20 Aug 2012, 12:37
އައްޑޫގައި އީދު ވިލޭރޭ ހިނގި އެކްސިޑެންޓެއްގެ މައްސަލަ ފުލުހުނަށް ހުށައެޅުމުން އެ މަައްސަލަ ބެލުމަށް ފުލުހުން އެތަނަށް ދިޔަލެއް ލަސްވި ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ފުލުހުންގެ ޖިޕެއްގެ ފަހަތު ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އީދު ވިލޭރޭ ދަންވަރު 12:30 އެހާކަންހާއިރު ހިނގި އެކްސިޑެންްޓްގެ މައްސަލަ ބެލުމަށް ފުލުހުނަށް ހުށައެޅުމުން އެތަނަށް ފުލުހުން ދިޔަލެއް ލަސް ކަމަށް ބުނެ އެތާގައި ތިބި ބައެއް މީހުން އެކަމާ ނުރުހުންފާޅުކޮށް އަދި އެތާ ހުރި މީހަކު އެއްލި ގާބުރިއަކުން ޖަހައި ފުލުހުންގެ ޖިޕުގެ ފަހަތު ބިއްލޫރިގަނޑު ތަޅަލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީދު ވިލޭރޭ އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުނަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު އެތަނުން އެއްލި އެއްޗަކުންޖެހި ފުލުހުންގެ ޖިޕެއްގެ ފަހަތު ބިއްލޫރިގަނޑު ތަޅަލާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
ފުލުހުން ބުނީ ޖީޕްގެ ބިއްލޫރިގަނޑު ތަޅާލީ ފުލުހުން ދިޔަލެއް ލަސްވެގެން ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެކަން އެންގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ދިޔަ ކަމަށެވެ.