30 Aug 2010, 11:03
16:04
ސ. ހިތަދޫގައި ރޭ ހިންގި މާރާމަރީއެއްގައި ރެންޗަކުން ޖަހައި މީހެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 11 ޖަހާ އެހާކަންހާއިރު ހިތަދޫ ޒިޔާރަތްފަންނު ސަރަހައްދުގައި ހިންގި އެ މާރާމާރީގައި ރެންޗަކުން ހަމަލާ ދިނުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސްފައި ވަނީ އުމުރުން 26 އަހަރުގެ މީހެއް ކަމަށާއި އޭނާ އަށް އިތުރު ޒަހަމްތައް ވެސް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ރެންޗުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ބޮލުން އެއް އިންޗިވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ އެއް އަތުގެ އުޅަނބޮއްޓަށް ވެސް އަނިޔާވެ، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ.
މިހާރު އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިންގައިފައި ވަނީ އަނިޔާވި މީހާ އާއި މާރާމާރީ ހިންގި މީހާ އެއް ސައިކަލެއްގައި ދުއްވާފައި ދިއުމަށް ފަހު ކަމަށެވެ. ނަމަވެސް މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބޮޑަށް ލަފާކުރެވެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އަދި މާރާމާރީ ހިންގި މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ތަފާތު ރެކޯޑުތަކެއް އޮންނަ މީހެއް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.