13 Nov 2025, 10:08
"ތިބާގެ އަމިއްލަ ނަފުސަށް ހެޔޮއެދޭ ފަދައިން އެހެން މީހުންނަށްވެސް ހެޔޮ އެދުމަކީ ހިތުގެ ސާފުކަން އަނގައިދޭ ހެއްކެކެވެ."
***
އަޖޫޒެއްހެން ގުދުވެގެން އޮވެ ހިނގަމުން ގޮސް އޭނަ ފްރިޖް ހުޅުވައިލިއެވެ."އޯކޭ ޑޮކްޓަރ އަލާނާ. ކަންނެތްކަން ފިލުވައިލާ.....އެންމެ ފަހު ކެއުންކަމަށް ހީކޮށްފައި އަވަހަށް ކާންފަށާ....އެންމެ ފަނަރަމިނިޓް..މިވަރަށް ކާއިރުވެސް އެންމެ ތަންކޮޅެއްވެސް ފަލަނުވޭ.....މިއީވެސް އަޖައިބެއް...."
އޭނަ އަވަސްއަވަހަށް ކަދުރުކޮޅަކާއި ޓޯސްޓަކާއިއެކު ފެނުކައްކާފައި އޮތް ބިހެއް އަދި ޕީނަޓް ސަމުސަލަކުން ނާސްތާ ކުރަންފެށިއެވެ.
"ބެލެންސްޑް ޑައިޓް..ޕްރޮޓިން ޕެކްޑް އެންޑް ޕްރޮފެޓިކް...މިވަރުންވާނެހެން ހީވޭ...."
އޭނަ ރޯދައަށް ހުންނަން ނިންމީ ރަމަޟާންމަސް އަންނަންވާއިރަށް ހަށިގަނޑު ތަމްރީނުކުރުމަށެވެ.
ގަޑިން ނިދުމާއި ކެއުމާއި ހެލިފެލިވެ އުޅުމާއި ހުނުމަކީ އޭނަ ދެކޭގޮތުގައި އުފާވެރިކަމުގެ
ސިއްރެވެ. ހަޔާތަކީ ކުރު އެއްޗެއްކަން ދެނެގެން އުފާވެރިކަން ހޯދަން މަސައްކަތްކުރަންވާނެކަމަށް އޭނަ ދެކެއެވެ.
ހެދުނު ދިހައެއްޖެހިިއިރު އޭނައަށް އަމިއްލަ ނަފުސާއިމެދު ދެކެނީ ނެޝަނަލް ޖިއޮގްރެފިކް ޑޮކިއުމެންޓްރީއެއްގެ ގޮތުގައެވެ.
"މިތާގައި އަހަރެމެންނަށް މިފެންނަނީ ނާދިރު ދިރުމެއް ކަމަށްވާ އަލާނާ އުދަގޫ ތަނެއް ކަމަށްވާ
ހޮސްޕިޓަލުގެ މާހައުލުގައި ދިރި ހުންނަން މަސައްކަތްކުރާ މަންޒަރެވެ. އެކުއްޖާގެ ވާސައިގާ
ހިމެނެނީ ކޮފީއާއި ފުރައްސާރައެވެ. އެދޭތި ވެސް މިވަގުތުވަނީ މަނާ ކުރެވިިފައެވެ."
އަލާނާއަށް ބަލިމީހަކު ޗޮކްލެޓެއްކާން އިންތަންފެނި ކުޅުދިޔާވެގެން ބަލަން ހުރެވުނެވެ. ބަނޑުގައި
އަތް ކާއްތައިލެވުނެވެ. މެންދުރުވާންދެންވެސް ކެތްކުރެވޭނެކަމެއް ނޭގެއެވެ. އޭނަގެ
"ސްނެކް"ގަޑިއަށް ސިކުނޑި ސިގްނަލް ދޭން ފެށިއެވެ.
އެންމެފަހުން އޭނަ އާރިކްއަށް ވައިބާކޮށްލިއެވެ. "ހެލޯ އާރިކް.އެނގޭތަ؟ މިއަދު ސުންނަތް ރޯދައެއ
ހިފައިގެން މިހިރީ..ފެނުގެ ވަސް ނޭފަތަށް ދުވާވަރަށް ރޫހާނީ ލެވެލްއަކަށް ފޯރައިފި...."
"އޯ....ރަގަޅު...ހިތްވަރުކޮށްލާ.. އަދި ފަސޭހަވާނެ.."ޢާރިކް ޖަވާބުދިނެވެ.
"ދެންމެ ބެލްކަނިން ބަލައިލިއިރު ގޯތިތެރޭގައި އޮތް ފެންކޮޅަކުން ކޮތަރެއް ފެން ބޯން އިންދާ
ފެނުމުން ހަސަދަވެރިވެއްޖެ..ހަސަދަ...."އަލާނާ ބޮޑު އަކުރުން ލިޔުނެވެ.
