ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަން، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ސައިކަލަކުން ޖެހި އަނިޔާވި މީހާ އަށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަހު ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ސ. ހިތަދޫ ރަތްފުސްގޭ އުމުރުން 43 އަހަރުގެ އަބްދުﷲ ގާސިމް އިބްރާހީމް އެވެ.

ފެމެލީ ކްލިނިކްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގާސިމުގެ އަށް އަހަރާއި 16 އަހަރުގެ ދެ ކުދިން ތިބެ އެވެ.

އޭނާ މަރުވެފައި ވަނީ އެކްސިޑެންޓުގައި ލިބުނު އަނިތަކާ ގުޅިގެން ހޭނާރާ އޮތުމަށް ފަހު ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު ކަމަށް މައުލޫމާތު ލިބިފައިވެ އެެވެ.

ފޭރުމަށް ފަހު ފުލުހުންނަށް ފިލަން ދުއްވަނިކޮށް އަބްދުﷲ ގާސިމްގެ ސައިކަލުގައި ޖެހިފައި ވަނީ އެނާ ޖަސްޓިސްބިލްޑިން ކުރިމަތީގައި މަޑުކޮށްލައިގެން އިންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ފޭރުމަށް ފަހު ފުލުހުނަށް ފިލަން ދުއްވި ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ޒުވާނެއް ކަމަށާއި އަދި އޭނާގެ ފަހަތުގައި އިނީ 17 އަހަރުގެ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެ ދެ މީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ.