އޭއައިއަށް އިޙްސާސެއް ނުކުރެވޭނެކަމަށާއި، އެއީ އިންސާނުންނާ އެއްފަދަ ކުރެވޭނެ އެއްޗެއް ނޫންކަމަށް މައިކްރޯސޮފްޓްގެ އޭއައި ޗީފް ވިދާޅުވެއްޖެއެވެ.

މައިކްރޮސޮފްޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވެރިޔާ، މުސްތަފާ ސުލައިމާން، އާޓިފިޝަލް އިންޓެލިޖެންސްއަށް އަމިއްލަ ވިސްނުމާއި އިޙްސާސްތައް ގެންގުޅެވޭނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ވިދާޅުވީ އޭއައި އަކީ އިންސާނުންނެކޭ އެއްފަދައިން އިޙްސާސްތައް ކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންސާނީ އިޙްސާސްތައް ނަކަލުކުރާ "ސިމިއުލޭޝަނެއް" ކަމަށެވެ.

ހިއުސްޓަންގައި ބޭއްވި އެފްރޯޓެކް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސުލައިމާން ވިދާޅުވީ، އޭއައިއަށް އިޙްސާސްތައް ދެނެގަނެވޭތޯ ބެލުމަށް ކުރެވޭ ދިރާސާތަކަކީ ވަގުތު ބޭކާރު ކުރުން ކަމަށެވެ.

"އަހަރެންނަކަށް ހިއެއްނުވޭ އެއީ މީހުން ކުރަންޖެހޭނެ މަސައްކަތެއްހެން. ތިބާ ގޯސް ސުވާލެއް ކޮށްފިނަމަ، ލިބޭނީ ވެސް ގޯސް ޖަވާބެއް. އަހަރެން ދެކެނީ އެއީ މުޅިން ގޯސް ސުވާލެއް ކަމަށް،" ސުލައިމާނު ވިދާޅުވިއެވެ.

މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންސާނުންނަށް އަނިޔާއެއް ލިބުމުން ތަދާއި ހިތާމަ އިޙްސާސް ކުރެވޭއިރު، އޭއައި އަށް އެފަދަ އެއްވެސް އިޙްސާސެއް ނުކުރެވެއެވެ. "އޭއައި ސިސްޓަމްތަކުގައި ތަދު އިޙްސާސްކުރާ ނާރުތަކުގެ ނިޒާމެއް ނުވޭ. އެހެންކަމުން، އެއީ އެއްވެސް ކަމެއް ތަޖުރިބާ ކުރާ އެއްޗެއް ނޫން، އެކަން ހަމައެކަނި ސިމިއުލޭޓް ކުރަނީ،" ސުލައިމާން ވިދާޅުވިއެވެ.

މިހެންކަމުން، އިންސާނުންނަށް ލިބިގެންވާ ޙައްޤުތަކާއި ރައްކާތެރިކަން އޭއައި އަށް ދިނުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުލައިމާން މިހެން ވިދާޅުވެފައި މިވަނީ، އިންސާނުންނާ ވާހަކަ ދައްކައި، އެކުވެރިންގެ ގޮތުގައި ގެންގުޅެވޭ "އޭއައި ކޮމްޕެނިއަންސް" އުފެއްދުމަށް ބައެއް ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސުލައިމާނަކީ އަބަދުވެސް އޭއައި ބިނާކުރަންވާނީ އިންސާނުންނަށް ޚިދުމަތްކޮށް، އެހީތެރިވުމުގެ މަޤްޞަދުގައި، ޒިންމާދާރު ގޮތެއްގައި ކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

މައިކްރޮސޮފްޓްގެ "ކޯޕައިލެޓް" ފަދަ ޚިދުމަތްތައް އޭނާ ސިފަކުރައްވަނީވެސް "ހިއުމަނިސްޓް އޭއައި" ގެ ގޮތުގައެވެ.