރާހަށް އިވުނީ އާދައިގެ މަތިން ފަރީދާކުރާ ޝަކުވާގެ އަޑެވެ.
"ލާރިއެއް ނޫނެއްނު ހުރިހާވެސް އުފަލަކީ މަންމާ!... ކެފޭގެ ކަންކަން ކުޑަކޮށް ހަމައަކަށް އެޅުނީމަ، މަންމަ ބޭނުންވާ ކަހަލަ ޖޮބަކަށް ދާނަމޭ..." ވިސްނައިދޭ ރާގަކަށް މިރާހް ބުނެލިއެވެ.
"މޮޅަށް ކިޔެވުމުގެ ބޭނުމެއް ނެތް.. އަހަރެންގެ ދަރި ހުރީ މާސްޓާސް ހަދައިގެން ކެފޭއެއްގެ ނޯކަރެއްގެ މަގާމުގައޭ ބުނަން ވެސް ލަދުގަނޭ... އަހަރެންގެ އެހެން ދަރިންވެސް އެ އުޅެނީ މަތީ މަގާމުތަކުގަ... މިރާހް އެއްފަހަރުވެސް އަހަރެމެންނާ ދޭތެރޭ ވިސްނާލިންތަ؟... އެހެން މީހުންގެ ކުރިމަތީ އަހަރެމެން ލަދުގަންނާނެވަރު އެނގޭތަ؟... މިރާހް ބޭނުމިއްޔާ ތިކަހަލަ ކިތަންމެ ކެފޭއެއް ވެސް އަމިއްލައަށް ހުޅުވައިގެން ހިންގަބަލަ... އަހަރެން އަތުގަ ހުރި ހުރިހާ ފައިސާއެއް ދީފާނަން.." ފަރީދާ ރޯން ފެށިއެވެ.
"މަންމާ! މަންމާ!... ހަމަޖެހިބަލަ..." މިރާހް ވާހަކަ ދައްކަދައްކާ ހުއްޓާ، ފަރީދާ ފޯނު ކަނޑައިލިއެވެ.
ފޯނު ބާއްވާފައި އައިއިރު، މިރާހްގެ މޫނު ވަނީ މިލާފައެވެ. އިވްލީން ފެނުމުން މިރާހް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
"އަނެއްކާ؟..." އިވްލީން އަހައިލިއެވެ.
"އެމީހުންނަކަށް އަންޑަސްޓޭންޑެއް ނުވެއޭ..." މިރާހް ދެފަރާތަށް ބޯހޫރައިލިއެވެ. "އަހަންނަށް މި ކެފޭ ދޫކޮށެއް ނުލެވޭނެ.... އީވް ވެސް..."
އިވްލީންގެ މޭގައި ދިލަ ރިހުމެއް އުފެދުނެވެ. މުޅި ދުނިޔެ އިވްލީނާއި ދެކޮޅުވީއިރުވެސް، އޭނާއަށް ވަފާތެރި ބަޔަކުވެސް ތިބިކަން އިހުސާސްވިއެވެ. މިރާހާއި، ރިމްޝާ އިވްލީންގެ ހަޔާތުގައި ތިބީ ދެގޮތެއް ނުވެއެވެ. އެއްޗެއް ބުނަން އިވްލީން ކިތަންމެހާވެސް ބޭނުންވިއެވެ. އެކަމަކު، އެންމެ ލަފުޒެއްވެސް ދުލަކަށް ނައެވެ.
އިވްލީނަށްޓަކައި މިރާހްވެސް އޭނާގެ މުޅި ދިރިއުޅުން ގުރުބާން ކުރަނީއެވެ. ބަދަލުގައި މިރާހަށް ލިބޭނެ މާ ބޮޑު އެއްޗެއް ނެތެވެ. ކެފޭއިން ލިބޭ އާމްދަނީއަށްވުރެ، ވަޒީފާއެއްގައި އުޅެގެން އާމްދަނީއެއް ހޯދުންވެސް މިރާހަށް ފައިދާވާނެއެވެ. އެކަމަކު، ކޮންމެވެސް ދުވަހަކުން ކެފޭގެ ވިޔަފާރި ރަނގަޅުވެ، މިރާހްގެ ދިރިއުޅުންވެސް ކުރިއަރައިގެންދާނެކަމަށް އިވްލީނަށް ގަބޫލުކުރެވެއެވެ.
