16:34


ރ. މަޑުއްވަރީގައި މަސްވެރިންގެ ހިޔާ، ކޯޓް އަމުރެއްގެ ދަށުން ރޫޅާލަން ފުލުހުން ދިއުމުން ރަށުގެ ދެބައެއްގެ މެދުގައި ހަމަނުޖެހުންތައް އުފެދިއްޖެ އެވެ.


 މިއަދު، މެންދުރު މަޑުއްވަރީ ކޯޓުން ނެރުނު އަމުރެއްގެ ދަށުން މަޑުއްވަރީ، މަސްވެރިންގެ ހިޔާ، ރޫޅައިލަން ފުލުހުން ދިއުމުން ރަށުގައި ތިބި އެމްޑީޕީ އަށް ނިސްބަތްވާ މީހުންނާއި ޑީއާރްޕީ އަށް ނިސްބަތްވާ މީހުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން ދިޔަ ނަމަވެސް މީހަކަށް އަދި ރަށުގެ އެއްޗަކަށް ގެއްލުންދީފައެއް ނުވެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޑުއްވަރިއަށް ފުލުހުން ގޮސްފައިވާ ކަމަށާއި ދިޔައީ ކޯޓް އަމުރަކުން ނަގަން އަންގާފައިވާ އިމާރާތެއް ނެގުމަށް ކަމަށެވެ.  


"އެ އަމުރު ތަންފީޒު ކުރާތީ ދެބައެއްގެ މެދުގައި ހަމަނުޖެހުންތައް ހިނގަނީ. އެކަމުގައި ކަންތައް ގޯސްވާ ހިސާބަށް ދިއުމުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" މިޑިއާ އޮފިޝަލު ވިދާޅުވި އެވެ. އިމާރާތް މިއަދު ރޫޅައިލާނެ ގަޑިއެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ފުލުހުން ބުނީ މަޑުއްވަރީ ކޯޓުން މިއަދު ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން އިމާރާތް ރޫޅާނެ ކަމަށެވެ.


މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ ތެރޭގައި މިހާރު 90 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ސްޓާފޯސް ވެސް ހިމެނޭ ކަމަށެވެ.


އޭނާ ބުނީ ރަށުގައި މިދިޔަ ހޮނިހިރު ވިލޭރެއިން ފެށިގެން ރަށުގައި ހަމަނުޖެހުން ހިނގަން ފަށައިފި ކަމަށެވެ. އޭނާ ބުނީ ހަމަނުޖެހުންތައް ހިނގަން ފެށީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި މަސްވެރިންގެ ހިޔާގެ ނަމުގައި 1998 އިނަ ފެށިގެން ހަދައިގެން އުޅޭ އިމާރާތެއް ރަށުގައި ތިބި އެމްޑީޕީއަށް ތާއީދުކުރާ މީހުން ޕިކަޕެއްގައި ގޮސް ވައްޓާލުމުން ދެ ވަނަ ފަހަރަށް އިމާރާތް ހަދަފާއި ވަނިކޮށް އަނެއްކާ ވައްޓައިލުމުން ކަމަށެވެ.


އޭނާ ބުނީ މަސްވެރިންގެ ހިޔާ، ރޫޅައިލުމަށް ކޯޓް އަމުރެއް ނެރެ، އަމުރު ތަންފީޒު ކުރަން އުޅެނީ އެމްޑީޕީގެ ދެ އެކްޓިވިސްޓަކަށް އެބިން ދިނުމަށް ކަމަށް ވާހަކަ ދެވޭ ކަމަށެވެ.  


"މީގެ ތެރެއިން އިމާރާތް ނަންގަން މިއުޅެނީ އެމްޑީޕީގެ ބަޔަކު. އިމާރާތް އަޅައިގެން މިއުޅެނީ އިދިކޮޅު ޑީއާރްޕީގެ ބަޔަކު، އެ ދެބައި މީހުންގެ މެދުގައި ހޮނިހިރު ދުވަހުން ފެށިގެން ހަމަނުޖެހުންތައް ހިނަގަމުން ދަނީ،" އޭނާ ބުންޏެވެ. ­­­­­­­


ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމު އަލީ ވިދާޅުވީ އެތަނަކީ އެތައްޒަމާނެއްސުރެން ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށާއި މައްސަލަ ޖެހިގެން އުޅެނީ އެ ބިން އެމްޑީޕީ މީހަކަށް ދިނުމަށް ހުސްކުރަން އުޅޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން އެ ރަށުގައި ކަންތައްތައް އެ ކުރަނީ އެންމެ އިންސާފުން ނޫން ކަމަށާއި އެކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.


މަޑުއްވަރީ ކައުންސިލަރު ފޯން ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.