ފަސްގަޑިބައިވީއިރު އަލާނާ އޮތީ ކައުޗްގައި ކުރުގެޅިލައިގެންނެވެ. ފާރުގައި ހުރި ގަޑިއަށް ބަލަހައްޓައިގެން އޮވެވުނީ ބިރުވެރި ފިލްމަކަށް ބަލަން އޮތްހެންނެވެ. ގަޑި މިހާ ލަހުން ހިނގި ދުވަހަކާއި ދިމަލެއްނުވެއެވެ. އެހެން މީހުން ރަމަޟާންމަހު ތިރީސްދުވަހު ރޯދަ ހިފަނީ ކިހިނެއްހެއްޔެވެ؟ އޭނަ އެންމެ ދުވަހެއްވެސް މިވީ ބޮޑު ގުރުބާނީއަކަށެވެ. ރޯދަހިފަނީ ކީއްކުރަން ހެއްޔެވެ؟މީހާ ހިކެން ހެއްޔެވެ؟ މަންމަ ގާތު އެހުމުން ބުނީ އަލާނާ ރޯދަހިފާވަރަށްވުރެ ނިކަމެތި ކަމަށެވެ. ގިނަ މީހުން ރޯދަހިފަނީ ބަރުދަން ލުއިކުރުމަށް ކަމުގައި މަންމަ ގަބޫލުކުރީހެއްޔެވެ؟ ޔަގީނުންވެސް އާރިކް ތަފާތެވެ. އާރިކް ކޮންމެކަމެއް ކުރަނީ ދީނީ ނަޒަރަކުންނެވެ.
"ބާކީ މިއޮތީ ސާޅީސް ހަތް މިނިޓް...އަހަންނަށް މިކަންވާނެ. އަހަރެން ވަރަށް ހިތްވަރުގަދަ. ގާބިލު.......އެކަމަކު ޕިއްޒާއާއި ޗީޒްކޭކާއިމެދު ކޮންމެވެސް ވަރަކަށް ހެލުސިނޭޓް އެބަވޭ.."
އޭނަ އިފްތާރު ތަށި ތައްޔާރުކޮށްލީ މިޝެލިން ސްޓާރ ކެއުމެއްހެންނެވެ. ކަދުރާއި ފެނާއި މޭވާއަކާއި އެންމެ ޕިއްޒާ ފޮތްޗެކެވެ.
ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަ އަވަހަށް ކަދުރެއްގައި ދަތް އެޅިއެވެ. އެވަރުގެ ކަމެއް އޭނަ ނުދެކެއެވެ. ކޮންފަދަ ފޮނި މީރު ރަހައެއް ހެއްޔެވެ؟ އަނގަޔަށް ވިރުނެވެ.
"މި ކަދުރު ގައި ދެނީ ހަމަ ހެވެންލީ ރަހައެއް...މިއީ ޗޫޒެން ފުރުޓްކަމުގައި ވި ސިއްރަކީ މިއީކަން ވިސްނިއްޖެ....އަހަންނަށް ހަމަ ރޮވެނީ..މިއީ ނޯމަލްތަ؟އައި ޑިޑް އިޓް އާރިކް...އަހަރެން ރޯދައެއް ހިފައިިފިން...ހަމަ ހީވީ ރޫހާނީ ފަރުބަދައަކަށް އަރާފައި ކުންނު އިން ޕިއްޒާއެއް ކެވުނުހެން..."އޭނަ އާރިކްއަށް މެސެޖްކޮށްލިއެވެ.
"ޕްރައުޑް އޮފް ޔޫ އަލާނާ....އެކަމަކު ތިއީ އަދި މިވީތަނަށް ރޯދަ ވީއްލުމާއި ބެހޭގޮތުން އިވުނު އެންމެ ޅެންވެރި ސިފަކުރުން...."
އަލާނާގެ ދުވަހުގެ ހުރިހާ ވަރުބަލިކަމެއް ފިލާ ހިނިތުންވެވުނެވެ. އެ ހިނިތުންވުން އަވަހަށް ފިލައިގެން ދާނެކަމެއް ނޭގެއެވެ.
***
މެންދުރުވީއިރު ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން އުދާސްކަން ލިބޭހާވެއެވެ. ޖެނީފާގެ ކޮޓަރީގައި ހުރި އޭސީގެ ފަންކާއިން މަޑު އަޑެއް އިވެމުން ދިޔައެވެ. އާރިކް އެތަނަށްވަދެފައި އިށީދެލީ ތަންކޮޅެއް ތިރިކޮށް ހުރި ކައުޗެއްގައެވެ. އޭނަ ކަކުލުގައި އުޅަބޮށި އަޅުވާލައިގެން މަންމައަށް ނަޒަރު ހުއްޓާލައިގެން އިން އިރު މަންމަ ފެންނަނީ މޫނުމަތިން އެނބުރެމުން ދިޔަ ދުން ބޮޅުތަކުގެ ތެރެއިންނެވެ. މަންމަ ބޭރަށް ދުންތައް ފޮނުވައިލާއިރު ހުދު ހިޔަނިތައް ނަށަމުންދާފަދައެވެ. ވިއްސަކަށް މިނިޓްވާންދެން ދެމީހުންވެސް އަނގައިން ބުނުމެއްނެތެވެ.