"މިއަދު ފަސް ޓޫރިސްޓުން އެބަ އާދޭ... ހައެއް ޖަހާއިރަށް ޓޭބަލްސް ބުކްކުރަން ބުނެފަ އޮތީ..." މިރާހް މައުޟޫއު ބަދަލުކޮށްލީ، އިވްލީން ދެރަވެފައި ހުރިކަން އެނގުމުންނެވެ.
"އެބަ އަންނަން ޑެކަރޭޓްކުރާނެ އެއްޗެހިކޮޅެއް ހިފައިގެން..." މިރާހްގެ ހިތުގެ ހާލު ވިސްނޭތީ އިވްލީން ބޭނުންވީ އަވަހަށް އެ ނަޒަރުން ދުރަށްދާށެވެ.
އަތިރިމަތިން ހިނގަމުންދިޔަ އިވްލީންގެ ލޮލުގައި އަޅައިގަތީ ދިއްގާ ގަހުގައި އަޅާފައިވާ ރީތި މާ ތަކެކެވެ. ގަހުގެ އެއްބައި މޫދުގައި އޮތްއިރު، ރީތި މާތައް ހުރީ މޫދާއި ދިމާއަށް އެލިފައި އޮތް އޮފިގަނޑުގައެވެ. މޭޒުތަކުގެ މަތީގައި އަތުރައިލަން ދިއްގާ މަލަށްވުރެ އެކަށީގެންވާ އެހެން މަލެއް އެތަނުގައި ނެތެވެ. އިވްލީން ކުޑަކޮށް ފައިކުރި އޮޅާލާފައި އޮފިގަނޑަށް އެރިއެވެ. ބޭނުންވާ ވަރަށް މާ ބިނދެގެން އޮފިގަނޑުން ފައިބަން އުޅުނެވެ.
"ކެއަފުލް..." އާކިލްގެ އަޑު އިވުނީ އިވްލީންގެ ފަހަތުންނެވެ.
އިވްލީންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އާކިލްގެ އަޑުން މާޒީ އިއާދަވެއްޖެއެވެ. އަހަރުތަކެއް ކުރިން، އިވްލީން ކުރާ ކުދިކުދި ކަންތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްކުރަން އާކިލް ހުންނަނީ ކައިރީގައި ވިއްދާފައެވެ. ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތްކުރަމުން އާކިލް ބުނެލާ އެ ކުރު ލަފުޒު އިވްލީންގެ ކަންފަތަށް މިހާރުވެސް އިވެނީ އޭރެކޭ އެއްގޮތަށެވެ.
އެތައް ދުވަހެއް ފަހުން އެ އަޑު އިވުމުން، އިވްލީންގެ ހިތަށް ޒަލްޒަލާއެއް ގެނުވައިފިއެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް އެ އަޑުގައިވަނީ އަޅާލުމާއި ލޯތްބެވެ. އޯގާތެރިކަމެވެ. ކަންބޮޑުވުމެވެ.
އިވްލީން ފަސްއެނބުރުނުއިރު، ކެމެރާއެއް ހިފައިގެން އާކިލް ހުއްޓެވެ. އާކިލްއާއިއެކު އިތުރު މީހަކުވެސް ހުއްޓެވެ. އިވްލީން ބަލައިލުމުން، އާކިލް އޭނާގެ ކެމެރާއިން އިވްލީންގެ ތަސްވީރެއް ނެގިއެވެ. އިވްލީން ދެލޯ ހަނިކޮށްލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނާ ހިމޭންވީ އާކިލްގެ ކައިރީގައި ނުދަންނަ ޒުވާނަކު ހުރުމުންނެވެ.
އިވްލީން އޮފިގަނޑުން ފައިބައިގެން އަވަސް އަވަހަށް ގޮސް ކެފޭއަށް ވަނެވެ. އޭރު ދެއުކުޅުގައި އަތްވިދެލައިގެން ރިމްޝާ ހުރީ އިވްލީނަށް ބަލާށެވެ.
"ރޮމޭންޓިކް ޑްރާމާއެއްތަ؟..." ރިމްޝާއަށް ވީގޮތް އެނގުނުކަން އަންގައިލީ ލޮލުގެ އިޝާރާތުން އޭނާގެ ފަހަތުން އައި އާކިލް ދައްކައިލަމުންނެވެ.
"ދޭބަލަ މިރާހްއަށް ހެލްޕެއް ދޭން... މިއަދުގެ އޯޑަރުތައް ނުނިމިގެން އަދިވެސް މިއުޅެނީ..." އިވްލީން ރިމްޝާގެ އުނަގަނޑުގައި ދެއަތް އަޅައި، ކޮއްޕައިލިއެވެ.
"އީވް މިހާރު ރަނގަޅެއް ނޫން... އަބަދު ކުރީގެ މެމޮރީސްތަކުގެ ފަހަތުން ތި އުޅެނީ... ބުނީމެއްނު އެކަމާ ނޫޅެއްޗޭ..." ރިމްޝާ ތުން ފިއްތައިލިއެވެ.
"ކޮން ބިޓެއް އެއީ؟... ސަޅި މަންޖެއެކޭ..." އިވްލީން ދިޔަ ދިމާއަށް ބަލަން ހުރި އަޔާމަށް އާކިލްގެ ނަޒަރުން އެއްޗެއް ވިސްނުނެވެ. އަޔާމް އާކިލްގެ ބުރަކަށީގައި ޖެހިގަތެވެ.
"އެކްސް..." އާކިލް ދޫކޮށްލީ ފުން ނޭވާއެކެވެ.
"އެކްސްއޭ؟..." އަޔާމް ޔަގީންނުވެގެން އާކިލްގެ މޫނަށް ބަލައިލިއެވެ.
"ހިނގާބަލަ ކޮފީއެއް ބޯން" ކެފޭއާއި ދިމާއަށް ހިނގައިގަންނަމުން އާކިލް ބުންޏެވެ.
"ދެންމެއެއްނު ކެއީ..." އަޔާމް އުޅުނީ ދެކޮޅު ހަދާށެވެ.
"ކެޔަސް ކޮފީއެއް ބޮވިދާނެއެއްނު..." އާކިލް ކެފޭއަށް ވަނުމުން، އަޔާމްވެސް ފަހަތުން ވަނެވެ.
"ބޭރު ޓޭބަލްތައް ހުސްކޮށް ހުރީ..." ރިމްޝާ އުޅުނީ އާކިލް އެތެރެއަށް ވަނަނުދީ ހުއްޓުވާށެވެ.
ކައުންޓަރު ކައިރީގައި އިވްލީން ހުރީ ކަބަޑުމަތީގައި އަތުރާފައި ހުރި އެއްޗެހިތައް ފޮހޭށެވެ. އާކިލް ދިޔަގޮތަށް ކައުންޓަރުމަތީގައި އަތް އަޅުވާލާފައި ކުޑަކޮށް ގުދުވެ، އިވްލީންގެ މޫނަށް ބަލައިލިއެވެ. އިވްލީންގެ ހަރަކާތް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން އާކިލްގެ މޫނަށް ބަލައިލިއެވެ.
"ޑިސްޓްރެކްޓްވެއްޖެދޯ؟..." އާކިލް ފަސްއެނބުރި ރިމްޝާއަށް ބަލައިލީ އެއްޗެއް އަންގައިލާ ފަދައިންނެވެ.
"އާކިލް ކިހިނެއްވެގެންތަ ތިއުޅެނީ؟..." އާކިލްގެ ކުރިމަތީގައި އަމިއްލަ ހިތުގެ ހާލު ބޭޒާރުވެދާނެތީ އިވްލީނަށް އިސްކުރެވުނީ ރުޅިއެވެ.
އަވަސް އަވަހަށް ތަންތަން ފޮހެމުން ދިޔަ އިވްލީންގެ އަތުން ޖެހިފައި ކަބަޑުމަތީގައި އިން ފުޅި ވެއްޓުނެވެ. ފުޅި ތަޅައިގެން ނުދިޔަކަން އެއީ އިވްލީންގެ ނަސީބެވެ. ފުޅި ތެރޭގައި އޮތް ގައުކޮޅު ގޮސް ޖެހުނީ އިވްލީންގެ އަތުގައެވެ. އިވްލީނަށް ކުޑަ ހޫނުކަމެއް އިހުސާސްކުރެވުނެވެ. އެއާއިއެކު އޭނާގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ.
"އީވްއަށްވެސް ހަމަ މިހެން ފީލްވޭ ދޯ؟..." ކުއްލިއަކަށް އާކިލް ކުރި ސުވާލަކުން އިވްލީން ސިހޭގޮތްވިއެވެ.
"އޭނ؟..." އިވްލީނަށް ބުނެވުނެވެ.
"ވަރަށް ސްޓްރޭންޖް ފީލިންއެއް... ހީވަނީ ކޮންމެސް އެއްޗެއްގެ ހާޓްބީޓްގެ އަޑު އިވޭހެން..." އާކިލްގެ ނަޒަރު ހުއްޓިފައިވީ މޭޒުމަތީގައި އޮތް ގައުކޮޅަށެވެ.
