ޤާހިރާ (އޮގަސްޓް 20): މިއޮގަސްޓް މަހުގެ 31 ގައި އީރާނުގެ ވެރިރަށް ތެހެރާންގައި ފެށުމަށް ހަމަޖެހިފައިވާ ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި މިސްރުގެ ރައީސް މުޙައްމަދު މުރްސީ ބައިވެރިވެވަޑައިގަންނަވާނެކަން މިސްރުން ކަށަވަރުކޮށްދީފި އެވެ.

މިސްރުގެ ރިޔާސަތުން މިކަން ކަށަވަރުކޮށް ދިނީ މިސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ރައީސް މުރްސީ އީރާނަށް ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން ސާފުނުވާ ގޮތަކަށް ބައިނަލްއަޤްވާމީ މީޑިޔާގައި ޚަބަރުތައް ފެތުރެމުންދަނިކޮށެވެ.
ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތަކީ އެމެރިކާ އާއި ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) އާ ދެމެދު ފިނިހަނގުރާމަ ފެށިގެންދިޔަ ދުވަސްވަރު (1950 ގެ އަހަރުތަކުގައި) މިސްރުގެ އޭރުގެ ރައީސް ޖަމާލްޢަބްދުއްނާސިރާއި އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫ އާއި ކުރީގެ ޔުގޮސްލޭވިޔާގެ ބާނީ ޖޯޒެފް ބްރޮޒް ޓީޓޯ އާއި ކިޔުބާގެ ކުރީގެ ޒަޢީމް ޑޮކްޓަރ ފިޑެލް ކާސްޓްރޯ އާއި ގާނާގެ ކުރީގެ ރައީސް ކުވާމީ ނެކްރޫ ފަދަ ހުޅަނގުގެ އިސްތިޢްމާރާދެކޮޅަށް ޤައުމީ ޙަރަކާތްތައް ފެއްޓެވި ތިންވަނަ ދުނިޔޭގެ ލީޑަރުން އިސްނަންގަވައިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުން ސަލާމަތްވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މަޤްސަދްގައި އުފެއްދެވި ސިޔާސީ ވަރުގަދަ ޖަމާއަތެކެވެ.

ސަތޭކަ އަށް ވުރެ ގިނަ ޤައުމު ހިމެނޭ މިޙަރަކާތުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަނީ މިސްރުންނެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅި ފިނި ހަނގުރާމަ ނިމިގެން ދިޔުމާ އެކު މިޖަމާއަތުގެ ޙަރަކާތްތަކަށް ލޮޅުންއެރިނަމަވެސް ފިނިހަނގުރާމައަށް ފަހު އުފެދިގެންދިޔަ އެމެރިކާގެ އަތްގަދަކުރުންތަކާ ކުރިމަތިލުމުގައި މިޖަމާއަތުގެ ފަލްސަފާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަދިވެސް ބޭނުންތެރިކަމަށް މުޙައްލިލުން ދެކެ އެވެ.

މިސްރުގެ ރިޔާސަތާ ޙަވާލާދީ އެޤައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނިގޮތުގައި ތެހެރާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ އިސްވެރިންގެ ސަމިޓްގައި މިސްރު ތަމްޘީލް ކުރައްވާނީ ރައީސް މުޙައްމަދު މުރްސީ އެވެ. މުރްސީ އީރާނަށް ޒިޔާރަތް ކުރެއްވުމަށް މިނިންމީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ މައްސަލާގައި ބައިނަލްއަޤްވާމި މުޖްތަމަޢުގައި އީރާން އެކަހެރިކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ދުވަސްވަރެއްގަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ތާއީދުލިބިފައިވާ މިސްރުގެ ކުރީގެ ޑިކްޓޭޓަރ ޙުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު ނަމަ އީރާނުގެ ސަމިޓް މިސްރުން ބޮއިކަޓްކުރުމަށް އެމެރިކާ އިން މިސްރަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ރައްޔިތުންގެ އުތުރިއެރުމެއްގައި މުބާރަކް ވެއްޓި ރައްޔިތުން އިންތިޚާބުކުރާ ޑިމޮކްރެޓިކް ވެރިކަމެއް މިސްރުގައި އުފެދިގެން ދިޔުމާއެކު މިސްރުގެ ވެރިކމުގެ މައްޗަށް އެމެރިކާއާއި ހުޅަނގުން ހިންގަމުން ގެންދިޔަ ބާރާއި ނުފޫޒު ވަރަށްބޮޑަށް ކުޑަވެގެންގޮސްފައިވެ އެވެ. ޚާއްސަކޮށް މިސްރުގެ ރައީސް މުރްސީ އީރާނަށް ވަޑައިގަންނަވާނެކަން މިސްރުގެ ރިޔާސަތުން އިޢްލާންކުރުމަކީ އެމެރިކާގެ ނުފޫޒު އޭނާގެ މައްޗަށް ނުހިނގާކަމުގެ ހެއްކެތް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ އިސްލާމީ ސިޔާސީ ހަރަކާތެއް ކަމަށްވާ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ބޭފުޅެއް ކަމަށްވާ ޑރ. މުރްސީ މިސްރުގެ ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމުން އީރާނުގެ ލީޑަރުން ވަނީ މުރްސީއަށް ހޫނު މަރްޙަބާާއެއް ދަންނަވާފަ އެވެ. މުރްސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ އިސްލާމީ ހޭލުންތެރިކަން މިސްރުގެ ރައްޔިތުންގެ މެދުގައި އިތުރުވަމުންދާކަމުގެ ހެއްކެތް ކަމަށް އީރާނުގެ މަސްއޫލުވެރިން ސިފަކުރައްވާފައިވެ އެވެ.

މިސްރުގެ ރައީސް މުސްރީ އީރާނަށް ކުރައްވާ މިދަތުރުފުޅު ވެގެންދާނީ ފާއިތުވި ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި މިސްރުގެ ރައީސަކު އީރާނަށް ކުރައްވާ ތާރީޚީ ދަތުރުފުޅަކަށެވެ. މިސްރާއި އީރާނުގެ ގުޅުންތައް ކެނޑި އެގުޅުންތައް ގޯސްވެގެން ގޮސްފައި ވަނީ އަންވަރުއްސާދާތުގެ ވެރިކަމުގައި މިސްރުން އިސްރާއީލާ އެކު ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢަހަދާގައި ސޮއިކުުރުމުގެ އިތުރުން 1979 ގައި އީރާނަށްއައި އިސްލާމީ އިންޤިލާބާ އެކު ވެރިކަމުން ދުރުކުރެވުނު އީރާނުގެ ކުރީގެ ޑިކްޓޭޓަރ ޝާހް މުޙައްމަދު ރިޒާއަށް ސާދާތުގެ ދުވަސްވަރު މިސްރުން ސިޔާސީ ޙިމާޔަތް ދިނުމާގުޅިގެންނެވެ.

ޙުސްނީ މުބާރަކްގެ ދުވަސްވަރު މިސްރާއި އީރާނުގެ ގުޅުންތައް ރަނގަނޅުނުވީ އެމެރިކާގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި އީރާނާގުޅުންތައް ނުބޭއްވުމަށް އެމެރިކާ އިން މުބާރަކްގެ ނިޒާމަށް ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް+މީޑިޔާ ރިޕޯޓްތައް)