ފިތުރު އީދާއި ގުޅުވައިގެން ކުޅިވަރުގެ ތަފާތު ހަރަކާތްތައް މާލޭގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. އަދި އީދު އުފާ ފާހަގަކުރަން އެކި ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ވެސް ވަނީ ދައްކާލާފަ އެވެ.

އީދު ކުޅިވަރު ބަލަން ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން އެކި ސަރަހައްދުތަކަށް މިއަދު ޖަމާވިއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެންމެ ބޮޑު އިވެންޓަކަށްވީ މުއާސަލާތީ ކުންފުނި ދިރާގުން އިންތިޒާމް ކުރި "ދިރާގު އީދު ޕެރޭޑެ" ވެ. ހަވީރު ޝޯޝަލް ސެންޓަރު ކައިރިން ފަށައިގެން މާލެގެ އެކި މަގުތަކުގައި ކުރިއަށްދިޔަ ފެރޭޑްގައި ފިލްމީ ދާއިރާގެ ފަންނާނުންނާއި ދިރާގުގެ މުވައްޒަފުންގެ ހަރަކާތްތައް ފެނިގެންދިޔަ އެވެ.

އިތުރު ފަރާތަކުން އިންތިޒާމްކޮށްގެން މިއަދު ހަވީރު ވަނީ މާލި ނެށުމާއި ބޮޑުމަސް ދުއްވުމުގެ ހަރަކާތްތަކެއް ވެސް މަގުތަކުގައި ބާއްވާފަ އެވެ. މާލި ހަރާކާތްތަކާއެކު ދަފި ނެގުމާއި ސަގާފީ ކުޅިވަރު ވެސް ކުރިއަށްދިޔަ އެވެ.

އީދު އުފަލުގެ މި ހަރަކާތްތައް ކުރިޔަށް ދިޔައިރު އާޓިފިޝަލް ބީޗް ސަރަހައްދާއި ކުޑަ ކުދިންގެ ބަގީޗާގައި ވެސް ކުދިންނާއި ގުޅުންހުރި ކުޅިވަރުތަކާއެކު ބޮޑުބެރާއި ދަނޑިޖެހުން އޮތެވެ.

އީދު ފާހަގަ ކުރަން ބާއްވާ "ދިރާގު އީދު ޝޯ 2012" ވެސް ރާޅުގަނޑު ސަރަހައްދުގައި މިރޭ އޮވެ އެވެ.