"އަހަންނަކީވެސް އެއް އިރެއްގައި ރީތި މީހެއް..."ޖެނީފާ މަޑުމަޑުން ބުނެލިއެވެ.
"އަދިވެސް ހަމަ އެހެން..."އާރިކް ބުނެލިއެވެ.
"އައިލައިނާ ނާޅާ ކުށުގެ ރިކޯޑް ހުންނަ އަންހެނުންނަށް ދޮގުހަދާކަށް ނުވާނެ.."ޖެނީފާ މަޖާ ހިނިގަނޑެއްޖަހައިލިއެވެ. އެއަށްފަހު ފާރަށް ލެނގިލިއިރު އެމޫނަށް އެޅުނު އަލީގައި ހަޔާތުގެ އުދަގޫކަމާއި ދަތިކަމުން ހަރުވެފައިވާ މޫނަށް މަޑުމޮޅިކަމެއްވެރިވެފައިވާތަން ފެނުނެވެ.
"މާލޭގައި ހިނގި ކަންތައްތައް ދެނެގަންނަން ބޭނުންވަނީތަ؟"
"އެވާހަކަދައްކަން ބޭނުމިއްޔާ...."އޭނަ އިނީ ހިމޭނުންނެވެ.
"އަހަރެން ކައިވެނިކުރީ ވާހަކަދައްކަން ނިކަން ކުޅަދާނަ މީހަކާއި.."ޖެނީފާ އެނދުގައި އިށީދެ ދުރަށް ބަލަން އިނެވެ. މާޒީގެ ވާހަކަދެއްކުން ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް އާރިކްއަށް ހިތް ހުޅުވައިލަން ބޭނުންވީ ބޭއިޚުތިޔާރުގައެވެ. "ތަރިވެސް ބާލަދޭނެ..އެހާ ސްވީޓް..ސްމާޓް...ޗާމިން މީހުންނެކޭ އެއްގޮތަށް ނުރައްކާތެރި...."
އާރިކް އަޑުއަހަން އިނެވެ. އެ ލަފުޒުތައް ނާޒުކް އެއްޗެއްގެ އެތިކޮޅުތައް ފަދައިން އޭނަގެ ހިތަށް އޮހެމުން ދިޔައެވެ.
"އޭނަ ދުވަހަކުވެސް މަގޭ ގަޔަކު ނުޖަހާ...ހަޅޭއްނުލަވާ..އޭނަ ހަމައެކަނި...." ޖެނީފާގެ ނަޒަރު އާރިކްގެ މޫނަށް ހުއްޓުނެވެ." އޭނަގެ ހަޔާތުން ފޮހެލީ..މަޑުމަޑުން..އެތިކޮޅަކަށްފަހު އެތިކޮޅެއް....މުޅިން އެކަނިވެރިކޮށްލީ.. ދޮގުހެދީ...ނިކަމެތިކޮށްލީ... މަޑުކޮށްގެން ހުރެވުނީ އަހަރެންގެ ސިކުނޑި ގޮވާފައިވާކަމަށް ހީކޮށް....ފަހުން އެތަނުން ދިޔައީ އަހަންނަށް ހީކުރެވުނީ ނުބައިކޮށްކަމަށް ވިސްނިގެން..ސިކުނޑިއަށް ކަމެއް ނުވާކަމަށް އަމިއްލަ ޟަމީރު ބުނެދިނީ....."
"އޭނަ އަނިޔާކުރިތަ؟" އޭނަގެ ދަތްދޮޅިއަށް ވާންވެލިއެވެ.
"ނަފްސާނީގޮތުން؟ ކޮންމެ ދުވަހަކު...ޖިސްމާނީގޮތުން؟ އެންމެ ފަހަރަކު....އެވަރުން ފުދިއްޖެ...."
އަނެއްކާވެސް އިވެމުން ދިޔައީ ވާރޭގެ ނާނާއެވެ. އެއްރާގަކަށް ފުރާޅުގައި ބޮސްދެމުން ހިތްތަކަށް ފިިނިކަން ގެނެސްދެނީއެވެ. ހިތްގައިމު އެކަމަކު ނުރައްކާތެރި މޫސުމެކެވެ.
"ދެން ޑްރަގްސް؟" އޭނަގެ އަޑު މަޑެވެ.
"އޭގެފަހަތުން އަސްލު ޑްރަގް އައީ...މާޒީ ހަނދާން ނައްތައިލަން އެހީވާނެކަމަށް ހީކުރެވުނީ...އެކަމަކު ހަގީގަތަކީ އެއީ އެހީތެރިކަން ފޯރުކޮށްދޭ އެއްޗެއްނޫން... ދިރިއުޅުން ހަލާކުކުރާ އަނދިރި މަގެއް ޚިޔާރުކުރެވުނީ. އެވެސް ބޭކާރު މީހަކަށްޓަކާ. އެއީ ބިރުވެރި ރާސްތާއެއް...އަނދިރި ދުނިޔެއަށް..ވިސްނޭ މީހަކު ނުވަންނާނެ......"
