ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނަށް އަމިއްލަ އަށް ހެއްދެވުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި އެކަން ރައްޔިތުނަށް ސާފުވާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ކުރައްވާފައިވާ ކަމަށް ބުނާ ޑިމޮކުރަސީއާއި ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭ ގޮތުން ގައުމީ ޕާޓީން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ފަހު، ވީޓީވީގެ ސްޓޫޑިއީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މިއަދު ވިދާޅުވީ ނަޝީދު އިސްތިއުފާދެއްވީ އަމިއްލަފުޅަށް ހެއްދެވުނު ގޯސްތަކެއްގެ ސަބަބުންކަން އަންގައިދޭ ސާބިތު ހެކިތައް ފެންނާން އެބަހުރި ކަމަށެވެ.

"މިހާރު އެމަނިކުފާނުގެ ބަސްމަގު ކޮންމެ ގޮތަކަށް ހުރި ކަމުގައިވީ ނަމަވެސް އެމަނިކުފާނު (ނަޝީދު) އަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އަމިއްލަފުޅަށް ހެއްދެވުނު ގޯސްތަކުކަން އަޅުގަނޑުމެނަށް ސާބިތުކަމާ އެކު ފެންނާން އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ވެރިޔަކު ވެރިކަމުގެ ދައުރު ނިމުމުގެ ކުރީން އިސްތިއުފާ ދެއްވުމަކީ ގައުމެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އެއް ކަންތައް ކަމަށާއި ވެރިކަން ބަދަލުވި ގޮތް ތާރީހަށް ލިޔެ ރައްކާކުރަން ޖެހޭ ކަމަށެވެ.

"މިފަދަ ކަމެއް ހިނގައި ދިޔަ ގޮތުގެ ހަގީގަތް ރައްޔިތުނަށް ސާފްވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އަދި ތާރީހަށް ޓަކައި މިފަދަ ކަންތައް ރައްކާތެރިކުރެވި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭކަން އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ގޮތުގެ ހަގީގަތް ހާމަކުރުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މީޑިޔާތައް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ޑިމޮކުރަސީ ބިޓްރޭޓް – ބިހައިންޑް ދަ މާސްކް އޮފް ދަ އައިލޭންޑް ޕްރެސިޑެންޓް" ނަމުގައި ގައުމީ ޕާޓީން ފޮތް ނެރުނު ކަމަށް ޓަކައި އެ ފޮތް ލިޔުއްވި އެ ޕާޓީގެ ރައީސް އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އެޑްވައިޒު ޑރ. ހަސަން ސައީދަށް މިނިސްޓަރު ނާޒިމް ޝުކުރު އަދާކުރެއްވެވި އެވެ.

ކުރީގެ ރައީސް ނަޝީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ޑރ. ހަސަން ލިޔުއްވި ފޮތާ ގުޅޭ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަމީން ވިދާޅުވީ އެ ފޮތުގައި މައިގަނޑު ގޮތެއްގައި ބުނެފައި ހުންނާނީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެންމެ ސަބަބުތަކާ ގުޅިގެން ނޫން ކަމުގަ އެވެ.

"އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ފުރައްސާރަކުރުމާއި ދިވެހި ރާއްޖޭގެ އަދުލު އިންސާފަށް ފުރައްސާރަ ކުރުމާއި އަދި އޭގެ ތެރޭގައި އިސްލާމްދީނުގެ ރިވެތި އަދަބުތައް ނައްތާލުމަށް ކުރި މަސައްކަތްތަކާއި އެއީ ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭ ސަބަބުން ކަމަށް. މި ފޮތުގައި އެކަން ބަޔާން ކޮށްފައިވާނެ،" އަމީން ވިދާޅުވި އެވެ.