21 Aug 2012, 10:39
ވަގަށް ނަގާފައިވާ ހަ ސައިކަލެއް ފުލުހުން ހުޅުމާލެއިން ހޯދައިފި އެވެ.
ފުލުހުން ބުނީ ސައިކަލުތައް ފެނުނު އިރު، ބައެއް ސައިކަލުތަކަށް ބޮޑެތި ގެއްލުންތަކެއްދީ ސައިކަލުތަކުގެ ބައެއް ބައިތައް ވެސް މަދުވެފައިވާ ކަމަށެވެ.
ވަގަށްނެގި ސައިކަލުތައް ފުލުހުން ހޯދާފައި ވަނީ ހުޅުމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޖުލައި 31 ވަނަ ދުވަހާއި އޮގަސްޓް ހަ ވަނަ ދުވަހާއި 10 ވަނަ ދުވަހުގަ އެވެ. އޭގެތެރެއިން ދެ ސައިކަލް ހޯދާފައި ވަނީ ހުޅުމާލެ ހުޅަނގު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށެވެ. ފުލުހުން ބުނީ ހުޅުމާލެ ފެރީޓާމިނަލް އުތުރަށް އޮންނަ ހުސް ބިމެއްގައި އެކިވަރުގެ ގެއްލުންދީ އެއްލާލާފައި ވަނިކޮށް ވެސް ސައިކަލެއް ފެނިފައިވާ ކަމަށެވެ. އަދި ދެ ސައިކަލް ހުޅުމާލެ މޫނިމާމަގު ސަރަހައްދުން ހޯދާފައިވާ އިރު، ހަ ވަނަ ސައިކަލް ފެނިފައި ވަނީ ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
ވަގަށްނަގާފައި ވަނިކޮށް ފުލުހުން ހޯދި ބައެއް ސައިކަލުތައް މިހާރު ވަނީ އެ ސައިކަލުތަކުގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ މައްސަލަ އާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ހޯދި ހަ ސައިކަލަކީ ހުޅުމާލޭ ބައެއްގެ ސައިކަލުތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
ހުޅުމާލެއިން ސައިކަލުތަކެއް ފުލުހުން ހޯދިއިރު، މީގެ ދެހަފްތާ ކުރިން ވަނީ މާލޭގެ ގަރާޖެއްގެ ތެރޭ ފޮރުވާފައި ހުރި ހަތަރު ސައިކަލެއް ވެސް ފުލުހުން ހޯދާފަ އެވެ.