ޖެނީފާގެ އަތް އަނެއްކާވެސް ފޯރުކުރަން އުޅުނީ އަރިމަތީގައި ހުރި މޭޒުމަތީގައި އޮތް ވޭޕަށެވެ. އޭނަ ޖެނީފާގެ އިނގިލިތަކުން އޭތި ނައްޓުވައިލީ އޯގާތެރިކޮށެވެ.
"މީގެ ބަދަލުގައި މާޒީ ހަނދާން ކުރިޔަސް ރަގަޅުވާނެ......."
ޖެނީފާ އޭނައަށް ނަޒަރު ހުއްޓައިލިއިރު ރުޅިވެރިކަމެއްނެތެެވެ. ޝުކުރުވެރި ބެލުމެކެވެ. އޭނަ އަނގަޔަކުން ނުބުނެ އެނދުގައި އޮށޯވެ ރަޖާ ގައިމަތިން އަޅާލައިގެން ލޯ މަރާލައިފިއެވެ.
***
އެދުވަހު އުދަރެހުގެ އަލިކަން ހުޅުރޯވެފައިވާ ފަޅޮލެއްހެން ފެންނާންފެށިއިރު އާރިކް ނަމާދުކުރަން މިސްކިތަށްވަނެވެ. އެތެރެ ފިނިވެފައި އޫދުގެ މީރުވެސް ހިފާފައިވިއެވެ. އޭނަ ވުޟޫކޮށްލުމުން އިންތިހާއަށް ތާޒާކަން އިހުސާސްކުރެވުނެވެ. ނަމާދަށް ފެށިތަނާހެން އަލާނާ ކުޑަދޮރު ކައިރީގައި ހުއްޓުނެވެ.
އާރިކް މިހިރީ ކޮންފަދަ ކިޔަމަންތެރިކަމާ އަދަބުވެރިކަމާއެކުގައި ހެއްޔެވެ؟
އެއީ ކީއްވެހެއްޔެވެ؟
އޮއްސުނުއިރާއި މިސްކިތުގައިވާ އޮރެންޖް އަލި އާރިކްގެ މޫނަށް އެޅިފައިވާއިރު ހިލައިން ކަނޑާނަގާފައިވާފަދަ މޫނުން މަޑުކަމެއް ފެނުނެވެ.
އޭނަގެ ހިތުގައި މީހަކު ހިފާ ފިތައިލިހެން ހީވިއެވެ. އެއަށް ދޭނެ ނަމެއްވެސް ނޭގުނެވެ. ޔަގީނުންވެސް ލޯތްބެއްނޫނެވެ. ފަހަރެއްގައި އެއަށް ކިޔޭނީ އިހުތިރާމްކުރުމެވެ. ގަދަރުކުރުމެވެ. ފަހަރެއްގައި އާރިކްގެ މި ރީތި ފަރާތް ފެނުމުން އެހެން ގޮތަކަށް ވިސްނަން ޖެހުނީއެވެ.
އާރިކްއަށް އޭނަ ފެނުމުގެ ކުރިން އޭނަ އަވަހަށް ދާން ހިނގައިގަތެވެ. އެކަމަކު ހިތުގައި އަޖައިބެއްފަދަ ހަލަބޮލިކަމެއް އުފެދުނެވެ.
***
އާދައިގެ މަތިން ކާ މޭޒުގައި ތިބީ އާރިކްއާއި އޭނަގެ މާމަ ގަމަރިއްޔާއެވެ. މޭޒުމަތީގައި ހުރީ ރޮށްޓާއި ކަނޑުކުކުޅެވެ. އަދި ސެލެޑްއެވެ. ގަމަރިއްޔާގެ މައުޟޫއަކަށްވީ އަވަހަަށް ގެއަށް އަންހެންކުއްޖަކު ގެނައުމަށެވެ. މާމަ ދުނިޔޭގައި ހުއްޓާ އެފަދަ ދުވަހެއް ދެކެން ބޭނުންވާކަމަށެވެ.އެ އުފަލުން މަހުރޫމް ނުކުރުމަށެވެ.
"އަނެއްކާ އެހެން އާރިކްއެއް ދުނިޔެއަށް އުފަންވެއްޖެއްޔާ...."
"އެންމެން އެއްގޮތެއްނުވާނެ.އަޅުވެރިކުއްޖެއް ހޯދާނީ.."
"އެކަހަލަ ކުދިން ހާދަ ނުފެނެއޭ...މުޅިންވެސް ވެސްޓަން ކުދިން ގިނައީ.."
"އާރިކް އެހީމެއްނު މަންމަ ބަދަލުވީ ކީއްވެހެއްޔޯ؟'
"ލައްބަ. ހަނދާން އެބަހުރި.."
"ބަދަލުވީއެއްނޫން..."މާމަގެ ލޮލުން ފެނުނު މޮޅިވެރިކަމާއި ތެތްކަން ހުރިހާ އެއްޗެއް ކިޔައިދީފިއެވެ." ހިތް ހަލާކުވީ...އޭގައި ވަރަށް ބޮޑު ތަފާތެއްވޭ..."
