ބޮލީވުޑްގެ އެންމެ މަގުބޫލު ކޮރިއަގްރާފަރުގެ އިތުރުން ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭ ވެސް ގުނާލެވޭ ފަރާ ޚާންއަށް އެންމެ ބޮޑު އާމްދަނީއެއް މިހާރު ލިބެނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކޮންޓެންޓް އުފައްދައިގެން ކަމަށް ބުނެފިއެވެ.

ފަރާ ޚާންގެ ގާތް ރަހްމަތްތެރިޔާ އަދި އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާ ދާދިފަހުން ފެށި ޕޮޑްކާސްޓް ޝޯގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ފަރާ ބުނީ، ފިލްމު ޑައިރެކްޓްކޮށްގެން ލިބޭ އާމްދަނީއަށް ވުރެ ކޮންޓެންޓް އުފައްދައިގެން ލިބޭ އާމްދަނީގެ އަދަދު އެތައް ގުނައެއް ބޮޑު ކަމަށެވެ.

ނަމަވެސް ފަރާ އަދިވެސް ޝައުގުވެރިކަން ހުރީ ފިލްމު ޑައިރެކްޓްކުރުމަށް ކަމަށާއި އެއީ އަބަދުވެސް އެންމެ ކުރަން ބޭނުންވާ މަސައްކަތް ކަމަށް "އޯމް ޝާންތީ އޯމް"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފަރާ އަދި ދިލިޕް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ލޯންޗުކޮށް ވްލޮގްގައި އަމިއްލަ ކޮންޓެންޓްތައް އާއްމުންނާ ހިއްސާކުރަން ފަރާ ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުތެރޭގައެވެ.

ފަރާއާ އެކު މި ޗެނަލްގައި ހޯސްޓެއްގެ ގޮތުގައި ދެން ބައިވެރިވަނީ އޭނާގެ ގޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ދިލިޕްއެވެ. ގާތްގަނޑަކަށް 2.4 މިލިއަން މީހުން ސަބްސްކްރައިބްކޮށްފައިވާ މި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ދިލިޕަށް ވެސް ބޮޑު އާމްދަނީއެއް ލިބޭ ކަމަށާއި އެއީ ފަރާއަށް ވުރެ މާ ބޮޑު އަދަދެއް ކަމަށް ކުޅަދާނަ ފިލްމު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމުތަކުގައި ކޮރިއަގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ފަރާ ބޮލީވުޑްގައި މަސައްކަތް ފެށީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޭ ހޫ ނާ"އިންނެވެ.

އެންމެ 25 ކްރޯޑު ރުޕީސް (2.99 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި އެ ފިލްމު އިންޑިއާގައި ދައްކައިގެން 480 މިލިއަން ރުޕީސް (5.7 މިލިއަން ޑޮލަރު)ގެ އާމްދަނީ ހޯދިއިރު ބޭރުގެ މާކެޓުތަކުން ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 19 މިލިއަން ރުޕީސް (220،000 ޑޮލަރަ)ށް އަރައެވެ.

އޭގެފަހުން ފަރާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހެޕީ ނިއު އިޔާ"އިންނެވެ.

ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ދީޕިކާ ޕަދުކޯން ލީޑް ރޯލް ކުޅުނު އެ ފިލްމަށް އިންޑިއާއާއި ބޭރުގެ މާކެޓުތަކުން 64.56 މިލިއަން ޑޮލަރު ލިބުނެވެ.