20 Aug 2012, 14:44
ނިއުގެ ކެޕްޓަން އަދި ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އާއި އިތުރު ފަސްކުޅުންތެރިއަކު ބާކީކޮށް ނެހުރޫ ކަޕަށްދާ ގައުމީ ޓީމު އިއުލާނުކޮށްފި އެވެ.
ފަސް ގައުމެއްގެ މެދުގައި އަންނަ ބުދަ ދުވަހު އިންޑިޔާގައި ފަށާ މުބާރާތަށްދާ ޓީމުން ރޭ ބާކީ ކުރި އެހެން ކުޅުންތެރިންނަކީ އަނިޔާގައި ހުރި ނިއުގެ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި ވީބީގެ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ފައިރުޒް އާދަމް ސަމީރާއި އީގަލްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) އާއި ކީޕަރު މުހައްމަދު ޔަމާނެވެ. މީގެ ތެރެއިން ޓޫކިލޯ
ޓީމުން ވަކިވީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީކަމަށްބުނެ އަމިއްލަ އަށެވެ.
މިފަހަރުގެ ޓީމުން މުޅިން އަލަށް ޖާގަ ލިބުނު ދެ ކުޅުންތެރިންނަކީ ދިވެހި ލީގުގައި މޮޅަށް ކުޅެމުން އަންނަ މާޒިޔާގެ ކީޕަރު މުހައްމަދު އިމްރާނާއި އީގަލްސްގެ ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އާއި އޭވައިއެލްގެ މުސާ އެވެ.
ގައުމީ ކޯޗު އިސްޓަވާން އުރުބާނީ ބުނީ ޓީމު ނަގާފައިވަނީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށާއި ޓޮމް އަށް ފުރުސަތު ނުދިނީ ވެސް ޒުވާން ފޯވަޑުންނަށް ފުރުސަތެއް ދިނުމަށް ކަމަށެވެ.
"އަހަރެން ކުރިން ވެސް ބުނިން މިއީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ފުރުސަތެކޭ. ޓޮމް އަކީ އަދިވެސް އެންމެ މޮޅު އެއް ފޯވަޑް. މޮޅު ގޯލުޖަހާނެ. އަހަރެން ވެސް ވަރަށް އިތުބާރުކުރާ ފޯވަޑެއް އެއީ. އެކަމަކު އޭނާފަދަ ދުވަސްވީ ކުޅުންތެރިންގެ ބަދަލުގައި މިފަދަ މުބާރާތްތަކުން ޒުވާން ކުޅުންތެރިންނަށް ޖާގަ ދޭން އެބަޖެހޭ. ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ފެންނާނީ އެއިރުން. ޓީމުގައި މިވަގުތު ތިބި ފޯވްޑުންނާމެދު އަހަރެން ހިތްހަމަޖެހޭ،" ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.
ނެހުރޫ ކަޕުގައި މިމަހުގެ 23 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އޭގެ ފަހުން އިންޑިޔާ އަދި ސީރިއާ މެޗަށް ފަހު ގްރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަ ކުރާނީ ކެމަރޫނާ އެވެ. މުބާރާތުގެ ފައިނަލަށްދާނީ ލީގު އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ނެހުރޫ ކަޕަށް ނެގި ގައުމީ ޓީމް:
ނިއު ރޭޑިއަންޓް:
1- އިމްރާނު މުހައްމަދު (ގޯލްކީޕަރު)
2- އަލީ އަޝްފާގް (ދަގަނޑޭ)، ކެޕްޓަން
3- އަހުމަދު އަބުދުﷲ (ލިލީ)
މާޒިޔާ:
4- މުހައްމަދު އިމްރާން (ގޯލްކީޕަރު)
5- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
6- އިސްމާއީލް އީސާ (މެސީ)
7- އަހުމަދު ރަޝީދު (އައްމަޑޭ)
8- އަސަދުﷲ އަބުދުﷲ
ވިކްޓަރީ:
9- ރިލްވާން ވަހީދު (ކަކާ)
10- ޝާފިއު އަހުމަދު
11- މުހައްމަދު ޝިފާން (ކުޑައްޓޭ)
12- މުހައްމަދު ރަޝީދު (ހޮކޭ)
13- އަކުރަމް އަބުދުލްގަނީ
14- މުހައްމަދު އުމޭރު
15- ހަސަން އަދުހަމް
ވީބީ ސްޕޯޓްސް:
16- ފަރުހާދު އިސްމާއީލް
17- އަސްއަދު އަލީ (އަޑުބަރޭ)
އޭވައިއެލް:
18- މޫސާ ޔާމީން
އީގަލްސް:
19- މުހައްމަދު އާރިފް (ބަކާ)
20- އަހުމަދު އިމާޒު (އާއްކޮ)