04 Nov 2025, 10:44
މި އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މިދިޔަ އަހަރު ވެސް ކޮންމެ މެންބަރަކަށް ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރަން ހަތް މިނެޓު ދިން އިރު، މެންބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް ޖަވާބުދެއްވަން ދިނީ 45 މިނެޓެވެ.
އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާންގެ މި ހުށަހެޅުން، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.
މިއީ މި އަހަރު ތަންފީޒުކުރަމުން އަންނަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ އަންނަ އަހަރު ރިކޯޑު މިންވަރެއް ދަރަނި ދައްކަން ހޭދަކުރަންޖެހޭތީއެވެ. އެގޮތުން، އަންނަ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ތާރީޚީ ބިޔަ ބަޖެޓެއް ހުށަހަޅާއިރު މި އަހަރު ހުށަހެޅި ބަޖެޓުގައި ހުރި ގިނަ ކަންކަން ވެސް ތަންފީޒުކޮށްފައެއް ނުވެއެވެ. އެގޮތުން، މާލީ އިސްލާހީ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނިއެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒެއް ނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ.
އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތައެވެ.