ފިލްމު "ޕުޝްޕާ"އިން ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ރަޝްމިކާ މަންދަންނާގެ އެދުމަކީ ވެސް މަސައްކަތުގެ ގަޑި އަށް ގަޑިއިރަށް ބަދަލުކުރުން ކަމަށް ބަތަލާ ބުނެފިއެވެ.

ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަޝްމިކާ ބުނީ އޭނާ އަކީ ވެސް ފިލްމު ޝޫޓިންގްތަކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރުމުގެ ތަޖުރިބާކޮށްފައިވާ ފިލްމީ ތަރިއެއް ކަމަށެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި ހޭދަކުރަންޖެހޭ މިންވަރަށްވުރެ މާބޮޑަށް ވެސް ފިލްމު ސެޓުގައި ވަގުތު ހޭދަކޮށްފައިވާނެ ކަމަށާއި އެއީ އެއްގޮތަކަށްވެސް ރަނގަޅު އާދައެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެހެންކަމުން ފިލްމު ސެޓުގައި މަސައްކަތް ކުރުމުގެ ވަގުތު ކުޑަކުރުމަށް ވަކާލާތުކޮށް ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ގޯސް ވިސްނުމެއް ނޫން ކަމަށާއި އެ ފުރުސަތު ލިބިއްޖެނަމަ އެކަން ދޫކޮށް ނުލުމަށާއި އަބަދުވެސް އަމިއްލަ ނަފުސަށް އެންމެ ރައްކާތެރި ގޮތަކަށް ކަންކަން ނިންމުމަށް އިސްކަން ދިނުމަށް ބަތަލާ ވަނީ ގޮވާލާފައެވެ.

ސައުތު އެކްޓަރު ރާޖް ދެވެރަކޮންދަ އަދި ބަތަލާ ރަޝްމިކާ--ފޮޓޯ/މިޑްޑޭ

މިފަހަކަށް އައިސް ފިލްމީ މަސައްކަތްތަކުގައި ފިލްމީ ތަރިން ހޭދަކުރާ ވަގުތާ ބެހޭގޮތުން ކުރެވޭ ބަހުސްތަކުގެ ޚަބަރު ފެންނަ ކަމަށް ރަޝްމިކާ ވަނީ ބުނެފައެވެ. ފިލްމު ސެޓުގައި ހޭދަކުރަން ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރު ވަގުތު ސެޓުގައި ހޭދަކުރުމަކީ ބޭނުންކަމެއް ނޫންކަން އަމިއްލަ ތަޖުރިބާއަށް ބަލާފައި ބުނެވިދާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އޮފީސްތަކުގައި ވަޒީފާ އަދާކުރުމަށް އަށް ގަޑިއިރު ކަނޑައަޅާފައި އޮންނަ އުސޫލުން މަސައްކަތް ކުރުމުގެ ވަކި ވަގުތެއް ފިލްމީ ތަރިންނަށް ވެސް ކަނޑައެޅިފައި އޮތުމަކީ ރަޝްމިކާގެ ވެސް އެދުމެއް ކަމަށާއި އެއީ އަމިއްލަ ނަފުސުގެ ދުޅަހެޔޮ ކަމަށްވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ފިލްމު "ތަމާ"ގެ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމީ ތަރިންނަކީ ވެސް އަމިއްލަ އާއިލާއެއް އޮންނަ ބައެއް ކަމަށާއި މަސައްކަތް ނިންމާލުމަށްފަހު އާއިލާއާ އެކު ވަގުތު ހޭދަކޮށް ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ލިބުމަށް އެކްޓަރުން ވެސް ޚާއްސަކޮށް ބަތަލާއިން ވެސް ބޭނުންވާނެ ކަމަށް ރަޝްމިކާ ވަނީ ބުނެފައެވެ.

މަސައްކަތުގެ ވަގުތާ ބެހޭގޮތުން ރަޝްމިކާ ޚިޔާލުފާޅުކޮށްފައި މިވަނީ ބަތަލާގެ ލޯބިވެރިޔާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ އެކްޓަރު ވިޖޭ ދެވަރަކޮންދާއާ އެންޖޭގްވެފައިވާ ކަމުގެ އަޑުތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން ދެ ތަރިންގެ ކައިވެނި އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ކުރަން ވަނީ ނިންމާފައެވެ.