21 Aug 2012, 11:36
ހަ މަހުގެ ތުއްތު ކުއްޖަކު ގެސްޓް ހައުސްއެއްގެ ތެރެއިން ފެނިއްޖެ އެވެ.
ފުލުހުން ބުނީ ފެނުނު ތުއްތު އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ޖެންޑާއިން އެ ކުއްޖާގެ ކަންތައް މިވަގުތު ބަލަހައްޓަމުން އަންނަ ކަމަށެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ މ. ހުދުފަސްކިޔާ ގެސްޓުހައުސްއެއްގެ ތެރެއިންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ގެސްޓުހައުސް އަކީ ދުވަހު ކުއްޔަށް ކޮޓަރިދޭ ތަނެކެވެ. އަދި އެތަނަކީ ބޭރު މީހެއް ހިންގާ ތަނެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު އެ މައްސަލަ ރިޕޯޓުކުރީ ގެސްޓުހައުސް އިން ކަމަށެވެ. އޭރު އެ ކޮޓަރީގައި އޮތީ އެ ކުއްޖާ އެކަނި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ގެސްޓުހައުސްގެ މީހުން ފުލުހުންނަށް އެކަން ރިޕޯޓު ކުރީ ކުއްޖާ ރޯއަޑަށް އެއްވެސް މީހެއްގެ ހަބަރެއް ކޮޓަރި ތެރެއިން ނުވެގެން ނެވެ.
ފުލުހުން އަންނަނީ ކުއްޖާގެ ބެލެނިވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.