07 Nov 2025, 18:17
ރަހީނުކޮށްފައިވާ މީހުން މިނިވަންވުމުން އެމެރިކާގެ ރުހުމާއެކު ޣައްޒާގެ ޓަނަލްތައް ނައްތާލާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދާނީ އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދާ "އިންޓަނޭޝަނަލް މެކޭނިޒަމެއް"ގެ ދަށުން ކަމަށެވެ.
"ރަހީނުން ދޫކޮށްލުމުގެ މަރުހަލާއަށް ފަހު އިސްރާއީލަށް އޮތް ބޮޑު ގޮންޖެހުމަކީ ޣައްޒާގައި ހަމާސްގެ ހުރިހާ ޓެރަރިސްޓް ޓަނަލްތަކެއް ނައްތާލުން," ކަޓްޒް ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި މިޝަން ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް ސިފައިންނަށް އަމުރުކޮށްފިން," އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލި ނަމަވެސް ވައިގެ ހަމަލާތަކާއި އާޓިލަރީ ބަޑިން ޣައްޒާގެ ޚާން ޔޫނިސްއަށް އިސްރާއީލުން އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

ބަނޑުހައިހޫނުކަން މަތީގައި ތިބި ޣައްޒާގެ އާންމުން ކާއެއްޗެއް ހޯދަން ކިޔޫގައި -- ފޮޓޯ/އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ ކޯޑިނޭޓް ކުރާ ބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްއެއް ޣައްޒާގައި "ވަރަށް އަވަހަށް" ދާނެ ކަމަށް ލަފާކުރައްވާ ކަމަށާއި އިސްރާއީލުން ތަކުރާރުކޮށް ގަވާއިދާ ޚިލާފުވި ނަމަވެސް ހަނގުރާމަ ހުއްޓާލުން "ވަރަށް ރަނގަޅަށް ކުރިއަށްދާ" ކަމަށެވެ.
އދ އިން ބުނީ ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މިދިޔަ މަހު އަމަލުކުރަން ފެށި ފަހުން ޣައްޒާއަށް އެހީ ގެނައުމަށް އެދި 107 ފަހަރު ހުށަހެޅުމުން ވެސް އިސްރާއީލުން ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށެވެ.
ޣައްޒާގެ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ފަލަސްތީނުގެ 10،000އަށް ވުރެ ގިނަ މީހުން ވަޅުލެވިފައި ތިބި ކަމަށް ޣައްޒާގެ ނޭޝަނަލް 'ކޮމިޓީ ފޯ މިސިން ޕާސަންސް'އިން ބުންޏެވެ.
ހަނގުރާމައިގައި ޣައްޒާގެ ގާތްގަޑަކަށް 16،500 މީހުންނަށް ސިއްޚީ ފަރުވާއަށް ބޭނުންވެފައިވާ ކަމަށްވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ބުނެފައެވެ.