ގއ. ވިލިނގިލިން: ހުސައިން ހަސަން

ގޮނޑުދޮށުގައި ބޮޑު އަލިފާންގަނޑެއް ރޯކޮށް، ރަށުގެ ކުދި ބޮޑު އެންމެން އެ ހަރަކާތުން އުފާލިބިގަންނަ ވާހަކައަކީ އާ ވާހަކަކަށް ވެދާނެ އެވެ. ކުރީގައި އެފަދަ ކަންކަން ކުރަނީ މުވާސަލާތީ ގުޅުމެއްގެ ގޮތުގަ އެވެ. ނަމަވެސް ހުވަދު އަތޮޅުގެ ރަށްތަކުގައި އީދު ފާހަގަ ކުރުމަށް އެންމެ ފުރަތަމަ ހިންގާ ހަރަކާތަކީ ހިކިފަނުން ހަދާފައިވާ އީދުމަޅީގައި އަލިފާން ރޯކުރުމެވެ. ހުވަދޫ ބަހުރުވައިންނަމަ "އީދެމަޅިޔާ"ލުމެވެ.

އީދުގެ ކުޅިވަރުތައް ފެށިއްޖެ ކަމުގެ ހަބަރު ދެނީ އީދުމަޅި ރޯކުރުމުންނެވެ. ދުނބުރި ގަހާއި ކަށިގެޔޮ ގަހުގެ ގޮފިތަކާ އެކު އުސްކޮށް ހަދާ އީދުމަޅި ރޯކުރަނީ އީދު ވިލޭރެ އަށް އިރުއޮއްސުމުގެ ކުރިންނެވެ. އެ މަންޒަރު ބެލުމަށް ރަށުގެ ކުދިބޮޑު އެންމެން މަގުތަކަށް ނުކުންނާނެ އެވެ. ބުރަ މަސައްކަތުން ހަދާ އީދުމަޅި އަނދާ ހުލިވަމުންދާ އިރު، އެ އަލިފާނުގެ އަލިކަމުގައި އެއްބަޔަކު މަޖާ ނަގަމުންދާނެ އެވެ.

ޒަމާނާ އެކު މިހާރު ހުވަދޫ މީހުން މި ހަރަކާތް ހިންގާގޮތް ތަފާތުކޮށްފި އެވެ. އަޅުގަނޑު މިހާރު ހުރި ރަށް، ގއ. ވިލިނގިލީ ޒުވާނުން މިކަމުގައި ވާދަވެރިކަން ބޮޑުކޮށްފި އެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފަށައިފި އެވެ. އެންމެ އުސްކޮށް އީދު މަޅި ހެދެނީ ކޮން އަވަށެއްގެ ބަޔަކުތޯ ބަލައި، ވާދަކުރަންފައިފި އެވެ.

އެތަނުން އެއްބަޔަކާ އަހަރެން ގުޅުނީ އެވެ. އެއީ ވިލިނގިލީ "މަކައްލާ" އަވަށުގެ ޒުވާން ގުރޫޕަކާ އެވެ. ރަށުގައި އިޖުތިމާއީ ރޫހު އާލާކޮށް ސަގާފީ ކުޅިވަރު ދިރުވުމަށް މަސައްކަތް ކުރާ މަކައްލާ އަވަހަށުގެ ގުރޫޕްގެ 26 ޒުވާނުން މީގެ ހަފްތާއެއް ކުރިން މިއަތޮޅު ދެތިން ފަޅު ރަށަކަށް ގޮސް ރުއްތަކުގެ ހިކިފަން ހޯދައިގެން މިރަށަށް ގެނަ އެވެ. ގާތްގަނޑަކަށް 1200އެއްހާ ހިކިފަން ގެނަ އެވެ. ރަށަށް ހިކިފަން ގެނެސް ގެއެއްގައި ރައްކާކޮށް އެ ގޭގެ ކައިރީގައި އެއްބަޔަކު ނުނިދައި ހޭލައިތިއްބެވެ. ސަބަބަކީ ރަށުގައި އީދުމަޅިލުމަށް އޮތް ވާދެވެރިކަން ބޮޑުވެފައި، ބަޔަކު "ލަނޑެއް" ދިނުމުގެ ބޭނުމުގައި ފަންތަކުގައި އަލިފާން ރޯކޮށްފާނެތީ އެވެ. އަދި ފަޅުރަށްތަކުން ގެނައި ކަށިކެޔޮ ގަހުގެ ގޮފިތަކާއި ބޮޑު ދުނބުރި ގަހުގެ ކައިރީގައި ވެސް ފޯރިއަށް އެއްބަޔަކު ތިއްބެވެ.

