20 Aug 2012, 04:45
ޑޭވިޑް ވިޔާ އާއި ލަޔޮނަލް މެސީގެ ގޯލުތަކާއެކު ރެއާލް ސޮސިއެޑާޑް އަތުން 5-1 އިން މޮޅުވެ ބާސެލޯނާގެ އާ ކޯޗު ޓިޓޯ ވިންލޯވާގެ ފެށުން ރަނގަޅުކޮށްފި އެވެ.
އާސީޒަނުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ހަތަރު ވަނަ މިނިޓްގައި ކެޕްޓަން ކާލޮސް ޕުޔޯލް އެވެ. އޭގެ ހަތަރު މިނިޓްފަހުން ކާސްޓްރޯ ނަތިޖާ ހަމަހަމަކުރި ނަމަވެސް ވަރަށް ގާތްގާތުގައި މެސީ ދެ ގޯލު އަދި ފެޑްރޯ ރޮޑްރިގޭޒް ގޯލުޖަހައި ފުރަތަމަ ހާފުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލި އެވެ. ބާސެލޯގާފެ ފަހު ލަނޑު ވިޔާ ޖެހީ ފަހުހާފުގަ އެވެ. އޭނާގެ މިލަނޑަކީ ހުސްވި އަހަރު ކުލަބް ވޯލްޑް ކަޕުގައި ކުޅެނިކޮށް ފައިބިންދައިގެންދިޔަ ފަހުން އެނބުރި އައިސް ޖެހި ފުރަތަމަ ގޯލެވެ. ފަޔަށް ފަރުވާ ކުރުމުގައި ވިޔާ ވަނީ އަށް މަސްދުވަސް ހޭދަކޮށްފަ އެވެ.
"ވަރަށް ގިނަ ބަޔަކު އެހިވީމަ ޝުކުރިއްޔާއޭ ބުނުމަކީ ވަރަށް އުނދަގޫކަމެއް. އެކަމަކު އަހަންނަށް އެހީވި އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެނބުރި އައިސް ކޯޗުގެ އިތުބާރު އަހަންނާމެދު އޮތްކަން މިރޭ އަހަރެން ސާބިތުކޮށްދީފިން،" ވިޔާ ބުންޏެވެ.
މި މެޗަކީ ފާއިތުވެދިޔަ ހަތަރު އަހަރު ބާސެލޯނާގެ ކޯޗުކަމުގައި ހުރި އެ ޓީމުގެ ކުރީގެ ކެޕްޓަން ޕެޕް ގާޑިއޯލާ ޓީމާ ވަކިވި ފަހުން ބާސެލޯނާ ކުޅުނު ފުރަތަމަ މެޗެވެ. ގާޑިއޯލާ އަށް ފަހު ޓީމުގެ ކޯޗުކަން ކުރަމުންދަނީ އޭނާގެ އެސިސްޓެންޓް ޓިޓޯ އެވެ.
އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ރެއާލް މެޑްރިޑަށް މޮޅެއް ނުވެވުނެވެ. ވެލެންސިއާއާއެކު ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ލަނޑު ޖެހީ ގޮންޒާލޯ ހިގުއައިން އާއި ވެލެންސިއާގެ ޖޯނަސް އެވެ. ރެއާލް ބެޓިސް އާއި އެތްލެޓިކޯ ބިލްބާއޯ ކުޅުނު މެޗު ބެޓިސް ކާމިޔާބު ކުރީ 5-3 އިންނެވެ. އެތްލެޓިކޯ މެޑްރިޑާއި ލެވަންޓޭގެ މެޗު ނިމުނީ 1-1 އިންނެވެ.