ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މަގުމަތީން އަންހެނެއްގެ ގައިގައި ޖެއްސެވި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވައިފި އެވެ.

މަހުލޫފު މިއަދު ސަން އަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އޭނާ މަގުމަތީން ސައިކަލްގައި ވަޑައިގަންނަވަނިކޮށް ބަޔަކު އައިސް ފޮށުނު ކަމަށާއި އަދި މޫނާ ކައިރިކޮށް ފޯނަކުން އޭނާގެ ވީޑީއޯ ނަގަމުން ދިޔަ ކަަމަށާއި އޭނާ މަސައްކަތް ކުރެއްވީ އެކަން ހުއްޓުވަން ކަމަށެވެ.

"އެއްގޮތަށް ދުއްވާފައިދާ އިރު އެހާކައިރިން ވީޑިއޯކުރުމުން އުނދަގޫވާނެ ދެއްތޯ ކޮންމެ މީހަކަށް ވެސް. އެހެންވެ އަޅުގަނޑު މަސައްކަތްކުރީ ކެމަރާމަތީ އަތްއަޅަން، އަޅުގަނޑު ޖަހާފައެއް ނޯނާނެ،" މަހުލޫފް ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެ ޓީވީން ލީކުކޮށްލާފައިވާ އެ ވީޑިއޯގައި ފެންނަނީ މަހުލޫފާއި ސައިކަލެއްގައި ދިޔަ ދެ މީހެއްގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު، މަހުލޫފް އަތް ހޫރުވާލާ ތަނެވެ.

އަދި އެވަގުތު ސައިކަލްގައި ތިބި ދެ މީހުން ކުރެ އެކަކު "އައްދޯތް ގަޔަށް ބޮލަކަށް ނޭރޭނެ އިނގޭ ކަލޭއަކަށް ވެސް" ބުނާ އަޑު އިވެ އެވެ.

އެވީޑިއޯގައި ވާހަކަ ދައްކާ، އެ ސައިކަލް ދުއްވަންއިން ފިރިހެން މީހާ ކަމަށް ބުނާ މީހާ، ރާއްޖެ ޓީވީ އަށް އެ ރޭ ދިން އިންޓަވިއުއެއްގައި ބުނަނީ އެ މީހުން އެރޭ ދުއްވާލަން އުޅުމުގެ ތެރޭގައި މަހުލޫފްއާ ދިމާވެގެން "އޭ ބާޣީ" ބުނި ކަމަށާއި އެހެން ގޮވާލާފައި ދުއްވާފައި ދަނިކޮށް އޭގެ ކުޑައިރުކޮޅެއް ފަހުން މަހުލޫފް ފަހަތުން އައިސް ވާހަކަ ދައްކަންފެށި ކަމަށާއި އަދި ސައިކަލާ ކައިރި ކުރަމުން އެކިކަހަލަ އިންޒާރުތައް ދިން ކަމަށެވެ.

ރާއްޖެ ޓީވީ އަށް އިންޓަވިއު ދިން، ސައިކަލް ދުއްވި ކަމަށް ބުނާ މީހާ، ރާއްޖެ ޓީވީގައި ވެސް ބުނެފައި ވަނީ މަހުލޫފު އުޅުއްވީ އޭނާގެ ސައިކަލް ފަހަތުގައި އިން އޭނާގެ އަންހެނުންގެ ގައިގައި ޖަހަން ކަން ކަށަވަރު ނުވާ ކަމަށާއި ވީޑިއޯ ކުރަން ފެށުމުން ލަފާ ކުރެވެނީ ވީޑިއޯ ކުރަމުން ދިޔަ ވީޑީއޯގައި ޖަހަން އުޅުއްވި ކަމަށެވެ.

"ފޯނުގައި ކަންނޭނގެ ޖަހަން އުޅުނީ. އެކަމަކު އަންހެނުންގެ މޫނުމައްޗާއެކީ ޖެހީ،" އޭނާ އެވީޑިއޯގައި ބުނެ އެވެ.