ފިތުރު އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގައި ހަރަކާތްތެރިވާ ސިފައިންގެ އާއިލީ ހަވީރެއް ބާއްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ހެޑްކްއޯޓާޒްގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެ ހަވީރު ފައްޓަވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިޔުޓީ ކޮމާންޑާ ކެޕްޓަން އަބްދުއްސަލާމް ހުސައިންގެ އަނބިކަނބަލުން ނަޖުމުއްނިޝާ އެވެ.

އެ އާއިލީ ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު ގޭމްތަކާއި ލަވަކިޔުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މިގޮތުން ބިސް ރޭހާއި ގޯނި ރޭހާއި އަދި ހަން ފެޅުން ފަދަ ގޭމްތަކުގެ އިތުރުން ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުމާއި އަލިފާން ނިއްވާ ގޮތް ދަސްކޮށްދިނުން ފަދަ ހަރަކާތްތައް ހިމެނެ އެވެ.

ގިނަ އަދަދެއްގެ ސްޓޯލްތަކަކާ އެކު ކުރިއަށްދިޔަ މި އާއިލީ ހަވީރުގައި ސިފައިންގެ އާއިލާތަކުން ވަނީ ބައިވެރިވެފައިވެ އެވެ.