މާރާމާރީއާ ގުޅިގެން މީހަކާއި ތިން ކުއްޖަކު ވަނީ ހައްޔަރުކޮށްފައި

އާޓިފިޝަލް ބީޗް ތެރެއިން ބިދޭސީއަކު ފަހައި އޭނާގެ ގައިގައި ތަޅާ މާރާމާރީ ހިންގަމުންދިޔަ ގްރޫޕެއް ހުއްޓުވަން އުޅުނު ފުލުހަކަށް މިއަދު ވަރަށް ބޮޑަށް އަނިޔާވެ، ހޭނެތިއްޖެ އެވެ.

ފުލުހުން ބުނީ ފުލުސް މީހާއަށް އަނިޔާވެ ހެއަށް ގޮތްވީ މެންދުރު އާޓިފިޝަލް ބީޗް ތެރެއިން ބިދޭސީ މީހާ ފަހައި އޭނާގެ ގައިގައި ތަޅަމުންދިޔަ ގްރޫޕްގެ މީހުން ހައްޔަރު ކުރަން އުޅެނިކޮށް އޭގެ ތެރެއިން ފިލަން ދުވި މީހެއްގެ ފަހަތުން ދަނިކޮށް ހެންވޭރު ފިލިގަސްމަގާ ވައިލެޓްމަގާ ގުޅުނުކަންމަތިން އައި ކާރެއްގައި ޖެހިގެން ކަމަށެވެ.

ނުރައްކާތެރި މި ހާދިސާގައި ފުލުސް މީހާގެ ކަނާތު ކަކުލަށް ވަރަށް ބޮޑަށް ގެއްލުންވެ، ހޭނުތުމުގެ ސަބަބުން އޭޑީކޭގައި ހޮސްޕިޓަލުން ވަނީ ފަރުވާ ދޭން ފަށައިފަ އެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ އިތުރު ތަފުސީލެއް ނުދެ އެވެ.


ބީޗްގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 20 އަހަރުގެ މީހަކާއި 15 އަހަރާއި 16 އަހަރާއި 17 އަހަރުގެ ތިން ކުޑަކުދިންނެވެ. މީގެ ތެރެއިން ތެރެއިން 16 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖާ ވަނީ ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފަ އެވެ.

އަދި މި މާރާމާރީ ހިންގުމުގެ ކުރިން މިއަދުގެ ހެދުނު 10:30 އެހާކަންހާއިރު އާޓިފިޝަލް ބީޗް ތެރޭ ހިނގި އެހެން ހަމަނުޖެހުމެއް ހުއްޓުވަން ދިޔަ ފުލުހުނަށް މެންދުރުގެ މާރާމާރީގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ، މަރުގެ އިންޒާރުދީ، މަރާލާނެ ކަމަށްވެސް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.