"ވޭނުގެ ސަބަބުން މީހުންގެ ސިކުނޑި ތޫނުކޮށްލާނެ..ކުށްވެރި އިހުސާސްތަކުން އަނިޔާވެރި މީހަކަށް ހަދައިލާ...އެކަމަކު ދަރިފުޅަށް އެނގޭތަ؟މަންމައާއިމެދު އެއީ ދަރިފުޅު އެއްލާލާފައި ދިޔަ މަންމަކަމަށް ނުދެކެ ހިދާޔަތް ނުލިބުނު އަންހެންކުއްޖެއްގެ ނަޒަރުން ދެކެން ފެށީމަ....މާފުވެސް ކުރެވޭނެ. ނަޒަރިއްޔާތު ބަދަލުކޮށްލަން ވީ..."
"ތީވަރަށް އުދަގޫކަމެއް..." އާރިކް އިސްޖަހައިލިއެވެ.
"މާމަ ނުބުނަން ފަސޭހަވާނެއޭ..އެންމެ ރަގަޅުގޮތަކީ އެއީ..ދެން އެވާހަކައެއްނުނޭ....ކޮއިފުޅުވެސް ތިހެން ނުހުރެ ކަމަކާއި އުޅެންވީނު. ކައިވެންޏަކީވެސް ސުންނަތެއް.."
"ކޮންކަހަލަ ކުއްޖެއް ރަގަޅުވާނީ؟" އޭނަ އެހިއެވެ. ވަށައިގެން ޕަރުވާނާއެއްހެން އެނބުރޭ އަލާނާނޫން އަންހެންކުއްޖަކު އެނގިފައެއްނެތެވެ.
"ދީންވެރި ގެވެހި އަންހެންކުއްޖަކު ހޯދީމަ އުފަވެރި ހަޔާތެއް ލިބޭނީ.."
އެއިން އެއްވެސް ސިފައެއް އަލާނާގެ ނެތެވެ. އެރޮގުން ބަލައިފިއްޔާ އަލާނާއަށް ދެވޭނީ ހަމަ ސުމެކެވެ. އޭނަގެ ހަނދާނަށް އައީ އަނދާފައި ހުރި ބަތްގަނޑެވެ. އަދިވެސް އެރަހަ ކަރުތެރޭގައި ލާފަދައެވެ.
"ކިޔަވައިގެން ހުރި ކުއްޖެއް ކިހިނެއްވާނެ މާމާ؟"
"މާމަ އެބުނި ސިފައިގެ އިތުރުން ކިޔަވައިގެން ހުރި ރަގަޅު އާއިލާއެއްވިއްޔާ ދެން ފުރިހަމަވީ އެކަމަކު އެހުރިހާ ސިފަ އެއްކޮށް މިޒަމާނުގައި އެކަކުގެ ކިބައިގެން ފެނުން ނާދިރު. މާމައަށް ކަމުދަނީ ނިގާބު އެޅިކުދިން...."
އާރިިކްއަށް ނިތުގައި ފިރުމައިލެވުނެވެ. އެފަދަ އަންހެންކުއްޖަކު ހޯދަންވެއްޖެއްޔާ ޖެހޭނީ ޕޭޖެއްގައި އިޝްތިހާރެއް ޖަހަން ނޫންހެއްޔެވެ؟ އޭނަގެ ހަޔާތަށް އަދި އެފަދަ އަންހެންކުއްޖަކު އައިސްފައެއްނެތެވެ. މާމަ އެހާވަރަށް އޭނަ ގާތު ކައިވެނީގެ ވާހަަކަ ނުދައްކާނަމަ އެއީ އޭނަގެ ޚިޔާލުގައި ހިނގާނެ އެންމެ ފަހު ކަންތަކެވެ. ކައިވެންޏާއިމެދު އެއްވެސް ވަރަކަށް އަދި ވިސްނާފައެއްނެތެވެ.
އޭނަ ކެއުމަށްފަހު ކޮޓަރީގެ ކުޑަދޮރު ކައިރީގައި ބޭރަށް ބަލަން އިނީ ހަމަ ޒިކުރުކޮށްލުމަށެވެ. ލޯމަރާލައިގެން އިނދެ ހުރިހާ ޚިޔާލެއް ހުސްކޮށްލުމަށްފަހު ހަމައެކަނި ވިސްނީ ހެއްދެވިފަރާތާއި އޮތް ގުޅުމެވެ. އެވަގުތު ހިތާއި ސިކުނޑިއަށް ލިބުނީ ބުނަންނޭގޭފަދަ ފިނިކަމެކެވެ.
