ސިފައިނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ އިން ސިފައިންނަށް 50 ފްލެޓް ދޫކުރާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ސަރުކާރުން މިގޮތަށް ހަމަޖައްސާފައިވާކަން ބަޔާންކޮށްފައި ވަނީ މިިދިޔަ ހަފްތާގައި ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ސިފައިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ހުޅުމާލެ އިން ސިފައިންނަށް ދޫކުރުމަށް ހަމަޖައްސާފައިވާ 50 ފްލެޓް ދޫކުރުމާ ބެހޭ ކަންތައްތައް ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެކޮމިޓީގެ އިސް ބޭފުޅަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ސީނިއާ އޮފިސަރުންނާއި އެހެނިހެން މަގާމުތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނަވާ ކަމުގައި ވިދާޅުވި އެވެ.

"ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ތެރެއިން 50 ފުލެޓް ލިބޭނެ ފަރާތްތައް ނިމިގެންދާނީ. އަޅުގަނޑު ކޮމިޓީގައި ދަންނަވާފައި ވާނީ ހުރިހާ މަގާމްތަކަކަށް ވެސް މީގެ ތެރެއިން ފްލެޓް ލިބޭނެ ކަހަލަ ގޮތަކަށް މި ކްރައިޓީރިއާތައް އެކުލަވާލައްވާށޭ. ކްރައިޓީރިއާތައް ވަރަށް އަވަހަށް އިއުލާނުކުރެވޭނެ. މި ކްރައިޓީރިއާތަކަށް ފެތޭ ފަރާތްތަކަށް ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި މިފުލެޓްތައް ލިބިގެންދާނެ،" މިދިޔަ ހޮނިހިރު ދުވަހު ނާޒިމް ވިދާޅުވެފައިވެ އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ އިން ދޫކުރާ ފްލެޓްތައް އަމިއްލަ ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އެ ފުލެޓްތަކަށް އެމީހުން އަމިއްލައަށް ފައިސާ ދައްކައިގެން ފްލެޓްތައް އަމިއްލަ ކުރެވޭނެ ކަމަށެވެ. އަދި ފްލެޓްތަކަށް ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރި ވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ސިފައިންގެ ނަމުގައި ހުރި ހުސް ބިންތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އޭގެ ތެރޭގައި ވިލިގިލީގައި އޮތް ހުސްބިމުގައި މިއަހަރުގެ ތެރޭގައި ބިންގާ އަޅައި އެތަނުގައި ފްލެޓްގެ މަސައްކަތް ފަށާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.