07 Nov 2025, 15:02
ޒަމާނުންސުރެ ހިންގަމުން އައި ކޮރަޕްޝަނާއި މިސްމެނޭޖު ކަމުގެ ސަބަބުން މާލީ ގޮތުން ވަރަށް ދަށް ހާލަތެއްގައި އޮތް ފެނަކަ ކޯޕަރޭޝަނަށް, ގިނަ އަދަދެއްގެ ޖެނެރޭޓާ ސްޕެއާސް ގަތުމަށް އިއުލާން ކޮށްފިއެވެ.
ފެނަކައިގެ ކޮންމެ އޮޑިޓް ރިޕޯޓެއްގައިހެން ކޮރަޕްޝަންގެ ހުތުރު އެތައް މައްސަލައެއް ފެންމަތިވާއިރު ޖެނެރޭޓަރާއި އެއަށް ބޭނުންވާ އެކިއެކި އާލާތްތައް ގަތުމުގައި ކޮރަޕްޝަން ހިންގުމަކީ ވަރަށް އާއްމު ކަމެކެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާއި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް މިފަދަ ކަންކަން ފެންމަތިވިއެވެ. އެންމެ ފަހުން ނެރުނު އެމްޑީޕީ ސަރުކާރުގެ ފެނަކައިގެ އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި ބޭނުންކޮށްފައި ހުރި ދެ މިލިއަން ރުފިޔާގެ ޖަނަރޭޓަރުތަކެއް ފެނަކައަށް އައު ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަން ރުފިޔާއަށް ގަނެފައިވެއެވެ.
މި ސަރުކާރުން ފެނަކަ ހިންގާއިރު ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުތައް އެކިގޮތްގޮތުން ވަނީ ކުރެވިފައެވެ. އަދި ޔާމީން ސަރުކާރުގައި ފެނަކައިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާތީ ފާޑުކިޔުން ބޮޑެވެ.
އިއްޔެ ފެނަކައިން މި ވަނީ އެކި ފެންވަރުގެ ގިނަ އަދަދެއްގެ ޖެނެރޭޓަރުތަކަށް ސްޕެއާ ޕާޓްސް ހޯދުމަށް ގިނަ އިއުލާންތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1800 ކިލޯވޯޓާއި 1000 ކިލޯވޯޓާއި 800 ކިލޯވޯޓާއި 600 ކިލޯވޯޓުގެ އިތުރުން 400 ކިލޯވޯޓާއި 200 އާއި 250 ކިލޯ ވޯޓުގެ ޖެނެރޭޓާ ސްޕެއާސް ގަތުމަށް ކޮށްފައިވާ އިއުލާން ތަކެކެވެ.
މީގެ އިތުރުން ފެނަކައިން އިއްޔެ ވަނީ އެ ކުންފުންޏަށް ބޭނުންވާ ކޭބަލްސް އާއި އެ ކުންފުނީގެ ބްރާންޗްތަކުގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް، ބަނދަރުން ގެންގޮސް ބްރާންޗްތަކުގެ ޓޭންކަށް އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ވެސް އިއުލާން ކޮށްފައެވެ.
މިހާ ގިނަ އަދަދެެއްގެ ސާމާނު ހޯދާއިރު އައްޑޫ ސިޓީ ހިމެނޭހެން ބައެއް ރަށްރަށުގެ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ވަރަށް ދަށެވެ. ދޭތެރެ ދޭތެރެއިން ކަރަންޓް ނުލިބި ވަރަށް ހާލުގައި ރައްޔިތުން އުޅެން ޖެހެއެވެ.
ކޮންމެ ސަރުކާރެއްގައި ވެސް ފެނަކަ ފާހަގަ ވަނީ އޭރަކު އޮންނަ ސަރުކާރަކަށް ނިސްބަތްވާ ޕާޓީގެ މަޖިލިސް މެންބަރުންނާއި އެހެން ވެސް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކުންފުނިތަކުން ނުއަގުގައި އެކިއެކި ފައިދާ ނަގާ ކަމެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންގެ ކުންފުނިތަކަށް ބިޑަށް ވެސް ނުލައި 100 މިލިއަނަށް ވުރެން ގިނަ ރުފިޔާގެ ޕްރޮޖެކްޓް ދީފައި ވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުހައްމަދު މިހާރު ވެސް ދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ނަމަވެސް އެކިއެކި މަންފާތައް ނެގި އެހެން މީހުން މިނިވަންކަންމަތީ އެބައުޅެ, ވިޔަފާރިކޮށް ހަދައެވެ.