އިމިގްރޭޝަނުން ރޭ ހިންގި އޮޕަރޭޝަނެއްގައި ފަސް ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ އިމިގްރޭޝަނުން ބުނީ ރޭ އޮޕަރޭޝަނެއް ހިންގީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކަމަށެވެ.

އިމިގްރޭޝަންގެ ޓާސްކް ފޯސްއިން މާލޭގެ ދެ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ގެންދަނީ މިފަދަ އޮޕަރޭޝަންތައް މާލޭ ސަރަހައްދުގައި ހިންގަމުންނެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ގަވައިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުސް ކޮމިޝަނަރު އިސްމާއީލް ނަވީން ވެސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.