07 Nov 2025, 11:52
އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ފިލްމީ ދެމަފިރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްއަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާނުކޮށްފިއެވެ.
އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފް ވިހެއިކަން ވިކީ އިއުލާނުކުރީ މިއަދުގެ ވަގުތެއްގައި އަމިއްލަ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ކެޓްރީނާ ވިހެއި ޚަބަރު އިއުލާނު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދެ ތަރިންގެ ސަޕޯޓަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ އުފާފާޅުކޮށް ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.
ވިކީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި ބުނެފައި ވަނީ ދެ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ދަރިފުޅަށް މަރުހަބާ ކިޔުނީ ލޯތްބާއި ނިމުމެއް ނެތް ހެޔޮ ދުއާތަކާ އެކު ކަމަށެވެ.
ކެޓްރީނާ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ އެކަމާ ގުޅޭގޮތުން މީޑިއާތަކުން އެކި ފަހަރު މަތިން ޚަބަރު ފަތުރަމުން އަންނަތާ އެތައް މަހެއްވީފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
އަލަތު ދަރިފުޅަށް ކެޓްރީނާ ބަލިވެއިންކަން އިއުލާނު ކުރުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވިކީ ބުނެފައި ވަނީ ދެމަފިރިންގެ ދިރިއުޅުމުގެ އެންމެ އުފާވެރި 'ޗެޕްޓަ' ފެށުމަށް ތައްޔާރު ކަމަށާއި މުޅި އާއިލާއަށް ވެސް އެއީ ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

ކެޓްރީނާ ބަލިވެއިންކަން އިއުލާކުރި ފޮޓޯ---ފޮޓޯ/އިންސްޓަގްރާމް
ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވުމަށްފަހު 2021ގައެވެ. ދެމަފިރިންގެ ކައިވެނި ކުރެވުނީ އިންޑިއާގެ ރާޖަސްތާނުގައެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ކެޓްރީނާ ކައިފަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ތަރިއެކެވެ.
އެކަމާ ގުޅިގެން ކެޓްރީނާ ދާދިފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނެ ކަމަށެވެ.