20 Aug 2012, 16:28
ސުލްހައިގެ ވާހަކަތަކުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އާއި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ބައިވެރިނުކޮށް ވާހަކަތައް ބާއްވައި ދިނުމަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ޑިޕޮލޮމޭޓަކު މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު ވަހީދު އަށް ދެންނެވި ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެ އޮފިޝަލް މިއަދު ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި އުމަރާއި އިމުރާނު ބައިވެރި ނުކުރަން ހުށައަޅާފައި ވަނީ އެކި މަންދޫބުން ބައިވެރިކޮށްގެން ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން ބައިވެރިނުކޮށް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުށައަޅާ ސީދާ ސަބަބުތައް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ކުރީގެ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ބޭރުގެ ޑިޕޮލޮމެޓިކް ބޭފުޅަކު މެދުވެރިކޮށް ރައީސް ވަހީދަށް އެބޭފުޅާ މިހުށައަޅަނީ ސުލްހައިގެ މަޝްވަރާތަކުގައި އުމަރު ނަސީރާއި އިމްރާން ބައިވެރި ނުކޮށް މަޝްވަރާތައް ކުރިއަށް ގެނދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ނަޝީދުގެ ފަރާތުން ވެސް އަދި އެމްޑީޕީ އިން ވެސް ވަނީ އެކަން ކަށަވަރު ނުކުރެވިފަ އެވެ. އެމްޑީޕީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާ ފޯނުން ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ސިޔާސީ މަޝްރަހު ފިނިކުރުމަށް ސިޔާސީ ޕާޓިތަކުގެ މެދުގައި ވާހަކަތައް ފެށުނު ނަމަވެސް އަދި ވަނީ އެކަމަށް އެދެވޭ ކުރިއެރުމެއް ލިބޭ ގޮތް ނުވެފަ އެވެ. ބައްދަލުވުންތައް ބޭއްވުނު ނަމަވެސް މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.
ރައީސް ވަހީދު މިދިޔަ ހޮނިހިރު ދުވަހު ސައުދީ އަރަބިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ސުލްހައިގެ ވާހަކަތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވާހަކަ ޕާޓީތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބައަށް ދަންނަވާފައިވާ ކަމަށެވެ.
ނަމަވެސް ޕާޓީ ޓޯކުސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނަވާނީ އެމްޑީޕީން ސަރުކާރުގެ އިސްވެރިންނާއި ފުލުހުންނާއި ސިފައިންނަށް ކުރާ ފުރައްސާރަތައް ހުއްޓާލުމުންކަމަށް ވެސް ވިދާޅުވި އެވެ.