19 Aug 2012, 20:58
ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ކުރެހުމާއި ފަންނުވެރި މަސައްކަތްތައް ދައްކުވައިދޭ މައުރަޒެއް މިއަދު ހުޅުވައިފިއެވެ.
ކަޅުތުއްކަލާ ކޮށީގައި "ޗީފް އޮފް ޑިފެންސް ފޯސް، އާޓް އެންޑް ކްރާފްޓް އެކްޒިބިޝަން" ގެ ނަމުގައި މަޢުރަޒު ހުޅުވައިދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
މި މަޢުރަޒަކީ އެމްއެންޑީއެފާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އަދި ޔުނައިޓެޑް އާޓްސް އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި މަޢުރަޒެކެވެ.
އެއް ދުވަހަށް ކުރިއަށްގެންދާ މަޢުރަޒުގައި އާޓްގެ ފަސް މީޑިއަމްއަކުން ކުރެހުމާއި ކްރާފްޓް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި އެކްރިލިކް ޕެއިންޓިންސް އާއި ޑިޖިޓަލް އާޓްސް އާއި މިކްސް މީޑިއަމްގެ އިތުރުން ޕެންސިލް ޑްރޯވިން އާއި ކްރާފްޓް ހިމެނެ އެވެ. ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ކުރެހުމާއި ފަންނުވެރި މަސައްކަތްތައް ދައްކާލުމަށް މުބާރާތެއްގެ ގޮތުގައި ހުޅުވާލި މައުރަޒުގައި އާޓް މީޑިއަމްތަކުގެ ތަފާތު 28 ކުރެހުމަކާއި ހަތަރު ކްރާފްޓެއް ހިމަނާފައި ވެއެވެ.
މައުރަޒަށް ހުށަހަޅާފައިވާ އާޓްސް އާއި ކްރާފްޓްތަކުގެ ތެރެއިން ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ ކޯޕްރަލް އަޙުމަދު ސުޙައިލްގެ ކުރެހުމެވެ. ދެވަނަ އަށް ދިޔައީ ސާޖަންޓް އަޙުމަދު ފަޒީން ހުށަހެޅި ކުރެހުމެކެވެ. ތިންވަނައަށް ދިޔައީ ސާޖަންޓް ޢަލީ ހުޝާމް ހުށަހެޅި ކުރެހުމެކެވެ. މީގެ އިތުރުން އެކި މީޑިއަމްތަކުން ކުރެހުމާއި ކްރާފްޓް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮންމެ މީޑިއަމްއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ މަޤާމު ހޮވާފައިވެއެވެ.
އެއްވަނައަށް ދިޔަ ފަރާތަށްދޭ ޗީފް އޮފް ޑިފެންސް ފޯސްގެ ވާދައިގެ ޓްރޮފީ އާއި ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ދޭ އިނާމް އާއި ހަނދާނީ ލިޔުން އެފަރާތްތަކާ ޙަވާލުކޮށްދެއްވީ ވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙުމަދު ޝިޔާމެވެ.
މަޢުރަޒު ހުޅުވައިދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވީ ސިފައިންގެ ތެރޭގައި ކުރެހުމާއި ފަންނުވެރިކަމުގެ ވަރަށް ގާބިލު މީހުން ތިބިކަމަށާއި އެމްއެންޑީއެފްގައި އެކިކަހަލަ އާޓް އެންޑް ކްރާފްޓް މަސައްކަތްތައް އިތުރުކުރުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އާޓިސްޓުންނަކީ ހިތަށްއަރާ އެއްޗެހި އެހެން މީހުންނަށް ފުރިހަމަ ގޮތުގައި ދައްކުވައިދޭ ބައެއް ކަމަށާއި، އެހެންކަމުން މިއީ އާލާކުރަންވެފައިވާ ކަމެއްކަމުގައި ވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.