06 Nov 2025, 14:22
ނިޔުޔޯކް (6 ނޮވެންބަރު 2025) : ސޫރިޔާގައި ވެރިކަން ކުރާ އައިއެސް ޖަމާއަތް ކަމަށްވާ "ހަޔިއަތު ތަޙްރީރް އައްޝާމް" (އެޗްޓީއެސް) ގެ އިސް ލީޑަރު އަޙްމަދު އައްޝަރުއު އާއި އެޖަމާއަތުގެ އިސް ކޮމާންޑަރެއްކަމަށްވާ ސޫރިޔާގެ މިހާރުގެ ދާޚިލީ ވަޒީރު އަނަސް އަލްޚައްތާބު އާ ދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ގޮވާލާ ގަރާރެއް އެމެރިކާ ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ގަރާރު ބުނަނީ އަޙްމަދު އައްޝަރުއު އަކީ ސޫރިޔާގެ މިހާރުގެ ރައީސްކަމަށާއި އަނަސް އަލްޚައްތާބު އަކީ ސޫރިޔާގެ ދާޚިލީ ވަޒީރުކަމަށްވާތީ އާއި "އެޗްޓީއެސް" އިން ސޫރިޔާގައި އުފައްދާފައިވާ ސަރުކާރު އދ. ން ވެސް ބަލައިގެންފައިވާތީ އައިއެސްގެ ޓެރަރިސްޓުން ކަމަށް ބަލައިގެން މިދެބޭފުޅުންނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ.
މި ގަރާރު ފާސްކުރެވޭނީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ބޮޑު ފަސް ބާރުގެ ތެރެއިން އެއްބާރުންވެސް ވީޓޯގެ ބޭނުން ނުކުރާ ހާލަތެއްގައި ސަލާމަތީ މަޖިލީހުގެ ނުވަ މެންބަރުންގެ ވޯޓު ލިބިގެންނެވެ. މިއީ އެމެރިކާއިން ހުށަހެޅި ގަރާރެއް ކަމަށްވިޔަސް ސޫރިޔާގެ ރައްޔިތުންގެ ހާލަތަށް ބަލާފައި މިގަރާރާ ދެކޮޅަށް ރަޝިއާ އާއި ޗައިނާ ވީޓޯ ނުކުރާނެ ކަމަށްވަނީ ބެލެވިފައެވެ.
ބޮޑު 5 ބާރުގެ ތެރޭގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަކީ ސޫރިޔާގެ ވެރިކަން ފޮރޮޅާލުމަށް ޓަކައި "ހަޔިއަތު ތަޙްރީރް އައްޝާމް" އަށް ވާގިވެރިވި ތިން ގައުމުތަކެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްޓަކައި އައިއެސް ޖަމާއަތަށް (ކުރީގެ ޖަބްހަތުއްނުސްރާއަށް) ނުސީދާ ގޮތެއްގައި އެހީވި ކަމުގެ ތުހުމަތު އެންމެ ކުރިންވެސް ކުރެވިފައިވަނީ މި ތިން ގައުމަށެވެ. ދެން ގަތަރާއި ތުރުކީގެ މައްޗަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޗައިނާ ބޭނުންވަނީ ސޫރިޔާގެ ރައީސް އަޙްމަދު އައްޝަރުއު އާއި އެ ގައުމުގެ ދާޚިލީ ވަޒީރު އަނަސް އަލްޚައްތާބު އާ ދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަކި މުއްދަތަކަށް އުވާލާށެވެ. އެ މުއްދަތު ހަމަވުމަށްފަހު އަނެއްކާވެސް ސޫރިޔާއިން އެކަމަށް އެދުމުން މުއްދަތު އިތުރުކުރާ ގޮތަށެވެ.
ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެބާރު ބޭނުން ވަނީ އަޙްމަދު އައްޝަރުއު އާއި އަނަސް އަލްޚައްތާބު އަކީ މިހާރު ޓެރަރިސްޓުން ނޫންކަމަށް ނިންމާށެވެ. އަދި އެ ދެ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ދާއިމީކޮށް އުވާލުމަށެވެ.
ޗައިނާ ބޭނުންވާގޮތަށް އެމެރިކާ އެއްބަސްނުވި ނަމަވެސް އަދުގެ ހާލަތަށް ބަލާފައި ޗައިނާ އޮތީ މިކަމާ ދެކޮޅަށް ވީޓޯ ކުރާގޮތަށް ނޫންކަމަށް އދ. ގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެއެވެ.
އަޙްމަދު އައްޝަރުއު އާއި އަނަސް އަލްޚައްތާބު އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެދި އެމެރިކާ ސަރުކާރުން އދ. އަށް ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް އަޙްމަދު އައްޝަރުއު އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާތީ އެ ދަތުރުފުޅަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. މި ދަތުރުފުޅުގައި އަނަސުލް ޚައްތާބު ވެސް ބައިވެރިވާކަމަށް ވެއެވެ.
އދ. ން ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ މީހުން އެމެރިކާ ސަރުކާރުގެ ރަސްމީ ދައުވަތަކަށް ވޮޝިންޓަނަށް ދިޔުން އެމެރިކާގެ ގާނޫނު ހުއްދަ ނުކުރެއެވެ. ސޫރިޔާގައި ވެރިކަންކުރާ "ހަޔިއަތު ތަޙްރީރް އައްޝާމް" އެޗް.ޓީ.އެސް. އަކީ ކުރިން ޖަބްހަތުއްނުސްރާގެ ނަމުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ބައްޝާރުގެ ސަރުކާރު ވައްޓާލަން ހަނގުރާމަކުރި ޖަމާއަތެކެވެ.
ޖަބްހަތުއްނުސްރާ އަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައިވާ ޖަމާއަތެކެވެ. އެޖަމާއަތުގެ ނަންވަނީ "ހަޔިއަތު ތަޙްރީރް އައްޝާމް" (އެޗް.ޓީ.އެސް) އަށް ފަހުން ބަދަލުކޮށްފައެވެ. "ހަޔިއަތު ތަޙްރީރް އައްޝާމް" (އެޗް.ޓީ.އެސް) ގެ ނަން ބައިނަލްއަގްވާމީ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި ނޯންނަ ކަމަށްވެއެވެ.