03 Nov 2025, 15:54
އަންނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ދޭނެ ގައުމަކީ އަވަށްޓެރި އިންޑިއާކަން، ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން، ހިލޭ އެހީގެ ގޮތުގައި 373 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.
ބަޖެޓުގައި މިނިސްޓްރީން ލަފާކުރާ ގޮތުގައި ހިލޭ އެހީގެ ގޮތުގައި ދޭދޭ ގައުމުތަކުން 85،631،189 ރުފިޔާ ދޭނެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހިލޭ އެހީ ދޭނީ އިންޑިއާއިން ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އިންޑިއާއިން 73،637،425 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެއެވެ.
އެއީ ސަރުކާރުން ލަފާކުރާ ޖުމްލަ ހިލޭ އެހީގެ ތެރެއިން 19.7 ޕަސެންޓެވެ. އަދި ދޭދޭ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދޭ އަދަދުގެ ތެރެއިން 86 ޕަސެންޓެވެ.
ހިލޭ އެހީ ދޭ އެހެން ގައުމުތަކަށް ބަލާއިރު ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން 4.98 މިލިއަން ރުފިޔާ، ޖަޕާނުން 3.89 މިލިއަން ރުފިޔާ، އިޓަލީން 2.25 މިލިއަން ރުފިޔާ، ނެދަލޭންޑްސް އިން 820،051 ރުފިޔާ، ދެކުނު ކޮރެއާއިން 40،000 ރުފިޔާ، އަދި ޑެންމާކުން 8،100 ރުފިޔާ ލިބޭނެއެވެ.
އެކި ގައުމުތަށް ނިސްބަތްވާ ޖަމިއްޔާތަކުގެ ތެރެއިން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ)އިން 137.55 މިލިއަން ރުފިޔާ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 1،051 ރުފިޔާ ލިބޭނެކަމަށް ވެސް މިނިސްޓްރީން ލަފާކުރެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފައިސާގެ އެހީގެ ގޮތުގައި 24،160،079 ރުފިޔާ، މަޝްރޫއުތައް ހިންގުމަށް އެހީގެ ގޮތުގައި 324،017،350 ރުފިޔާ، އަދި ޑޮނޭޝަންގެ ގޮތުގައި 25،374،238 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވާލުމަށް ކަމަށް ބުނެ، "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގުމަށްފަހުގައެވެ. އަދި މި ސަރުކާރުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށްގެން މި ސަރުކާރުގެ ކުރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހަ މަހަށް ވުރެ ގިނަ ދުވަހު މުސާރަ ދޭ ގޮތަށް ސަސްޕެންޑުކޮށްފައި ވެސް ބަހައްޓާފައި ހުއްޓެވެ.
ނަމަވެސް އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ އިސްތިއުފާދެއްވައިފައެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު ގެންދަވަނީ ސަރުކާރުގެ ދެ ކުންފުންޏެއްގައި އިސް މަގާމުތަކެއް ފުރުއްވަމުންނެވެ.
އެހެންވެ މި މައްސަލައިގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެ، އެ ގައުމުން ޗުއްޓީއަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަށަށް ދިޔައެވެ.
އެކަމަކު އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެ ގޮތުން، މިދިޔަ 60 ވަނަ މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވަން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގެންފައިވެސް ވެއެވެ. މޯދީގެ އެ ދަތުރުފުޅުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން ސޮއިވެސްކޮށްފައިވެއެވެ.