02 Nov 2025, 09:42
ބެލުންތެރިންނަށް ރީތި ލޯބީގެ ފިލްމުތަކެއް ގެނެސްދީފައިވާ ދަރުމާ ޕްރޮޑަކްޝަންސްގެ ކުރިއަށް އޮތް ރޮމޭންޓިކް ޑްރާމާ ފިލްމު "ޗާންދް މޭރާ ދިލް" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
މިދިޔަ ހަފުތާތެރޭ ޝޫޓިން ނިންމާލިކަން އިއުލާނުކޮށްފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 10ގައެވެ.
ޒުވާން ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ލީޑްރޯލްއިން ފެންނާނެ ފިލްމު "ޗާންދް މޭރާ ދިލް" އަކީ ލަކްޝް ދަރުމާއަށް ކުޅެދޭ ދެވަނަ ފިލްމެވެ.
ލަކްޝް ދަރުމާއަށް ކުޅެދިން ފުރަތަމަ ފިލްމަކީ އޭނާ ފިލްމީ ދާއިރާއަށް ތައާރަފުވި ވަރުގަދަ އެކްޝަން ތުރިލާ "ކިލް"އެވެ. ލަކްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.

އަނަނިޔާގެ ކުރިއަށް އޮތް ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ލަކްޝް އާއި އަނަނިޔާ ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމު "ޗާންދް މޭރާ ދިލް" އަކީ ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ކަރަން ޖޯހަރު، އާދަރު ޕޫނާވައްލާ އަދި އަޕޫރްވާ މެހެތާ ހިމެނެއެވެ. ފިލްމު "ޗާންދް މޭރާ ދިލް" އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.
ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން ވަރަށް ކުޑަ ދުވަސްކޮޅެއްގައި ބެލުންތެރިންގެ ސަމާލުކަން ހޯދި އަނަނިޔާ ޕާންޑޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ، މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު ދަރުމާގެ ފިލްމު "ކޭސަރި ޗެޕްޓަ 2"އެވެ.
އަނަނިޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 31ގައި ރިލީޒްކުރާ ދަރުމާގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މޭރީ"އިންނެވެ. މި ފިލްމުގެ ބަތަލަކީ ކާތިކް އާރްޔަންއެވެ.