ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މި އަހަރުގެ ފެބްރުއަރީ މަހު ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގުރޫޕް (ސީމެގު) އިން ފުރަތަމަ ރާއްޖެ ޒިޔާރަތްކުރި ފޮރިން މިނިސްޓަރުން ނަޝީދު އަރިހު ދެންނެވި ކަމަށް ނަޝީދު ވިދާޅުވާ އޯޑިއޯ ކްލިޕެއް ލީކުކޮށްލައިފި އެވެ.

ދި ޓީވީ އިން ލީކްކޮށްލާފައިވާ އެ އޯޑިއޯގައި ނަޝީދު ވިދާޅުވެފައި ވަނީ ސީމެގުން ރާއްޖެ ވަޑައިގަންނެވި ބާބެޑޮސްގެ ފޮރިން މިނިސްޓަރާއި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރާއި އޮސްޓްރޭލިޔާގެ ފޮރިން ސެކެރެޓަރީ ރާއްޖޭގައި ތިން ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ނަޝީދު އަރިހު ދެންނެވި ކަމަށެވެ.

"ސީމެގުން ރާއްޖެ ވަޑައިގެންނެވި ބާބެޑޮސްގެ ފޮރިން މިނިސްޓަރާއި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރާއި އޮސްޓްރޭލިޔާގެ ފޮރިން ސެކްރެޓަރީ އެބޭފުޅުން ތިން ދުވަހު ބަލާފައި އެ ބޭފުޅުން އަޅުގަނޑު ކައިރީގައި ބުނީ މިބަޣާވާތެއް ނޫން ކަމަށް. އަޅުގަނޑު ކައިރީގައި އެހީ ދެން ކިހިނެއްތޯ ހަދާނީ. ދެން މިބޭފުޅުންނަކީ އެހެން ކެޕޭސިޓީތަކުގައި އަޅުގަނޑު ދަންނާނެ މީހުން ދެއްތޯ،" ބައްތިރީސް ސިކުންތުގެ އޯޑިއޯގައި ނަޝީދު ވިދާޅުވެ އެވެ.

އެއީ ކޮން ބަޔަކާ މުހާތަބު ކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅެއް ކަމެއް އެ އޯޑިއޯ ކްލިޕަކުން ނޭނގެ އެވެ.

ނަޝީދު އެ އޯޑިއޯ ކްލިޕްގައި ވިދާޅުވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ކޮމަންވެލްތުން ނިންމައިފި ނަމަ އިދިކޮޅު ފަރާތްތައް އެއްކޮށް ޖަލަށް ލާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ތަފާފު ހައިސިއްޔަތުން އެ ބޭފުޅުންނަކީ ނަޝީދާ ވަރަށް ގާތް ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު[އެބޭފުޅުންނަށް] ދަންނަވައިފިން ދެން ތިޔަހެން ކަލޭމެން ދަންނަވާފިއްޔާ ދެން ކިހިނެއްތޯ އޭ އަޅުގަނޑު ދެންހަދާނީ. މިތާ އޮޕޮޒިޝަން އެކީ ޖަލަށޭ ދާންޖެހޭނީ،" ނަޝީދު އޯޑިޔޯގައި ވިދާޅުވެ އެވެ.

ލީކުކޮށްލާފައިވާ އޯޑިޔޯގައިވާ ވާހަކަތަކަކީ ކިހާވަރެއްގެ ހަގީގަތެއްތޯ އަދި އެއީ ނަޝީދު ކޮންތާކު ކޮން އިރަކު ދެއްކެވި ވާހަކަފުޅެއްތޯ ދެންނެވުމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން، އިންޓަނޭޝަނަލް ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވީ އެފަދަ އޯޑިއޯއެއް ލީކުވި ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

މި އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވީ ރާއްޖޭގެ ރައީސް ކަމުގައި ހުންނަވައިފި ނަމަ ރާއްޖެ އަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެތީ ކަމަށާއި އަދި ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތްކުރައްވައި ނަމަ ބޭރުގެ ނުފޫޒުތައް ރާއްޖެ އަށް އަތުވެދާނެތީ "ވަރަށް ހެޔޮ ހިތުން" އިސްތިއުފާ ދެއްވީ ކަމަށެވެ. އަދި އެނިންމުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭތީ ނިންމެވި ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ފަހުން ނަޝީދު ވަނީ އެ ނިންމެވުން ބަދަލު ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ބަޑީގެ ބިރުދައްކައިގެން ކަމަށެވެ.

http://www.youtube.com/watch?v=Zyw0qVLnixQ