އީދުމަޅިލުމަށް ބޭނުންވާ ސާމާނު ރަށަށް އެރުވީ މިދިޔަ ރޯދަމަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ގަޑިބަހައިގެން ހޭލައި ތިބުމަށް ފަހު ރޯދަ މަހުގެ އެންމެ ފަހު ދުވަހު އީދުމަޅި ތައްޔާރު ކުރުމަށްޓަކައި މަސައްކަތް ފެށި އެވެ. މޫސުން ގޯސް ނަމަވެސް ރަށުގެ އުތުރު ފަރާތު ހިއްކި ބިމުގައި އީދު މަޅިލުމަށް ޓަކައި ކަށިކެޔޮ ގަހުގެ ބޮޑެތި ގޮފިތަކެއް ބިމަށް ޖަހައި ތައްޔާރު ކުރި އެވެ. ދުނބުރި ގަސް މެދުގައި ބެހެއްޓުމަށް ފަހު ވަށައިގެން ހިކިފަންޖެހި އެވެ. ދުނބުރިގަސް ބޭނުން ކުރަނީ އަލިފާންގަނޑު ރޯވާ ވަގުތު ދުނބުރި ގަހުގައި ރޯވުމުން ބާރު ބާރަށް އަޑު ގޮވާނެތީ އެވެ. އަދި އަމިއްލައަށް ހަދާފައިވާ ފަޓާސްއާއި ޓަޔަރު ފަދަ ތަކެތި އީދު މަޅީގެ ތެރެއަށްލާފައި ހުއްޓެވެ. އަލިފާންގަނޑު ނިވުން ލަސްކުރުމަށްޓަކައި އެކި ޓެކްނިކްސްތައް ވެސް ބޭބުންކުރި އެވެ. އަދި އީދު މަޅީގެ ކައިރީގައި ވެލްޑިންގް ކުރި ދަގަނޑުން އީދު މުބާރިކް އިނގިރޭސީ ބަހުން ލިޔެފައި އޮތެވެ. ދެ ދުވަހުގެ މަސައްކަތަށް ފަހު އީދުމަޅި ތައްޔާރުކޮށް ނިމުނީ އިއްޔެ ހަވީރުވި ފަހުންނެވެ.

އީދުމަޅި ތައްޔާރުކޮށް ނިމުމުން ރަށުގެ އެންމެން ވެސް އިންތިޒާރު ކުރީ އިރުއޮއްސޭނެ ވަގުތަކަށެވެ. އެއީ އިރު ފެނުޖެހުމާ އެކު އީދުމަޅި ރޯކުރާ މަންޒަރު ބެލުމަށެވެ. އިއްޔެ ހަވީރު މިރަށުގައި ކުޅުނު ކުޅިވަރުތައް ބެލުމަށް ފަހު ރަށުގެ ކުދިބޮޑުއެންމެ ޖަމާވީ އީދުމަޅި ހަދާފައިވާ ރަށުގެ ހިއްކި ސަރަހައްދު، ހުސްބިމަށެވެ.

އިރުއޮއްސި އަނދިރިވުމުން އީދުމަޅީގައި ރޯކުރި އެވެ. އަލިފާން ހިފުމާ އެކު އީދުމަޅީގެ އެތެރެއަށްލާފައި ހުރި ފަޓާހާއި ގޮވާޒާތުގެ އެއްޗެހިން އަޑު ގޮވަން ފެށުމުން މީހުން ހަޅޭލެވި އެވެ. މަޖަލަކަށެވެ. ރޯވެފައިވާ އީދުމަޅީގެ އަލީގައި ކުރިއަށް ދިޔަ ކުޅިވަރަކީ ބޮޑުބެރެވެ. ރޯވެފައިވާ ފަންތަކުގެ ކަނިތައް ބުރައިގެ ވައިގެތެރެއަށްދާ އިރު، ކުޑަކުދިން ހޭލަމޭލަށް ދުވެ މަޖާނަގަ އެވެ. އަލިފާނުންގެ ކުޅިވަރުތަކާއެކުގަ އެވެ.

އީދުމަޅީގެ ތާރީހާ ބެހޭ ގޮތުން ވިލިނގިލީގެ ދުވަސްވީ މީހުން ކިޔައިދިން ގޮތުގައި އީދު މަޅީގެ ތާރީހެއް އެނގޭކަށް ނެތެވެ. ނަމަވެސް އެ ހަރަކާތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އީދު ކުޅިވަރެއް ކަމަށާއި ހަނދާނުން ހުންނަން ފެށީއްސުރެ، އަބަދުވެސް އެ ހަރަކާތް އެ ރަށުގައި ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

