23:15


މެލޭޝިޔާގައި ކިޔަވާ ދިވެހި ކުއްޖަކު އޭނާ ކިޔަވާ ކޮލެޖުގެ ކުއްޖެއްގެ ކުރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް، ވައްކަން ކުރި ކަމަށް ބުނާ މައްސަލައެއްގައި ޑިޕޯޓްކޮށްލާފައިވާ ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީ އިން ބުނެފި އެވެ.


ދިވެހި ރާއްޖެ އިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަޒާކީ މުހަންމަދު ޒަކީ މިރޭ ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުއްޖާގެ މައްސަލަ ރާއްޖެ އިން ބެލުމަށް ހައިކޮމިޝަން މެދުވެރިކޮށް، ހުކުރު ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެ އަށް ޑިޕޯޓްކޮށްފައިވާ ކަމަށެވެ. އޭނާ ޑިޕޯޓް ކުރީ ކިހާ ދުވަހަކަށް ކަމެއް ޒަކީ ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ "ޕޮލިހުން އޭނާ ބުލެކް ލިސްޓްކޮށްފައިވާ" ކަމަށެވެ.


އެ ކުއްޖާގެ ނަމެއް އަދި އެޑްރެހެއް ވެސް ޒަކީ ވިދާޅެއް ނުވި އެވެ. ނަމަވެސް ސަންއެފްއެމް އޮންލައިނަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ކިޔަނީ ހައްސާނު ވަހީދެވެ.


ޕޮލިހުގެ މީޑިއާ އޮފިޝަލް، ސަބް އިނިސްޕެކްޓާ އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ އެ މައްސަލަ އަދި ޕޮލިހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.