ބަޖެޓު އޮތް ގޮތުން ދަރަނި ވާނީ އިތުރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަމީރު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވަނީ އަންނަ އަހަރުގެ ބަޖެޓުން ދައްކާ ގޮތުގައި އެ އަހަރު ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދު އިތުރުވާނެކަން ފާހަގަކުރައްވައިފައެވެ.

ހަމައެއާއެކު އިމްޕޯޓް ޑިއުޓީ އަންދާޒާކުރި ވަރަށްވުރެ އިތުރުނުވާ ކަމަށާއި، ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ ބަޖެޓު ކުރި މިންވަރަށް ނުލިބޭ ކަންވެސް އަމީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ހުށަހަޅަނީ ޑެފިސިޓް ބަޖެޓެއް ކަމަށާއި މި ބަޖެޓަށް ވަރަށް ބޮޑު ފައިނޭންސެއް ހޯދަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު 11.1 އިންސައްތައިން އިތުރުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރިކަރަންޓް ޚަރަދު އިތުރުވެފައިވަނީ މުސާރައަށް ކަމަށާއި، ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ މުސާރައަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީ 6.6 އިންސައްތައިން އިތުރުވާނެކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އޭގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން އިތުރެއް ނުވާނެ ކަމަށެވެ. އަދި އެއީ ދަރަނި އިތުރުވާ ބަޖެޓެއް ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ބަޖެޓަށް ފައިނޭންސް ހޯދަން ޖެހުނު މިންވަރު ވީ އިތުރު ކަމަށާއި، ނަމަވެސް ފައިނޭންސް ނުކުރެވި، ނިމޭއިރު ހުންނަނީ ނުދައްކާ ހުންނަ ބިލުތައް ކަމަށެވެ. އަދި ހަމައެއާއެކު ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ، މުސާރައަށް ކުރާ ޚަރަދު މިއީ މި ބަޖެޓުން ފެންނަން އޮތް މައިގަނޑު ކަންތައް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ.

އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ.