ރާއްޖޭގައި އިންވެސްޓަރުންނަށް ދިރިއުޅެވޭ "ޕާލް ރެޒިޑެންސީ ޕްރޮގްރާމް" އަންނަ އަހަރުގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ވަޒީރު މިކަން އިއުލާންކުރެއްވީ އިނގިރޭސިވިލާތުގެ ލަންޑަނުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައެވެ.

އެ ކޮންފަރެންސްގައި ސައީދު ވަނީ، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް "ދަ މޯލްޑިވްސް ޕާލް ރެސިޑެންސް" ރަސްމީކޮށް ތައާރަފުކޮށްދެއްވާފައިވެއެވެ.

އެކްސްގައި ކުރި ޓްވީޓެއްގައި އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޕްރޮގްރާމް ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށް އިއުލާންކޮށްފައެވެ.

މި ހަރަކާތަކީ އިގްތިސާދު ސިންދަފާތު ކުރުމާއި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ޕާލް ރެސިޑެންސް ތަމްސީލުކުރަނީ ޒިންމާދާރު އިންވެސްޓްމަންޓެއްގެ އާ ޒަމާނެއް ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުން ކުރިއަށް ގެންދިއުމަށް ބާރުއަޅާނެ ކަމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފައިވެއެވެ. އަދި ދިގު މުއްދަތުގައި މިކަމުގެ ފައިދާ ފެންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް އިއުލާންކުރައްވާފައިވަނީ މި އަހަރުގެ ޖުލައި މަހުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ސަރުކާރުން ވަނީ މި ޕްރޮގްރާމްގެ މަސައްކަތް ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައެވެ.

ހެންލީ އެންޑް ޕާޓްނާސްއަކީ "ގޯލްޑަން ވިސާ" ނުވަތަ "ގޯލްޑަން ޕާސްޕޯޓް" ޕްރޮގްރާމްތަކުގެ ނަމުން މަޝްހޫރު ރެސިޑެންސް އަދި ސިޓިޒަންޝިޕް ބައި އިންވެސްޓްމަންޓަށް ޚާއްސަ ކޮންސަލްޓިން ފާމެކެވެ.

އޮޕަރޭޓްކުރާތާ 25 އަހަރުވެފައިވާ އެ ކުންފުނިން ކުރަނީ މާލީ އިންވެސްޓްމަންޓްތަކުގެ ބަދަލުގައި، މުއްސަނދި ފަރުދުންނަށް ރެޒިޑެންސީ ހޯދުމަށް އެހީތެރިވެދިނުމުގެ މަސައްކަތެވެ.