ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ އެ ކޮލެޖަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ލިބޭނެހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މިއަދު އިސްލާހެއް ގެނެސްފިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ކޮލެޖެއް، ޔުނިވަސިޓީއަކަށް ބަދަލުކުރަން އެދޭއިރު އެ ކޮލެޖަކީ ހިންގާތާ 15 އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

ހަމައެއާއެކު އެ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައަކުން މަދުވެގެން ތިން ދާއިރާއަކުން ޕްރޮގްރާމްތައް ހިންގަންޖެހޭނެއެވެ. އެ ދާއިރާތަކަކީ:

  • އާޓް އެންޑް ހިއުމަނިޓީޒް

  • އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
  • ލައިފް ސައިންސް އެންޑް މެޑިސިން
  • ނެޗުރަލް ސައިންސަސް
  • ސޯޝަލް ސައިންސް

އަދި އެ ކޮލެޖަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާ ކޮލެޖަކަށް ވާންޖެހޭނެއެވެ. ހަމައެއާއެކު ބައިނަލްއަގްވާމީ ޔުނިވަސިޓީ ރޭޓިންއެއް ނުވަތަ ރޭންކެއްގައި ބައިވެރިވެ، ރޭޓުކުރެވިފައިވާ ކޮލެޖަކަށް ވެސް ވާންޖެހޭނެއެވެ. ނުވަތަ އެފަދަ ގިންތިއެއްގެ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝިއުރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ އެ ކޮލެޖަކަށް ލިބިގެން ވާންވާނެއެވެ. އަދި އެ ކޮލެޖަކީ ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗާއި، ބޭރު ޔުނިވަސިޓީތަކާއި ޖަމާއަތްތަކުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވެސް ވާންވާނެއެވެ.

ހަމައެއާއެކު ކޮލެޖުގެ އެކަޑަމިކް ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.