20 Aug 2012, 14:57
މައްކާގައި ހުންނަ ކައުބަތުﷲގެ ގެފުޅުގެ އުރަކޮޅެއްގެ ބަޔަކާއި ރަން އަކުރުން ލިޔެފައިވާ ގުރުއާން ހަތިމެއް ސައޫދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް ރާއްޖެ އަށް ހަދިޔާ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާ ހަވާލު ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސަޢޫދީޢަރަބިޔާގެ މައްކާގައި ކުރިއަށް ދިޔަ އޯއަސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ރަސްގެފާނު ރާއްޖެ އަށް ހަދިޔާއެއްގެ ގޮތުގައި ގެފުޅުގެ އުރަކޮޅުން ބައެއް ހަދިޔާ ކުރެއްވި ކަމަށާއި އުރަކޮޅުގެ އެބައި މުލީއާގޭގައި ބަހަޓާފައިވާ ކަމަށެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު އައްބާސް އާދިލް ރިޔާޒާ މިއަދު ވިދާޅުވީ އިއްޔެ ރައީސް ވަހީދާއި އީދު ސަލާމް ކުރައްވަން ވަޑައިގަތް ބޭފުޅުންނަށް ފެންނާނެހެން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ގެފުޅުގެ އުރަކޮޅުގެ ބައި ބެހެއްޓިފައިވާ ކަމަށެވެ. އަދި ރަންއަކުރުން ލިޔެފައިވާ ހަތިމް ވެސް އެތަނުގައި ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެފުޅުގައި ހުންނަ އުރަކޮޅު ކޮންމެ އަހަރަކު ވެސް ސައުދީ ސަރުކާރުން އާ ކުރަމުންދެ އެވެ.