ދުނިޔޭގެ އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕުން، ޔޫޒަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން 'ސްޓްރިކްޓް އެކައުންޓް ސެޓިންގްސް'ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފުކުރަން ތައްޔާރުވަމުން އެބަދެއެވެ.

މި ފީޗާއަކީ ޚާއްސަކޮށް ސައިބާ ހަމަލާތަކުގެ ނުރައްކާ ބޮޑު ފަރާތްތަކަށް އަމާޒުކޮށްގެން ތައްޔާރުކުރާ، އެކައުންޓުގެ ސަލާމަތީ ފިޔަވަޅުތައް އެއްފަހަރާ ވަރުގަދަކޮށްދޭނެ ފީޗާއެކެވެ.

ވަޓްސްއެޕްގެ ފީޗާތައް ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ 'ޑަބްލިޔުއޭބީޓާއިންފޯ' އިން ހާމަކޮށްފައިވާ ގޮތުގައި، މި ފީޗާ މިހާރު ވަނީ ވަޓްސްއެޕްގެ އެންޑްރޮއިޑް ބީޓާ ވާޝަންއެއްގެ ކޯޑުތަކުގެ ތެރެއިން ފެނިފައެވެ. މި ފީޗާ އެކްޓިވޭޓް ކުރުމުން، ޕްރައިވެސީއާ ގުޅޭ އެތައް ސެޓިންގްއެއް އެކުގައި ބަދަލުވެ، އެކައުންޓަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.

ވަޓްސްއެޕްގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނީ ފީޗާތައް އިތުރުކުރަމުން --

މި އާ ފީޗާގެ ދަށުން، ކޯލުތަކުގައި ޔޫޒަރުންގެ އައިޕީ އެޑްރެސް ފޮރުވުމަށްޓަކައި ކޯލުތައް ވަޓްސްއެޕްގެ ސާވާތައް މެދުވެރިކޮށް ރައުޓްކުރެވޭނެއެވެ. އަދި ނޭނގޭ ނަންބަރުތަކުން ފޮނުވާ ފޮޓޯ، ވީޑިއޯ، އަދި ޑޮކިއުމެންޓް ފަދަ މީޑިއާ އޮޓޮމެޓިކުން ޑައުންލޯޑުވުން ހުއްޓުވައި، މޭލްވެއާ އަދި ފިޝިން ލިންކުތަކުން ރައްކާތެރިކޮށްދޭނެއެވެ.

މީގެ އިތުރުން، އައިޕީ އެޑްރެސް ހާމަވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ޗެޓުތަކުގައި ފޮނުވާ ލިންކުތަކުގެ ޕްރިވިއު ނުފެންނަ ގޮތް ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި ފީޗާއާއެކު، ސޭވްނުކުރާ ނަންބަރުތަކުން އަންނަ ކޯލުތައް އޮޓޮމެޓިކުން މިއުޓްކުރެވޭނެއެވެ. މިއީ ސްޕޭމް އަދި ސްކޭމް ކޯލުތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ހަމައެއާއެކު، ގްރޫޕް ޗެޓުތަކަށް އެޑްކުރެވޭނީ ހަމައެކަނި ސޭވްކޮށްފައިވާ ކޮންޓެކްޓްތަކަށް ކަމަށް ހެދުމުގެ އިޚްތިޔާރު ލިބި، އެކައުންޓު ހައިޖެކްކުރުމުން ދިފާއުވުމަށްޓަކައި ޓޫ-ސްޓެޕް ވެރިފިކޭޝަންވެސް އޮޓޮމެޓިކުން އެނެބަލްކުރެވޭނެއެވެ.

މި 'ސްޓްރިކްޓް މޯޑް' އަކީ ވަޓްސްއެޕުން މިހާރުވެސް ފޯރުކޮށްދޭ އެންޑް-ޓު-އެންޑް އެންކްރިޕްޝަން ފަދަ ސަލާމަތީ ފިޔަވަޅުތަކުގެ އިތުރުން، އިތުރު ރައްކާތެރިކަމެއް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ގެންނަ ބަދަލެކެވެ.

މި ފީޗާ އާންމުކުރާނެ ވަކި ތާރީޚެއް އަދި ހާމަނުކުރި ނަމަވެސް، ބީޓާ ވާޝަނުން ފެނިފައިވާތީ، މާގިނަ ދުވަހެއް ނުވެ ހުރިހާ ޔޫޒަރުންނަށް މި ފީޗާ ލިބިގެންދާނެކަމަށް ބެލެވެއެވެ.