އިވްލީން ތެޅިފޮޅިގަތެވެ. އާކިލް އެހާ ފާޅުކަންބޮޑު ގޮތެއްގައި އެފަދަ އެއްޗެއް ބުނެފާނެކަމަށް އިވްލީން ހީވެސް ނުކުރެއެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ ރިމްޝާއަށެވެ. ރިމްޝާ ދެލޯ އަޅައިގެން ބަލަން ފެށުމުން، އިވްލީން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ބަދިގެއަށް ވަނެވެ. އޭރުވެސް އާކިލް އިނީ މޭޒުމަތީގައި އޮތް ގައުކޮޅަށް ބަލާށެވެ. އާކިލް އެ ގައުކޮޅު ނެގުމަށް އަތް އުފުލައިލި ވަގުތު ރިމްޝާ އަވަސް އަވަހަށް ގައުކޮޅު ނަގާފައި ފުޅިއަށް ލިއެވެ.
"އަހަރެން ފެނުނުފަހުން، އަހަރެން ނޫން ކަމެއްގެ މަތިން އީވް ހަނދާނެއް ނުވާނެ... އެހެންވެ މިކަހަލަ ކަންކަން ވަނީ..." އާކިލް ލާނެތް ރާގަކަށް ބުނެލިއެވެ.
އާކިލްގެ މަގުސަދަކީ ރިމްޝާ ރުޅިއަރުވައިލުމެވެ. ރިމްޝާ ރުޅިގަދަވެގެން އެއްޗެއް ބުނުމުގެ ކުރިން އާކިލް ފާޑަކަށް ހީލާފައި ގޮސް މޭޒުކައިރީގައި އިށީނެވެ.
"ޓޫ އައިސް ކޮފީ..." އާކިލް އަތް އުފުލައިލުމަށްފަހު، އޯޑަރު ދިނެވެ.
"ހާދަ ފޮނިބޮޑު މީހާގަނޑެކޭ..." ރިމްޝާ ތުންފިއްތައިލިއެވެ.
އިރު އޮއްސެމުން އައިއިރު، ރީތި ކުލަތަކުން މުޅި ފަޒާއަށް ދިރުން ގެނުވާފައިވިއެވެ. އެ ހިތްގައިމު މާހައުލު ފޯނުތަކާއި ކެމެރާތަކުގައި ރައްކާކުރުމަށް އެތައް ބަޔަކު އަތިރިމައްޗަށް ޖަމާވިއެވެ. ރާޅުފަށުގައި ހިނގަމުންދިޔަ އިވްލީންގެ މޫނުގައިވީ މާޔޫސްކަމެވެ. އަހަރުތަކެއް ކުރީގެ މާޒީ އޭނާގެ ސިކުނޑީގައި ޓަކި ދެނީއެވެ. އޭރުވީ ވައުދުތަކާއި، އަހުދުތަކާއި، ކުރި ސަމާސާތަކެވެ. އާކިލްއާއި ވަކިވާންޖެހުނު ހިތްދަތި ދުވަހުގެ މަތިން އިވްލީން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އިވްލީން މަޑުމަޑުން ހިނގާލާފައި ގޮސް މަގޫ ގަހެއްގެ ކައިރީގައި އިށީނެވެ.
ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އިވްލީން އޭނާގެ ޖީބުން އެއްޗެއް ނެގިއެވެ. އެއީ ކުރީ ދުވަހު އޭނާއަށް މޫދުން ފެނުނު ކުޑަ ގައުކޮޅެވެ. ވިސްނައިލުމުން، އެ ގައުކޮޅާއި ވައްތަރު އެއްޗެއް ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް އޭނާ ވިއެވެ.
"މަންމަގެ ފަށް..." އިވްލީންގެ ހަނދާނަށް އައީ އޭނާގެ މަންމަ މަމްދޫހާގެ ކަރުގައި އަޅާފައި އޮތް ފަށުގެ މަތިންނެވެ. "މީ ހަމަ އޭގެ ގާކޮޅެއް.... އަނެއްކާ މީ..."
"މިގަޑީ އަތިރިމަތީ އެކަނި އިންނާކަށް ނުވާނެ..." އާކިލްގެ އަޑު އައީ ގަސްތަކުގެ ތެރެއިންނެވެ. "އެކަނި އިނދެ ވާހަކަ ދައްކާ އަޑު އިވިގެން މިއައީ..."
އާކިލް ހީކުރީ އިވްލީން ބިރުން ސިހޭނެ ކަމަށެވެ.
(ނުނިމޭ)