"އަހަރުމެން ކުޑައިރު އަހަރުން ބައްޕަމެން ވެސް މިކަން ކުރޭ. އެގޮތުން ގޮސް އަހަރުމެން ވެސް މިކަން ކުރިން. މިހާރު އީދުމަޅި އެލަނީ މިތިބަ ޒުވާނުން. އެހެންވޭމަ އެ ދަނީ ވާރުތަވަމުން. އީދުމަޅިއަކީ ވަކިމީހެއްގެ ހަނދާނުގައި ކުރާކަމެއް ނޫން. އެއީ ކުޅިވަރުތަކުގެ ފެށުން ދައްކައިދޭ ސިގުނަލް. މިކަން މިގޮތައް ކުރަނީ އަހަރުމެން. އެއީ ކުޅިވަރުތައް ފުށުމަށް އެންމެ ފުރަތަ މިކަން ކުރަނީ އަހަރުމެން،" މި ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިފަދަ ސަގާފީ ދުވަސްވީ ކުޅިވަރުތައް މިރަށުގައި އެކި އީދުތަކުގައި ޒަމާނީކޮށް ކުރިއަަށް ގެންދެ އެވެ. މިދިޔަ އަހަރުގެ ބޮޑު އީދުގައި ވިލިނގިލީ ދެކުނު އަވަށުގެ މީހުން އީދުމަޅި ރޯކުރީ ރިމޯޓެއް މެދުވެރިކޮށް އިލެކްޓްރޯނިކްކޮށެވެ. ޒަމާނާއި ހާލަތާއި ގުޅުވައިގެންނެވެ.

މިރަށު ކައުންސިލްގެ ރައީސް ސައުދު ހުސައިން ވިދާޅުވީ ރަށުގައި އީދު ކުޅިވަރު އާލާކޮށް ދިރުވުމަށް ކައުންސިލުން ކުރިއަށް އޮތް ތާނގައި މަސައްކަތް ކުރާނެ ކަމަށެވެ. އަަދި ފަނޑުވަމުންދާ ކުޅިވަރުތައް ޒަމާނީ ކުލަޖައްސައިގެން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން އަބަދު ވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ރަށުގައި ސަގާފީ ކުޅިވަރުތައް ދިރުވުމަށްޓަކައި މިހާރު ގދ. ވާދޫ ބަޔަކާ ގުޅިގެން މަސައްކަތްތަކެއް ހިންގާނެ ކަމަށެވެ.

އީދުމަޅި ލުމަށް އިސްކޮށް ހަރަކާތްތެރިވި މަކައްލާ އަވަށުގެ ޒުވާނުންގެ ތެރެއިން ހުސައިން ހިލްމީ ބުނީ އީދު މަޅި ލުމުގެ ހަރަކާތް ހުއްޓާނުލާނެ ކަމަށާއި އެ ސަގާފަތް އެ ރަށުގައި ދިރުވާނެ ކަމަށެވެ. އަދި އީދަކާ ދިމާކޮށް އީދުމަޅި ލުމަކީ އާދަޔާ ހިލާފު އެއްބައިވަންތަކަމަށާއި އެކުވެރިކަމާއި މަޖަލުގެ ތެރެއަށް ރަށް ގެންދާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

[ހުވަދޫ ބަހުރުވައިން]"އަހަނެ މިކަމާ ދީލަނުކަރަންނޭމާ. އަހަނެ ދުނިޔޭތިބޭހޭ ހިނދެއްގައި އީދެމަޅިޔާލުމާ ކުރިއަށް އެރަންނޭ. އަސްލު އީދެމަޅިޔާލީމައި އެހެންކަހަލަ އުފަލަކެ ހިތަން އެންނު. ތެއްޔެހައި އެންމެނެ ގުޅީގެން މަޖާގަނޑެއްގެ ތެރެއަށް މުޅި ރަޓާމިއެޔަންނު. [އަހަރުމެން މިކަން ދޫކޮށެއް ނުލާނަން. އަހަރުމެން ދުނިޔޭގައި ތިބިހާ ހިނދަކު އީދުމަޅިލުމުގެ ހަރަކާތް ކުރިއަށް ގެންދާނަން. އަސްލު ބުނާ ނަމަ އީދުމަޅި ލުމުން އެހެންކަހަލަ އުފަލެއް ހިތަށް އަންނަނީ. ހުރިހާ އެންމެން ގުޅިގެން މަޖަލުމުގެ ތެރެއަށް މުޅިރަށްދަނީ]" އީދުމަޅި ލުމުގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ބުންޏެވެ.

އީދު ކުޅިވަރުތަކުގެ ފެށުން އީދު މަޅި އިއްޔެ މިރަށުގައި ރޯކޮށްގައިވާއިރު އީދު ކުޅިވަރުތައް އޮބިނޯންނަވަރަށް އިއްޔެއާއި ރެއާ މިއަދު ވެސް މިރަށުގައި ކުރިއަށް އެބަގެންދެ އެވެ. އެގޮތުން އީދާ ދިމާކޮށް، މިރަށުގައި އީދު ކުޅިވަރު ކުޅުމަށް ވާދޫއިން މިރަށަށް 54 މީހުން އައިސްއެބަތިއްބެވެ. ވާދޫއިން އީދު ކުޅިވަރު ކުޅޭ މީހުން ވިލިނގިޔަށް ގެނައީ މިރަށާ އެންމެ ކައިރީގައި އޮންނަ ކޫއްޑޫ ފިޝާރީޒް މޯލްޑިވްސްގެ ބޯޓެއްގަ އެވެ.