02 Nov 2025, 16:37
ކުރިއާ އަޅާބަލާއިރު، މާލެ ސަރަހައްދުގެ ސުކޫލުތަކުން މިހާރު ވޭޕް ސްޓިކް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދެހާސް ހަތެއްގައި އުފަންވި، އަދި އުފަންވާ ކުދިންނަށް، އިއްޔެއިން ފެށިގެން ސިނގިރޭޓު ވަނީ މަނާކޮށްފައެވެ. އެ ފިޔަވަޅު ތަސްދީގުކުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ސުކޫލުތަކުން މީގެކުރިން ދުވާލަކަށް 50އާއި 60 ވަރަކަށް ވޭޕް ސްޓިކް ފެންނަ ކަމަށެވެ.
އެއާ ޚިލާފަށް، މިހާރު ނުފެނެއޭ ބުނާ ވަރަށް ސުކޫލުތަކުން ވޭޕް ފެނުން މަދުވެއްޖެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ ކަމަށް --- ފޮޓޯ/ގެޓީ އިމޭޖަސް
މިހާރު ހަފުތާއެއްގެ މައްޗަށް [ވޭޕް] އެކެއް ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ. ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ސަރުކާރުން ވޭޕް މަނާ ކުރަން ނިންމީ، ދަރިވަރުންގެ ހެވާ ލާބައަށްޓަކައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.
އޭގެއިތުރަށް، މިނިސްޓަރު ވަނީ، ޖީލަކަށް ސިނގިރޭޓު މަނާކުރުމުން އެކަމާ ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުން ފަޚުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޝަފީއު ވިދާޅުވީ، ރާއްޖޭން 1.8 ބިލިއަން ރުފިޔާ ސިނގިރޭޓު އިމްޕޯޓު ކުރުމަށް ހޭދަކުރާ ކަމަށެވެ.
މި ކަމުގައި އެންމެން އެކުގައި މަސައްކަތްކޮށްގެން ހަގީގީ ކާމިޔާބީ ހޯދިއްޖެނަމަ، ރާއްޖެއަށް ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ޖީލަކަށް ސިނގިރޭޓު މަނާކުރުމުގެ އިތުރަށް، ސަރުކާރުން ވަނީ ވޭޕު މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. ނަމަވެސް މި ނިންމުމާއެކު ވަގު ސިނގިރޭޓު އެތެެރެކުރުން އާންމުވެ، ވަގު ވިޔަފާރިކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.