***
އާރިކް ރައުންޑްހަދަންވެގެން ނާސް ސްޓޭޝަނަށް އައުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އަލާނާގެ އާދަޔާ ޚިލާފަށް ބަބުޅާ މޫނާއި ސެންޓުގެ ވަހެވެ. ނަރުސްކުއްޖަކު ފައިލެއް ނެގުމަށްފަހު އާރިކްއަށް ނަޒަރު ހުއްޓައިލިއެވެ. އެކުއްޖާގެ ކޯތާފަތް ރަތްވެގެންދިޔުމާއެކު ދުރަށް ބަލަންފެށިގޮތުން އާރިކްއާއި ހަތަރުކަޅިހަމަކުރުން ފަސޭހަނޫނީކަން ނޭގެއެވެ. ޖައިޝަންވެސް ބުނާނީ އޭނަގެ ލޮލުން ކޮންމެ ހިތެއްވެސް ކަފާލާނެކަމުގައެވެ.
"ސަރ.....ސްޓްރޯކްގެ ހިސްޓްރީ އޮވެފައި ހެލުސިނޭޝަންސްތަކާއި އެހެން މައްސަލަތައް ޖެހިގެން ގެނެވުނު އަދީނާ...އޭނަގެ ރިލޭޓިވް ވެއިޓިން ރޫމްގައި މަޑުކޮށްލައިގެން އެބަހުރި..އެކަނި ޑޮކްޓަރާއި ވާހަކަދެއްކިދާނެ ހެއްޔޯ؟"
އާރިކްގެ ފަހަތުން އަލާނާ ހިނގައިގަތީ ދައުވަތަކާއި ނުލައެވެ.
ވެއިޓިންރޫމްގައި ހުރީ ނިގާބު އަޅައިގެން ހުރި އަންހެންކުއްޖެކެވެ. އެކުއްޖާގެ އަތުގައި ލިލީމަލުގެ ގުލަދަސްތާއެކެވެ. އަލާނާގެ މޭގަނޑު އަނގަޔަށް ނައީ ހަމަކިރިޔާއެވެ. އެކުއްޖާ އެ މާތައް ހިފައިގެން އާރިކްއާއި ބައްދަލުކުރުމުގެ ސިއްރެއް އޮންނާނެއެވެ.
"އައްސަލާމް އަލައިކުމް.."މަޑުމައިތިރި އަޑެކެވެ.
އާރިކް ޖަވާބުދިނެވެ.
"އަޅުގަނޑާއި ވާހަކަދައްކަން ބޭނުންކަމަށް ނަރުސް ބުނުމުން މިއައީ..."
"އަދީނާއަކީ އަޅުގަނޑުގެ ބޮޑުދައިތަ....ދައްތަގެ ކޮންޑިޝަންއާއި ބެހޭގޮތުން ސުވާލުތަކެއް އޮތީމަ......"
އަދީނާއާއި ބެހޭގޮތުން އާރިކްއާއި އެއަންހެންކުއްޖާ ވާހަކަދެއްކިއިރު ރެވިތެޔޮ ވަށައިގެން އަލާނާ ހުރީ ރޮބޮޓެއްހެންނެވެ. އެ އަންހެންކުއްޖާގެ ލަފުޒުތަކުން ދޭހަވީ ވިސްނުންތެރިކަމެވެ. ހޫނުކަމެވެ. އިރުގެ އަލި ކާޓެންތެރެއިން ކޮޓަރިއަށް ފަތުރާފަދައިން އެކުއްޖާގެ ހިނިތުންވުމުން މުޅިތަނަށް އަލިވެގެންދާހެން އިހުސާސްކުރެވުނެވެ. މޫނު ނުފެނުނަސް ރީތިކުއްޖެއްކަމާއިމެދު ޝައްކެއްނެތެވެ. އޭނަގެ ހިތް ޑަގަޑަގަ ލާފައި ތެޅޭއިރު އާރިކްގެ ހިތް އޮތްތަނެއްވެސް އެނގެނީއެއްނޫނެވެ. ހައްތަހާ ބޮޑަށް ވާދަވެރިކަންބޮޑުވީއެވެ. އެކުއްޖާ ދިޔަ މަގުމަތީގައިވެސް ލުއި މީރުވަހެކެވެ.
ކޮންމެވެސް ސަބަބަކާއިހުރެ އަލާނާގެ ހިތަށް އުދަގޫވިއެވެ.
"ޢަހަންނަށް ހީވާގޮތުން ހުރިހާކަމެއް އުދަގޫ މިވީ..."
ނަމަވެސް އޭނަގެ ހިތުގައި ހަސަދަވެރިކަން ބާއްވަން ބޭނުމެއްނުވިއެވެ. އެއިން އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ ރީތި އަންހެންކުދިން މަދެއްނޫނެވެ. ނިގާބުގައި ހުރުމުން ސިއްރުވެރިކަމެއް ހުންނަނީއެވެ. ނުފެންނަތަކެއްޗާއިމެދު ބައެއްމީހުން ޝައުގުވެރިވޭނޫން ހެއްޔެވެ؟ އޭނަ އާރިކްގެ މޫނަށް ބަލައިލިއިރު އޭނަ ހުރީ ފައިލްގައި ލިޔުމުގައި އަވަދިނެތިއެވެ. އެމޫނުން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ. އެވަރުން އަލާނާއަށް ފުދުނެވެ.
