07 Nov 2025, 15:46
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ މިސްކިތެއްގައި ގޮވުމެއް ގޮވައި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އެ ގައުމުގެ ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ޖަކާޓާގެ އުތުރުގައި ހުންނަ ކެލާޕާ ގަޑިންގްގެ ސްކޫލް ކޮމްޕްލެކްސްއެއްގެ ތެރޭގައި ހުރި ހުކުރު މިސްކިތެއްގައި ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ހުކުރު ޚުތުބާ ފެށި ވަގުތުއެވެ.
ސިޓީ ޕޮލިސް ޗީފް އަސެޕް އެދީ ސުހެރީ ވިދާޅުވީ ގޮވުމަށް މެދުވެރިވި ސަބަބު އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުދިކުދި އަނިޔާތަކުން ފެށިގެން ސީރިއަސް ޒަޚަމްތައް ލިބުނު ގިނަ މީހުންނަކީ ސްކޫލް ކުދިން ކަމަށާއި 54 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު، އިތުރު 20 މީހުން ހޮސްޕިޓަލުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުހެރީ ވިދާޅުވީ ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވި އެންޓި ބޮމް ސްކޮޑަކަށް މިސްކިތް ކައިރިން ކުޅޭ ރައިފަލާއި ކުޅޭ ބަޑިއެއް ފެނިފައިވާ ކަމަށެވެ.
"ފުލުހުން އަދިވެސް ދަނީ ބޮން ގޮއްވާލި ސަބަބު ދެނެގަތުމަށް އެތަން ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވިއެވެ.