އިސްލާމް އާބާދު (އޮގަސްޓް 20): ޕާކިސްތާނުގައި އިއްޔެ ބަރަކާތްތެރި ފިތުރުޢީދު ދުވަސް ފާހަގަކޮށް ޢީދުގެ އުފާފާޅުކުރަމުން ގެންދަނިކޮށް ވެސް އެމެރިކާ އިން އެޤައުމުގެ ވަޒީރުސްތާން ސަރަޙައްދަށް ވައިގެ ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލައިފި އެވެ.

ޕާކިސްތާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނި ގޮތުގައި މިޙަމަލާތައް ދީފައި ވަނީ ކުރިން ވެސް މިޙަމަލާތައް ދޭގޮތަށް ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތައް ބޭނުންކޮށްގެންނެވެ. ވަޒީރުސްތާނުގެ އުތުރަށް އެމެރިކާގެ ޖާސޫސީ ބޯޓަކުން އިއްޔެ ޙަމަލާދީ ހަތަތު މީހަކު މަރާލާފައި ވަނީ ވަޒީރުސްތާނުގެ ރައްޔިތުން އިއްޔެ ފިތްރު ޢީދު ގެ އުފާ ފާޅުކުރަމުން ގެންދަނިކޮށެވެ. މިޖަރީމާއާ ގުޅިގެން އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ވަޒީރުސްތާން ގައާއި ޕަންޖާބްގެ މިލްތާންގައި ޕާކިސްތާނުގެ ރައްޔިތުންގެ އެތައް ހާސްބަޔަކު ރުޅިވެރިކަމާ އެކު މުޒާހަރާކޮށްފައިވެ އެވެ.

ވަޒީރުސްތާނުގެ އުތުރަށް އިއްޔެ އެމެރިކާ ދިން ޙަމަލާތަކުގައި ހަތަރު މީހަކު މަރުވެފައިވާކަން ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިން ކަށަވަރުކޮށްދިން އިރު ރަމަޟާން މަހުގެ އެންމެ ފަހުދުވަހު ވަޒީރުސްތާނަށް އެމެރިކާ ދިން ޙަމަލާތަކެއްގައި ވެސް ނުވަމީހަކު މަރާލާފައިވެ އެވެ. މި ދެ ޙަމަލާގައި ދެ ދުވަހުގެ ތެރޭގައި ޖުމްލަ 13 މީހުން ވަޒީރުސްތާނުގައި މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ އިރު މީގެތެރޭގައި ހިމެނެނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ކަމަށް ބެލެވޭކަމަށް ޕާކިސްތާނުން ބުނެ އެވެ. ނަމަވެސް އެމެރިކާގެ ޙަމަލާތަކުގައި މަރުވެ ޒަޚަމްވި މީހުންގެ ތެރޭގައި ޢާންމުން ވެސް ހިމެނޭ ކަމަށް އެމެރިކާއާ ދެކޮޅަށް މުޒާހަރާކުރި މީހުންބުނެފައިވެ އެވެ.

ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާދޭ މިފަދަ ޙަމަލާތަކުގައި އަހަރެއްގެ މައްޗަށް ދޮޅުހާހެއްހާ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވާ އިރު މީގެތެރޭގައި ކުށެއްނެތް އާންމުން ވެސް ގިނަ ޢަދަދަކަށް ހިމެނޭކަން ޕާކިސްތާނުން ކަށަވަރުކޮށްދީފައިވެ އެވެ.
އެމެރިކާގެ މިފަދަ ޙަމަލާތަކަކީ މީހުންމެރުމުގެ މަޤްސަދްގައި ދޭ ޙަމަލާތަކެއް ކަމަށާއި އަދި މިފަދަ ޙަމަލާތަކުގައި ގިނަ ޢަދަދަކަށް އާންމުން މަރުވަމުންދާތީ މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)