***
އާރިކް ކެބިންގައި މަސައްކަތެއްގައި އިންދާ ނަރުސްކުއްޖަކު ޓަކިދީފައި ވަންއިރު ލޯ ބޮޑުކޮށްގެން ހުރިގޮތުން ކޮންމެވެސް ކަަމަކާއި ހިތްހަމަޖެހިފައި ހުރިކަން އެނގުނެވެ. އާއްމުކޮށް އެ ހިނިތުންވުމަކީ ހޮސްޕިޓަލުގައި އޮންނަ ގޮސިޕްއަށް ރިޒާވްވެފައިވާ ހިނިތުންވުމެކެވެ.
"އެކުއްޖާ އެބަހުރި.." ނަރުސްކުއްޖާ ޑްރާމާވެފައި ވައި އަޑަކުން ބުނެލިއިރު ދައުލަތުގެ ބޮޑު ސިއްރެއް ފައުޅުކުރިފަދައެވެ.
"ކާކުތަ؟" އާރިކްގެ ލޯ ސްކްރީނުން ކައްސާނުލައެެވެ.
" އެނގެއެއްނު...ވަރަށް މަޑުމަޑުން ވާހަކަދެއްކި އަންހެންކުއްޖާ..އެކުއްޖާގެ ނަންވެސް އަހައިލިން...އަހެދް....."ނަރުސްކުއްޖާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއްވިއެވެ.
"އެކުއްޖާ ގާތު ބުނޭ އަންނާށޭ..."
އިރުކޮޅެއްނުވަނީސް އެކުއްޖާ ވަންގޮތުން ހަމަޖެހުމުގެ ހިމޭން ރާޅެއްފަދައެވެ. ނިގާބު އަދި އަތުގައި އޮތް ތަސްބީހައާއި ދަބަސް އަދި ބޫޓުވެސް ކަޅުކުލައިގައެވެ. އެކުއްޖާއައުމުން އެއްވެސް ވަރަކަށް ސެންޓްގެ ވަހެއް ނުދުވިޔަސް ތާޒާކަމަށް ފެނެއެވެ.
"އައްސަލާމް އަލައިކުމް....އޭނަ ޖަވާބުދިނީ ކުއްލިއަކަށް ތެދުވަމުންނެވެ. ގަލަމުގެ މަތިގަނޑުވެސް ބިންމައްޗަށް ވެއްޓުނެވެ.
"ދެންމެ ދައްތައަށް ޒިޔާރަތްކުރިއިރު ނިދާލާފައި އޮތީ...އެކަމަކު އަހަން ބޭނުންވަނީ މުސްހަފެއް ގެނެސްދިނަސް އޯކޭ ހެއްޔޭ؟ ސްޓްރޯކް ޖެހުމުގެ ކުރިން އަބަަދު ގުރުއާން ކިޔަވާ..."
"އޮފްކޯޒް... ހަނދާންތައް އަނބުރާ އަންނަން އެންމެ ބޮޑު އެހީއަކަށްވާނީ ގުރުއާން....އަދި ރޫހަށްވެސް ތާޒާކަމެއް ލިބޭނެ.."
އެކުއްޖާގެ ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރިގޮތުން ހިތްހެޔޮކަމާއި އޯގާތެރިކަމުން ފުރިފައިވާކަން އެނގުނެވެ.
އެވަގުތު ދޮރު ހުޅުވާލާފައި ވަދެގެން އައީ އަލާނާއެވެ. އެއް އަތުގައި އައިސް ކޮފީއެއް ހުރިއިރު އަނެއް އަތުގައި ކްލިޕްބޯޑެވެ. މޫނުމަތީގައި އަޅައިގެން ހުރި މާސްކަކީ ހިތްހަމަނުޖެހުމެވެ. މި ޕްލޮޓް ޓްވިސްޓާއިމެދު އޭނަ ހިތްހަމަނުޖެހެއެވެ.
"އޯ...ހެލޯ..."އަލާނާގެ ނަޒަރު އަހެދްގެ މޫނުން އާރިކްގެ މޫނަށް ހުއްޓުނެވެ. ނަޒަރުގައިވީ ސުވާލު މާކުތަކެވެ.
"ނޫން....."އާރިކް ފާޑަކަށް ބުނެލިއެވެ."ވިޒިޓާއެއް...."
އަލާނާގެ ވިދާ ޕޮލިޝް ހިނިތުންވުން އަމާޒުވީ އަހަދްއަށެވެ. އަދަބުވެރި ރަސްމީގޮތެކެވެ. އެކަމަކު އިންތިހާއަށް ތޫނެވެ."އަަހަންނަނކީ ޑޮކްޓަރ އަލާނާ...އަދި ތިއީ؟"
"އަހެދް...އާންޓް ގާތަށް މިއައީ...."
"އަހެދް؟" އޭނަ އެއްބުމަ އަރުވައިލިއެވެ.
ލައްބަ..."
