ޑާކް ރެއިން އެންޓަޓެއިންމެންޓުން ނެރޭ 'އަލްވަދާއު'ގެ ޓިކެޓް އޮލިމްޕަހުން ވިއްކައިން ފަށައިފިއެވެ.

އޮލިމްޕަސް ޓިކެޓް ކައުންޓަރުން 'އަލްވަދާއު'ގެ ޓިކެޓް ވިއްކަން ފެށީ މިއަދު ހެނދުނު 10:00ގައެވެ. އޮލިމްޕަހުން ޓިކެޓް ވިއްކިނަމަވެސް، ޓިކެޓް ބުކްކުރުމަށް 9911229 އަށް ވައިބާ މެސެޖްކޮށް، އޮލިމްޕަހަށް ނުގޮސް ވެސް ޓިކެޓް ލިބޭނެއެވެ.

އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ދައްކަން ފަށާ އަލްވަދާއުގެ ޓިކެޓް ހޯދަން މެސެޖުކުރާއިރު، އެ މީހަކު ދާން ބޭނުންވާ ޝޯއެއްގެ ތާރީޚާއި، ފޯން ނަންބަރާއި ބޭނުންވާ ސީޓުގެ އަދަދު ހިމަނަންވާނެއެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ފިލްމަކީ ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެފައިވާ، އަދި އަލީ ޝަފީއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި، މިހާރު އެންމެ މަގުބޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ މަރްޔަމް މަޖުދާއާއި ޝަރަފް އަބްދުﷲ ހިމެނެއެވެ.

މީގެ އިތުރުން، މުހިންމު ރޯލްތަކުން ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ މުހައްމަދު ރަޝީދު (ދަރާ ރަޝީދު)އާއި ޝީލާ ނަޖީބު ފެންނައިރު، ދާދި ފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި އާއިޝަތު ލައިޝާ ލަތީފް ވެސް ފިލްމުން ފެންނާނެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ފަހުން ނެރެފައިވަނީ ފިލްމު "އަލިފާން"އެވެ. އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށް، ރަވީ އެކްޓް ވެސް ކޮށްފައިވާ އެ ފިލްމަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ.