އޮސްޓްރޭލިއާގެ ޕެޓްރޯލު ބޯޓުން ރާއްޖޭގެ ކަނޑުގެ ސަލާމަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނީ އިއްޔެ ކެންބަރާގައި އޮސްޓްރޭލިއާ ސަރުކާރާއި ދިވެހި ސަރުކާރުން ބޭއްވި އޮސްޓްރޭލިއާ-މޯލްޑިވްސް ސީނިއާ އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ.

ހާރިޖީ ވުޒާރާ އިން ބުނީ މި މަޝްވަރާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީ އާއި ހާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު ކަމަށެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގައި ކުރިން ބޭއްވި ޑިފެންސް ޕޮލިސީ ޓޯކްސްއާ ގުޅިގެން އޮސްޓްރޭލިއާ އާއި ދިވެހި އިދާރާތަކުގެ އިސް އޮފިޝަލުން ބައިވެރިވި ކަމަށް ހާރިޖީ ވުޒާރާ އިން ބުންޏެވެ.

ހާރިޖީ ވުޒާރާއިން ބުނީ ނިމުނު ޖޫންގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސް އެމްޕީ، އޮސްޓްރޭލިއާ އިން ރާއްޖެއަށް ގާޑިއަން ކްލާހުގެ ޕެޓްރޯލް ބޯޓެއް ހަދިޔާ ކުރުމަށް އިއުލާންކުރެއްވި ކަމަށެވެ. މިއީ ރާއްޖޭގެ އިސްތިގުލާލާއި ކަނޑުގެ ސަލާމަތަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ވުޒާރާ އިން ބުންޏެވެ.

ހާރިޖީ ވުޒާރާ އިން ބުނީ ސުލްހަވެރި، ހަމަޖެހޭ އިންޑިއާ ކަނޑުގެ ސަރަހައްދެއް ދެމިއޮތުމަކީ އޮސްޓްރޭލިއާ އާއި ރާއްޖޭގެ ތަސައްވުރެއް ކަމަށެވެ. އެކަމުގައި އޮސްޓްރޭލިއާ ސަރުކާރުން ސާބިތުވެ އޮތް ކަމަށް ހާރިޖީ ވުޒާރާ އިން ބުންޏެވެ.

ހާރިޖީ ވުޒާރާ އިން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރި މުހިންމު ކަންކަމުގެ ތެރޭގައި ސަރަހައްދީ އަދި ގައުމީ ސަލާމަތާއި އިގްތިސާދީ ތަނަވަސްކަމާއި ޑިމޮކްރަސީއާއި ވެރިކަން ހިންގުމާއި ބައިނަލްއަގްވާމީ ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމް ކުރުން ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ، ކަނޑުގެ ސަލާމަތާއި، މިންތީގެ އަދި ޓްރާންސްނޭޝަނަލް ކުށްތަކުގެ ތެރެއިން ސަރަހައްދީ އަދި ދުނިޔޭގެ ގޮންޖެހުންތައް ހިއްސާކުރުމަށް އޮސްޓްރޭލިއާ އާއި ރާއްޖެއިން ގެންގުޅޭ އުސޫލުގެ އަސާސަކީ ގުޅިފައިވާ އެއްބާރުލުން ކަމަށް ބުނެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް މެނޭޖްކުރުމުގައި އޮސްޓްރޭލިއާ އިން ރާއްޖެއާއެކު ޕާޓްނަޝިޕް ހަދަމުންދާ ކަމަށް ވުޒާރާއިން ބުންޏެވެ. އެކަމުގައި އދ. އާއި ބްލޫ ކާބަން ހަބްއިން އެހީވާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ވެސް، ހާރިޖީ ވުޒާރާ އިން ބުނީ އޮސްޓްރޭލިއާ އިން ރާއްޖޭގެ ހިއުމަން ރިސޯސް ކެޕޭސިޓީ ބިނާކުރުމަށް އެއްބާރުލެއްވުން ދޭ ކަމަށެވެ. އެގޮތުން، 60 އަހަރުގެ ތެރޭގައި 750 އާ ގާތްކުރާ އަދަދަކަށް ދިވެހިންނަށް އޮސްޓްރޭލިއާގެ ސްކޮލަޝިޕް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. މި މަޝްވަރާތަކުން އޮސްޓްރޭލިއާ އާއި ރާއްޖޭގެ ޓާޝަރީ އަދި ވޮކޭޝަނަލް އިންސްޓިޓިއުޝަންތަކާ ދެމެދު ގުޅުން ބޮޑުވަމުންދާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ.

އޮސްޓްރޭލިއާ ސަރުކާރުން ދަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމެންވާއިރަށް ޕެޓްރޯލް ބޯޓު ބަނުމުގެ މަސައްކަތް ނިމޭނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފައިވެއެވެ.

ޖޫން މަހު ކޯސްޓު ގާޑަށް ހައިޑްރޮގްރަފީ ސާމާނު ވެސް އޮސްޓްރޭލިޔާއިން ހަދިޔާކޮށްފައިވެއެވެ. އަދި ނިމުނު ހަފްތާގައި ކަސްޓަމަށް ސާވެއިލަންސް ޑްރޯންތައް ވެސް ހަދިޔާކޮށްފައިވެއެވެ.