"ކިއުޓް...."އަލާނާ ގަސްތުގައި އޭނަގެ އަތުގައި ހުރި އައިސްކޮފީއިން ކޯވަރެއްބޯލީ އަޑު ލައްވާފައެވެ.އޭގެ ފަހުން އައި ހިމޭންކަން އުދަގޫ ލަދުވެތި ކަނޑެއްފަދއެވެ.
"ތި ޑޮކްޓަރވެސް ރީތި..."
އިރުކޮޅަކު ވާހަކަދައްކަން ތިބެފައި އެހެދް ދާން ހިނގައިގަތްއިރު އަތުގައި އޮތް ތަސްބީހަ ވިދާތަން ފެނުނެވެ.
"ޢެކުއްޖާ ރީތި..."
"ހްމްމމް..ވަރަށް ޕޮލައިޓް..."
"ރީތި ލޮލެއް...."އަލާނާ އާދައިގެ ގޮތަކަށް އިތުރުކޮށްލިއެވެ.
"ކުރިއަކުން ތިކަން ފާހަގައެއް ނުކުރެވޭ..."
"އާނ އެކަމަކު ޕޮލައިޓްކަން އެނގުނު..މިހާރު ލޯވެސް ފާހަގަކުރެވިއްޖެ ދޯ......."
"ލަޔާ......"
ކީކޭ ކިޔަން ތިއުޅެނީ؟ " އާރިކްއަށް ވާނުވާ ނޭގުނުގަފައެވެ.
"ކަމެއްނުވޭ.ކަމެއްނުވޭ...އާރިކްއައި އާރިކްގެ ސިއްރު އެޑްމަޔަރަ..ވަރަށް ލޯބި...."އަލާނާ މަލާމާތުގެ ފާޑަކަށް ހަތިޔާރު ބެހެއްޓިއެވެ.
"އަލާނާ..."
"ނޫން...." އޭނަ އަވަސްއަވަހަށް ފަހަތަށް ޖެހިލިއެވެ."އަހަރެން ޖަޖްކުރަނީއެއްނޫން...ވަރަށް ކަމުދޭ ސިއްރުވެރި ނިގާބީ ޕްލޮޓް ޓްވިސްޓެއްވީމަ..."
***
ޖެނީފާގެ ކޮޓަރިވަނީ ވޭޕްގެ އެކި ރަހައިން އެއްވަސްވެފައެވެ.
"ސޯ...ނިގާބީ އަންހެންކުއްޖެއް.....ނޫންތަ؟" ޖެނީފާ އިނީ ފޯނަށް ނަޒަރުހުއްޓާލައިގެންނެވެ.
"އެންމެން އެކައްޗެއް ކިޔަނީ..."
"އެކުއްޖާގެ އެބަހުރި މުޅި ސްޓޯރީލައިން ބަދަލުކޮށްލާނެފަދަ ފާޑެއް...." ޖެނީފާ އަނގައިން ދުންގަނޑެއް ދުއްވައިލިއެވެ.
"އެކުއްޖާގެ ބޮޑުދަައިތަ މިތާގައި އޮތީމަ އެ އަންނަނީ..ކިހިނެއް އެކުއްޖާގެ ވާހަކަ އެނގުނީ."
"ބްރޯ....."ޖެނީފާ ކައުޗްގައި ހަމަޖެހިލިއެވެ."މިއީ ހޮސްޕިޓަލެއް....އެއްވެސް މީހަކު ބޮޑުދައިތައަށް ދެއްކެން އެހާ ރީތިވެގެން ނާންނާނެ.."
އާރިކްއަށް ބޮލުގައި އަތް ކާއްތައިލެވުނެވެ.
"ޢަދި އެ ހުލި އަންހެންކުއްޖާ...އެތަނަށް ވަދެގަތީ ހަމަ މުބާރާތެއްގެ ވާދަވެރިކަން އޮތްގޮތަކަށް ދޯ.....އޫފް.....ތި ވެއްޓުނީ ބޮޑު އަދަވަޅަކަށް..."
"އަހަރެން ނޫޅެން އެ ދެ އަންހެނުންކުރެ އެކަކާއި ހެދީއެއްވެސް....." އޭނަ އަމިއްލައަށް ދިފާއުވާން މަސައްކަތްކުރިއެވެ. އެފަދަ ޚަބަރެއްވެއްޖެއްޔާ އެހާ އަވަހަށް އެންމެނަށް އެނގޭ ވަސީލަތެއް ނޭގުނެވެ. އޭނަވެފައިވަނީ އެންމެންގެ ހޫނު މައުޟޫއަށެވެ.
"ކީއްވެ ތިހާ ހާސްވެފައި؟"
"ނެތިން ހާސްވެފައެއް..."
ޖެނީފާ އޭނައާއި ދިމާލަށް ވޭޕް ދިއްކޮށްލީ މައިކްރޯފޯނެއް ކަމަށް ހަދާފައެވެ.
"އާރިކް...އެއީ ހަމަ ކޯރެއް... ކޮއިފުޅު... އަދި މިހާރު އެ ކޯރުގައި ތި ގެނބެނީ..."
ނުނިމޭ